01 Apr 2022, 12:42

ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި ސައުދީގެ އެހީގައި ބިނާ ކުރި، ކިންގް ސަލްމާން މިސްކިތް މިއަދު ހުޅުވުމާއެކު އެތައް ހާސް ބަޔަކު ހުކުރު ނަމާދަށް އެ މިސްކިތަށް ގޮސްފިއެވެ.
ޒަމާނީ ވަސީލަތްތަކަކާއެކު ބިނާކޮށްފައިވާ އެ ފުރިހަމަ މިސްކިތް ހުޅުވީ މިއަދުގެ ހުކުރު ނަމާދަށެވެ. އަދި މިއަދުން ފެށިގެން އެ މިސްކިތުގައި ގަވާއިދުން ނަމާދުކުރަން ފަށާނެއެވެ.

ސަލްމާން މިސްކިތް ހުޅުވުމުގެ ގޮތުން މިއަދު ކުރި ހުކުރު ނަމާދުގެ ތެރެއިން -- ސަން ފޮޓޯ: އަޙްމަދު އާޒިފް
ސަލްމާން މިސްކިތަށް މިއަދު އެތައް ހާސް ބަޔަކު ހުކުރަށް ދިޔައިރު ޙުތުބާ ކިޔަން ފެށުމުގެ ކުރިން މިސްކިތް ވަނީ ފުރިފައެވެ. ބައެއް މީހުންނަށް މިސްކިތުން ޖާގަ ނުލިބިގެން އަނބުރާ ދާން ވެސް ޖެހުނެވެ.
ތުރުކީގެ ކުންފުންޏަކާ ހަވާލުކޮށްގެން ބިނާކުރި، މިސްކިތުގެ ފުރަތަމަ ދެ ފްލޯގައި 4000 މީހުންނަށް ނަމާދު ކުރެވޭނެއެވެ. ތިން ވަަނަ ފްލޯގައި ހަތަރު ކްލާސްރޫމް ހުންނައިރު ހަތަރުވަނަ ފްލޯގައި ލައިބްރަރީއެއް އަދި 350 މީހުންގެ ޖާގައިގެ އޮޑިޓޯރިއަމްއެއް ހުރެއެވެ. އޭގެ އިތުރުން، ފަސްވަނަ ފްލޯގައި 300 މީހުންގެ ޖާގައިގެ މަލްޓި ޕާޕަސް ހޯލެއް ވަނީ ގާއިމްކޮށްފައެވެ. އިމާރާތުގެ އެކި ހިސާބުތަކަށް އެރުމަށް ލިފްޓް ބަހައްޓާފައި ހުރެއެވެ.

ސަލްމާން މިސްކިތް އެޅުމަށް ޚަރަދުކޮށްފައިވަނީ 25 މިލިއަން ޑޮލަރެވެ. މި ޕްރޮޖެކްޓަށް ސައުދީން ވަނީ 14.5 މިލިއަން ޑޮލަރުގެ ހިލޭ އެހީދީފައެވެ. އަދި ބާކީ ބައި ހަރަދުކުރީ ސަރުކާރުންނެވެ.
ރައީސް ޔާމީނުގެ ވެރިކަން ނިމުނު އިރު މިސްކިތުގެ ގިނަ މަސައްކަތްކައް ނިމިފައިވީ ނަމަވެސް ސަލްމާން މިސްކިތް ހުޅުވުން އަހަރުތަކަކަށް ދިގުދެމިގެންދިޔައެވެ.

ސަލްމާން މިސްކިތް ހުޅުވުމުގެ ގޮތުން މިއަދު ކުރި ހުކުރު ނަމާދުގެ ތެރެއިން -- ސަން ފޮޓޯ: ޢަހްމަދު އާޒިފް
އެގޮތުން އެންމެ ފުރަތަމަ ސަލްމާން މިސްކިތް ހުޅުވަން ނިންމީ މިދިޔަ އަހަރުގެ މާޗު މަހުގައެވެ. ނަމަވެސް ކޮވިޑްގެ ހާލަތާ ގުޅިގެން މިނިސްޓްރީން ވަނީ އެ ތާރީޚުގައި މިސްކިތް ނުހުޅުވަން ނިންމާފައެވެ.
އޭގެ ފަހުން މިދިޔަ ރޯދަމަހަށް މިސްކިތް ހުޅުވަން މަސައްކަތް ކުރިނަމަވެސް، ނުހުޅުވުނީ އެތަނުގެ ވަސީލަތްތައް ގާއިމްނުކުރެވޭތީ ކަމަށް އިސްލާމިކް މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފައެވެ.