03 Apr 2022, 10:09
އިރަމް ދެލޯ ބޮޑުކޮށްލަމުން އައިޒަކްގެ މޫނަށް ބަލައިލިއެވެ. އޭނާއަށް އޮތީ ދެގޮތެވެ. ތެދު ހާމަކުރުމެވެ. ނުވަތަ ކުރިމަތީގައި އޮތް ގިތެޔޮމިރުސް ކާލުމެވެ.
އިރަމް ދެލޯ މަރައިލުމަށްފަހު މިރުސް ނެގިއެވެ. ޝާއިރާ އަނގަޔަށް ގޮތެއް ހަދައިލަމުން، ކިރުތަށި އިރަމްގެ ކައިރިއަށް ޖައްސާލަދިނެވެ. އައިޒަކް ކުއްލިއަކަށް އިރަމްގެ އަތުގައި ހިފެހެއްޓިއެވެ. އެންމެންނަށް ލިބުނީ ސިހުމެކެވެ.
********
"އެމީހަކީ އަހަރެން... ތި ހުރިހާ މުވައްޒަފުން މަސައްކަތްކުރާ ކުންފުނީގެ ވެރިމީހާ، އައިޒަކް..." އައިޒަކް ވަރަށް ހަމަޖެހިލާފައި ބުންޏެވެ.
އެންމެން ހުއްޓުން އަރާފައި އައިޒަކަށް ބަލަން ތިއްބެވެ. އައިޒަކް ބުނީ ކީކޭކަން ޔަގީން ނުވެފައި ތިބި ކަހަލަ ގޮތަކަށެވެ. އައިޒަކް ކުރީ ސަމާސާއެއް ހެއްޔެވެ؟ ނޫނީ އެއީ އިރަމް ސަލާމަތްކޮށްދިނުމަށް ކުރި ކަމެއް ހެއްޔެވެ؟ އިރަމް އިނީ ދެލޯ ބޮޑުކޮށްލައިގެންނެވެ. ކުއްލިއަކަށް އައިޒަކް ހާމަކުރި ހަގީގަތެއްގެ ސަބަބުން އެހެން މީހުން ހީކުރާނީ ކީކޭ ހެއްޔެވެ؟
ޒިވިއަން ހިނިތުންވެލިއެވެ. އޭނާގެ މަގުސަދު ހާސިލުވީއެވެ. ދެމީހުންގެ ގުޅުން އެހެން މީހުންގެ ކުރިމަތީގައި ހާމަކުރެވުމުން ދެމީހުންނަށްވެސް އޭގެ ހަމަޖެހުން ލިބޭނޭކަން އޭނާއަށް އެނގެއެވެ. އިރަމް އިންގޮތުން ޒިވިއަންއަށް މަޖާވިއެވެ. މޮޔަ ކުއްޖެކޭ ހިތަށް އެރިއެވެ. އިރަމްއަށް ނުވިސްނެނީ ކީއްވެ ހެއްޔެވެ؟ ދެމީހުންގެ ގުޅުން އެހެން މީހުންނަށް އެނގުމުން، އޭގެ ފައިދާ ކުރާނީވެސް ހަމަ އިރަމްއަކަށް ނޫން ހެއްޔެވެ؟
އިރަމްގެ ނޭވާ ހުއްޓިފައިވާއިރު، އައިޒަކަށް ދޫކޮށްލެވުނީ ފުން ނޭވާއެކެވެ. އެހެން މީހުންނަށް ހަގީގަތް ހާމަކުރެވުމުން އޭނާގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. އިރަމް އިނީ ބިރުންނެވެ. ދެން އޭނާއާއި ކުރިމަތިވާނީ ކޮންކަހަލަ ސުވާލުތަކެއް ހެއްޔެވެ؟ އޭގެ ޖަވާބު އޭނާ ދޭނީ ކިހިނެއް ހެއްޔެވެ؟
ޝާއިރާ ނިންމީ އައިޒަކް މަޖާކޮށްލީ ކަމަށެވެ. އޭނާ ހޭންފެށުމުން، އިރަމްވެސް ގަދަކަމުން ހޭންފެށިއެވެ. ދެންތިބި މީހުންވެސް އެ ހުނުމުގައި ބައިވެރިވެލިއެވެ.
ބާބަކިޔު ނިންމާ އެންމެން އެކި ކަންކަމުގައި މަސްއޫލުވެ އުޅެން ފެށިއެވެ. އިރަމް ކޮޓަރިއަށް ވަނުމުން، އައިޒަކާއި ޒިވިއަން އެކަނިވިއެވެ.
"ބްރަދަރ..." ޒިވިއަން ގޮވައިލިއެވެ. "އަހަރެން މިއުޅެނީ އަނެއްކާވެސް ދާން..."
"ކޮންތާކަށް؟..." ފަރުވާކުޑަ ރާގަކަށް އެހި ނަމަވެސް، އައިޒަކްގެ ހިތް އޮތީ ބިރުން ވިރޭވަރު ވެފައެވެ.
ޒިވިއަން މާ ބޮޑަށް ބަލީ ހެއްޔެވެ؟ ދެން އެނބުރި ނާންނާނެ ހެއްޔެވެ؟ ކޮންމެ ގޮތަކުންވިޔަސް، ޒިވިއަން ފޮނުވާކަށް އައިޒަކް ކުޑަކޮށްވެސް ބޭނުމެއް ނުވިއެވެ. އެކަމަކު އެވާހަކަ ބުނާކަށްވެސް ބޭނުމެއް ނުވިއެވެ.
"އިޓަލީއަށް..." ޒިވިއަން ބުނެލިއެވެ.
"ޖޮބް ހިތްހަމަނުޖެހެނީތަ؟... ނޫނީ މުސާރަ ކުޑައީ؟..." އައިޒަކް އަހައިލީ ނުތަނަވަސްކަން ފޮރުވަން މަސައްކަތް ކުރަމުންނެވެ.
"މާލޭގަ އުޅެން މާ ހަރަދުބޮޑީ..." ޒިވިއަން ދޮގެއް ހަދައިލިއެވެ.
"އަހަރެންގެ އެޕާޓްމަންޓް ހުރީ ހުސްކޮށް... ބޭނުމިއްޔާ އެތާ އުޅެވޭނެ..." ޒިވިއަންގެ ކޮންމެ އުޒުރަކަށް ދޭނެ ހައްލެއް އައިޒަކް މާ ކުރިންވެސް ހޯދާފައިވާ ކަހަލައެވެ.
"ބްރަދަރ..." ވަރަށް ބޮޑު ވާހަކައެއް ދައްކަން ބޭނުންވެފައިވާ ފަދައަކުން ޒިވިއަން ގޮވައިލިއެވެ.
އައިޒަކްގެ ހިތް ހީވީ ބޭރަށް ފުންމައިލަން އުޅުނުހެންނެވެ. މާޒީ އިއާދަވިކަމުގެ އިހުސާސް އޭނާއަށް ކުރެވިގެން ދިޔައެވެ. މަންމަގެ ފަހު ދުވަސްތަކުގައިވެސް ބަލި ވާހަކަ ބުނުމަށް އެ މަންމަ އައިޒަކަށް ގޮވައިލީ ހަމަ އެފަދަ ރާގަކަށެވެ. ޒިވިއަން ބުނާ ވާހަކައަކުން ދެން ވާނީ ކިހިނެއް ހެއްޔެވެ؟ ކަންކަން ބަދަލުވެގެންދާނީ ކިހިނަކުން ހެއްޔެވެ؟
"އަހަރެން އެބަޖެހޭ ދާން..." ޒިވިއަން ބުނެލިއެވެ. "ސޮރީ..."
ޒިވިއަން ބުނީ އޭނާ ދައްކަން އުޅުނު ވާހަކަ ނޫންކަން އައިޒަކަށް އެނގުނެވެ.
"ބަލީތަ؟..." ކެތްނުވެގެން އައިޒަކް އަހައިލިއެވެ.
ޒިވިއަން ޖަވާބެއް ނުދިނެވެ. ހިނިތުންވުމަކުން ފުއްދައިލީއެވެ. އެތައް ހާސް ރިހުމެއް އެކުލެވޭ އެ ހިނިތުންވުމުގެ ފަހަތުގައި ފޮރުވިފައިވާ ސިއްރު އެނގޭނެނަމައޭ އައިޒަކްގެ ހިތަށް އެރިއެވެ.
********
ދަތުރު ނިންމައި މާލެދާންޖެހޭ ދުވަސް ކައިރިވިއެވެ. އިރަމް ހުރީ ޒިވިއަންއާއި ވާހަކަ ދައްކާލާނެ ފުރުސަތެއް ނުލިބިފައެވެ. ހަމަ އެފަދައިން އިރަމް ބޭނުންވާފަދަ ފުރުސަތެއް ނުދޭން ޒިވިއަން މަސައްކަތް ކުރަމުން ދިޔައެވެ. އިރަމްއަކީ އައިޒަކްގެ އަނބިމީހާ ކަން އެނގުނު ފަހުން ޒިވިއަންއަށް ހަމަޖެހުމެއް ނުލިބެއެވެ. އޭނާ ފޮރުވައިގެން އުޅޭ ބޮޑު ސިއްރު އިރަމްއަށް އެނގޭތީއެވެ. އެއިން ވާހަކައެއް އައިޒަކްގެ ކަންފަތާއި ހަމައަށް ދާކަށް އޭނާ ބޭނުމެއް ނުވެއެވެ.
ރޭގަނޑުގެ ވަގުތެވެ. އާދައިގެމަތިން އެންމެން ނިދަން ވަންނަހާއިރު ކޮށްފައި، އައިޒަކް އޭނާގެ ކޮޓަރިން ނުކުތެވެ. އެންމެ ކޮޓަރިއެއް ފިޔަވައި ހުރިހާ ކޮޓަރިތައް ހުންނަނީ ބޭރުން ވަދެވޭހެންނެވެ. ކޮޓަރިތަކުގެ ކައިރީގައި ބޯގަންވިލާ އާއި ފިނިފެންމާ ހައްދާފައިވާތީ، ރޭގަނޑުވެސް މާހައުލު ފެންނަނީ ނުހަނު ހިތްގައިމު ގޮތަކަށެވެ.
ދިރޭ ފުރާނައެއްގެ ހިލަމެއްވެސް ނުވެއެވެ. މުޅި ރަށް ނިދާފައިވާ ކަހަލައެވެ. ވައިރޯޅިއެއްވެސް ޖެހިނުލައެވެ. އައިޒަކްގެ މިސްރާބު ހުރީ އިރަމްގެ ކޮޓަރިއާއި ދިމާއަށެވެ. އިރަމް ތައްޔާރުވެލައިގެން ދޮރުމަތީގައި ހުއްޓެވެ. އައިޒަކް ފެނުމުން ހިނިތުންވެލިއެވެ. ކޮންމެ ރެއަކުވެސް އެންމެން ނިދުމުން އައިޒަކް އިރަމްގެ ކައިރިއަށް ދެއެވެ. ފަތިސްވުމުން އެނބުރި ގޮސް ކޮޓަރިއަށް ވަދެއެވެ.
އިރަމްގެ ކޮޓަރިއާއި ޖެހިގެން ހުންނަނީ ޝާއިރާގެ ކޮޓަރިއެވެ. ޝާއިރާ އޭނާގެ ކޮޓަރި ދޮރު ހުޅުވައިލީ، އައިޒަކް އިރަމްގެ ކޮޓަރިއާއި ނުހަނު ކައިރިވެފައި ހުއްޓައެވެ. ކުއްލިއަކަށް ތެޅިގަނެފައި އައިޒަކަށް ދޮރަށް ފުރަގަސްދެވުނީ ކިރިޔާއެވެ. އޭނާއަށް ހިފައިލެވުނީ ކުރިމަތީގައި ހުރި ފިނިފެންމާ ގަހުގައެވެ. ކަށިތައް އަތަށް ހެރުނު ނަމަވެސް ހަޅޭއްލަވައިގަންނާކަށް އޭނާއަކަށް ނުކެރުނެވެ. ދެލޯ މަރައި ބާރުކޮށްލައިގެން އޭނާ ހުއްޓައި، ޝާއިރާ އެދިމާއަށް އަންނަ އަޑު އިވުނެވެ.
"ކާކު؟..." ޝާއިރާގެ އަޑުގައިވީ ޖެހިލުންވުމުގެ އަސަރެވެ.
ޝާއިރާ ކައިރިވަމުން ދިޔަވަރަކަށް އައިޒަކްގެ ހިތުގެ ތެޅުން އިތުރުވަމުން ދިޔައެވެ.
"ބޮޝް؟..." އައިޒަކާއި ދާދި ކައިރިވެފައި، ޝާއިރާ ގޮވައިލީ ޔަގީންކޮށްލާ ފަދައިންނެވެ.
އައިޒަކްގެ ހިތް ތެޅެމުން ދިޔައެވެ. ޝާއިރާއަށް އޭނާ ފެނުމުން ވާނީ ކިހިނެއް ހެއްޔެވެ؟ ދަންވަރުގަޑީގައި އަންހެން ކުދިންގެ ކޮޓަރިތައް ކައިރިން ފެނުމުން، ގޯސް މާނައެއް ނުނަގާނެ ހެއްޔެވެ؟ އައިޒަކް އަވަސް އަވަހަށް ބަނބުކެޔޮފަތެއް މޫނުގައި އެޅިއެވެ. އޭނާ ފަސްއެބުރި ބަލައިލުމާއިއެކު ޝާއިރާ ތޫލި އަޑަކުން ހަޅޭއްލަވައިގަތެވެ. ދުވެފައި ގޮސް ކޮޓަރިއަށް ވަދެ، ތަޅުލިއެވެ. ޝާއިރާ ހީކުރީ ޖިންނިއެއް ކަމަށެވެ. ބިރުން ގޮސް އޭނާގެ ހިތް ހުއްޓޭވަރުވިއެވެ.
އެހެން މީހުން ނުކުތުމުގެ ކުރިން އިރަމް ދުވެފައި ނުކުމެ، އައިޒަކް އެތެރެއަށް ވެއްދިއެވެ. އޭރު ކަށި ހެރުނު ތަންތަނުން ދިލަ ނަގާތީ އައިޒަކް އޭނާގެ އަތަށް ފުމެނީއެވެ. އިރަމް މަޖާވެގެން ހޭން ފެށުމުން، އައިޒަކަށްވެސް ހެވުނެވެ.
"ހެންޏާ ޖެހިދާނެ އަދަބެއް ދޭން..." އިންޒާރެއް ދޭކަހަލަ ރާގަކަށް އައިޒަކް ބުނެލިއެވެ.
އައިޒަކް އިރަމްގެ އަތުގައި ހިފައި، ކައިރިއަށް ދަމައިލިއެވެ. އޭނާ އިރަމްގެ މޫނާއި ކައިރިވެލި ވަގުތު އިވުނީ އިރަމްގެ ކޮޓަރީގައި ޓަކި ޖަހަންފެށި އަޑެވެ. އެއާއިއެކު ޝާއިރާގެ އަޑު އިވުނެވެ. ހަދަންވީގޮތެއް ނޭނގިގެން އިރަމް ފަހަރަކު ތަނެއް ބަލަން ފެށިއެވެ. އައިޒަކް ފާހާނާއަށް ވައްދަން އުޅެފައިވެސް ޝާއިރާ ފާހާނާއަށް ވަދެފާނެކަމަށް ބަލާފައި، އެ ޚިޔާލު ދޫކޮށްލިއެވެ.
"އެނދު ދަށަށް ވަދޭ... އަވަސް..." އިރަމް ބުންޏެވެ.
އައިޒަކަށް އެތެރެއަށް ވަދެވުނީ ގައިގެ ބައެއް ތަންތަން މަށާލައިގެންނެވެ. އޭރު ހޫނުވެގެން މުޅި މީހާ އޮތީ ދާހިއްލާ ފޯވެފައެވެ. އިރަމް ދޮރު ހުޅުވުމުން ޝާއިރާ އެތެރެއަށް ދެމިގަތެވެ. އޭނާގެ އަތުގައި ރަޖާގަނޑެއް އޮތެވެ.
"އަހަންނަކަށް ނުކެރޭނެ އެކަނި ނިދާކަށް..." ޝާއިރާ އޭރުވެސް ހުރީ ބިރުންނެވެ.
އިރަމް އެއްޗެއް ބުނުމުގެ ކުރިން ޝާއިރާ ގޮސް އެނދުގައި އޮށޯތެވެ. ހަދަންވީގޮތެއް ނޭނގިފައި އިރަމް ހުރީ ކޮޅަށެވެ. ޝާއިރާގެ ކައިރީގައި ދާށޭ ބުނާކަށްވެސް ނުކެރުނެވެ. އަނެއްކޮޅުން އައިޒަކް އެނދުދަށުން ނެރެވޭނެ ގޮތެއް ނެތުމުންވެސް އޭނާ ހުރީ ނުތަނަވަސްވެފައެވެ. ގިނައިރެއްނުވެ، ޝާއިރާ ގުގުރިދަމާއަޑު އިވެން ފެށިއެވެ.
ޝާއިރާ ނިދިކަން ޔަގީންކޮށްފައި އައިޒަކް އެނދު ދަށުން ނުކުތެވެ. އިރަމް ގޮވައިގެން އޭނާ ނުކުތީ ބޭރަށެވެ.
"ދެން ދާނީ އަހަރެންގެ ރޫމްއަށް... އެތަނަށް ވަންނަން ކެރޭނެ މީހަކު ނުހުންނާނެ..." އައިޒަކް ފަހުރުވެރިވެލާފައި ބުންޏެވެ.
ދެމީހުން ގޮސް އައިޒަކްގެ ކޮޓަރިއަށް ވަން މަންޒަރު ބަލަން މީހަކު ހުރިކަމެއް އެއިން އެކަކަށްވެސް ނޭނގުނެވެ. އެމީހާ އޭނާގެ ކެމެރާގައި އެ ދެމީހުންގެ ތަސްވީރެއް ރައްކާކޮށްލިއެވެ.
*********
ދުވަސްތައް ފާއިތުވަމުން ދިޔައީ ހީވެސް ނުކުރާހާ އަވަހަށެވެ. ރޭގަނޑު ކައިގެން އެންމެން ތަންކޮޅެއް ކުރިން ނިދަން ވަނީ ފަތިހު ފުރަންޖެހޭތީއެވެ. އައިޒަކް ފިހާރައަކަށް ދިޔުމުން އިރަމް ބޭރުގައި މަޑުކޮށްލައިގެން ހުއްޓެވެ. ފޯނެއްގައި ހުރެގެން ޒިވިއަން ބޭރަށް ނުކުތްތަން ފެނުމުން އިރަމް އެދިމާއަށް ހިނގައިގަތެވެ. އޭނާ ޒިވިއަން އާއި ދައްކަން ބޭނުންވާ އެތައް ވާހަކައެއް ހުއްޓެވެ.
"ކީއްވެތަ؟... ކޮބާތަ މައްސަލައަކީ؟... ބޭބެތަ؟... ނޫނީ އަހަރެންތަ؟..." ޒިވިއަން ނުތަނަވަސްވެފައި ހުރެ ފޯނުން ވާހަކަ ދައްކަމުން ދިޔައެވެ.
އިރަމްގެ ފިޔަވަޅުތައް ހުއްޓުނެވެ. ގޯތިތެރެއަށް ވެރިވެފައިވާ އަނދިރިކަމުގެ ސަބަބުން ޒިވިއަންއަށް އިރަމް ނުފެނުނީކަން އޭނާއަށް އެނގުނެވެ. އިރަމް ހިމޭނުން ހުރީ ޒިވިއަން އެފަދަ ގޮތަކަށް ދުވަހަކުވެސް މީހަކާ ވާހަކަ ދައްކާފައިވާ އަޑު އިވިފައިނުވާތީއެވެ. އެންމެންނާއި ގުޅޭ އެކުވެރި ޒިވިއަން އެހާ ނުރުހިފައި ވާހަކަ ދައްކާނީ ކާކަށް ހެއްޔެވެ؟
"މީ އަހަރެންގެ އަމިއްލަ މައްސަލައެއް... އެހެންނޫނަސް ކަންބޮޑުނުވޭ... އަހަރެން މާގިނަ ދުވަހަކު ދެން މިތާކު ނުހުންނާނަން..." ޒިވިއަންގެ އަޑުގައި ނޭނގޭ ރިހުމެއްގެ އަސަރު ވިއެވެ.
ފޯނު ކަނޑާލާފައި ކުރިއަށް ހިނގައިގަތް ޒިވިއަން ސިހުނީ ކުރިމަތީގައި ހުރި އިރަމް ފެނުމުންނެވެ. އިރަމްގެ މޫނުން އޭނާއަށް ދެންމެ ދެއްކި ވާހަކަ އަޑު އިވިފައިވާކަން ޒިވިއަންއަށް އެނގުނެވެ.
"އަހަރެން ބޭނުން ވާހަކައެއް ދައްކާލަން..." އިރަމް ހުއްދައަށް އެދުނެވެ.
"މިގަޑީ؟..." ފޯނުގެ ގަޑި ބަލައިލަމުން ޒިވިއަން ސުވާލުކުރިއެވެ.
އިރަމް ހިނގައިގަތުމުން ފަހަތުން ޒިވިއަންވެސް ދިޔައެވެ. ކުށްވެރިއެއް ފަދައިން ގައިގެ ވަރު އެލުވާލައިގެން ހުރެއެވެ. އިރަމް މިސްރާބުޖެހީ ކައިރީގައި ހުރި ކެފޭ އާއި ދިމާއަށެވެ. ކެފޭގައި މީހުން މަދު ވަގުތެކެވެ. ހުސްކޮށް ހުރި މޭޒެއްގެ ކައިރީގައި ދެމީހުން އިށީނެވެ.
"އަހަންނަށް ހުރިހާ ކަމެއްވެސް އެނގިއްޖެ..." އިރަމް ބުންޏެވެ.
ޒިވިއަން އުނދަގޫގޮތަކަށް ހީލިއެވެ. އިރަމްއަށް އެނގުނީ ކޮން ކަމެއްކަން އޭނާއަށް ރަގަޅަށް އެނގެއެވެ. އެކަމަކު އޭނާއަށް ނޭނގުނީ އެއީ ކޮން މިންވަރެއް ކަމެވެ. ޒިވިއަން ތަންކޮޅެއް ދުރުގައި ހުރި ވޭޓަރަށް އަތުން އިޝާރާތްކޮށް އައުމަށް އެދުނެވެ. ވޭޓަރު އައުމުން އޯޑަރު ދީފައި އިރަމްއަށް ނަޒަރު ހުއްޓައިލިއެވެ.
"ތިހެން ހުއްޓާ ދެރަކަމެއް ވެދާނެ... މާލެ ގޮސް ހިނގާ ހޮސްޕިޓަލުގަ އެޑްމިޓްވާން..." އިރަމް ދެރަވެލާފައި ބުންޏެވެ.
"އަހަރެން އަދި އެހާ ބައްޔެއް ނޫނޭ... ބަލާބަލަ ފިޓްކަން..." ޒިވިއަން ގަދަކަމުން ހިނިތުންވެލިއެވެ.
"ޒިވިއަން ފިޓެއް ނޫނޭ... އަހަރެން ދެކެމޭ ޒިވިއަން އުޅޭ ހާލު... އަހަންނަށް އެނގޭ ޒިވިއަންއަށް ނުނިދޭކަން... ރަނގަޅަށް ނުކެވޭކަން... މުޅި މީހާ ވަރުދެރަވެފަ ހުންނަ ވަރު..." އިރަމް ފެންކަޅިވިއެވެ. "ދެންވެސް އަހަރެން ހަނު ހުންނަންވީތަ؟... އެއްވެސް އެއްޗެއް ނުބުނަންވީތަ؟..."
"އަހަންނާ ދޭތެރޭ އެހާ ކެއާ ކުރަންތަ؟..." ޒިވިއަންގެ ދެލޯ ފެންކަޅިވި ނަމަވެސް އޭނާ ހިނިތުންވެލީ އުފަލުންކަން މޫނުމަތީގެ އަސަރުތަކުން އެނގުނެވެ. "މަންމަ ނިޔާވިފަހުން، އަހަންނާ ދޭތެރޭ މީހަކު ތިވަރަށް ވިސްނި މީ ފުރަތަމަ ފަހަރު..."
ޒިވިއަންގެ ވާހަކަތަކުން އިރަމްގެ ހިތުގައި ޖެހުނެވެ. އޭނާ ތުން ފިއްތައިލި ނަމަވެސް، ދެލޮލަށް ބޮނޑިވެގަތް ކަރުނަތަކެއް ނުހިފެހެއްޓުނެވެ.
"ޒިވިއަން!... ކޮންމެސް އެކަކު ގޮތް ދޫކުރަންވެއްޖެއެއްނު... ކީއްވެތަ ތިހާ ބޯ ހަރީ؟... އަހަންނަށް އެނގޭ ޒިވިއަންގެ ބޭބެއަކީ އައިޒަކް ކަން..." އިރަމް ބުނެލިއެވެ.
ޒިވިއަން ނުސިހެއެވެ. ހައިރާންކަމެއްވެސް މޫނުން ނުފެނުނެވެ. އިރަމްއަށް ހަގީގަތް އެނގޭކަން އޭނާއަށް މާކުރިންވެސް އެނގޭ ކަހަލައެވެ.
"އަހަރެން ބޭނުމެއް ނޫން އެއްވެސް ކަމެއް ބޭބެއަށް އަންގާކަށް..." ޒިވިއަން ބުންޏެވެ.
"އެއީ ކީއްވެ؟... ޒިވިއަން ދާ ފަހުން ޒެކްއަށް އެނގުނީމަ ކިހިނެއްވާނީ؟... ޒިވިއަންއަށް ހީވޭތަ ޒެކްއަށް އަމިއްލަ ނަފުސަށް މާފުކުރެވޭނެހެން؟..." އިރަމް މަސައްކަތްކުރީ ވިސްނައިދޭށެވެ. "ޒިވިއަންއަށް އެނގޭތަ، ޒެކް ލޯބިވާވަރު؟... އެކަކަށް ނޭނގުނަސް، އަހަންނަށް އެނގޭ ޒިވިއަންދެކެ ޒެކް ވަރަށް ލޯބިވާކަން..."
"އެހެންވެއޭ އަހަރެން މިކަންތައް އަންގަން ބޭނުން ނުވަނީ..." ޒިވިއަން ބުނެލިއެވެ.
"ދެން؟... ކޮންމެސް ދުވަހަކުން އެނގޭނެއެއްނު... ފަހުން އެނގުނީމަ މާ ދެރަވާނެއޭ..." އިރަމް ޝަކުވާގެ ރާގަކަށް ބުންޏެވެ.
"މަންމަހެން އަހަރެންވެސް..." ޒިވިއަން އިސްޖަހައިލިއެވެ.
އޭނާގެ ދެލޮލުން ވެއްޓުނު ކަރުނަތިކި ފޮހެލަމުން ހިނިތުންވެލަން މަސައްކަތް ކުރިއެވެ.
"އަހަންނަކަށް ފަސޭހައެއް ނޫން މިކަން ޒެކްއަށް ސިއްރުކުރާކަށް... އެކަމަކު ޒިވިއަން އެގޮތް ބޭނުން ނުވަންޏާ، އަހަރެން އެއްވެސް ވާހަކައެއް ނުބުނާނަން..." އިރަމް ބުންޏެވެ.
"އަހަރެން މީ ބޭކާރު މީހެއް... ބޭބެ އަހަރެންދެކެ ރުޅި އައުން ހައްގު... އަހަންނަށް މަންމައަށްވެސް އެހީނުވެވުނު... އަހަންނަށް އެހީވެވުނުނަމަ، މަންމަގެ ފުރާނަ..." ޒިވިއަންއަށް އޭނާގެ ވާހަކަ ފުރިހަމައެއް ނުކުރެވުނެވެ.
(ނުނިމޭ)