އެމެރިކާގެ ނިއުޔޯކްގައި މިދިޔަ އަހަރު ފަހުކޮޅު ފެށި "އޮކިއުޕައި" މުޒާހަރާ ފެށިތާ ހަ މަސް ފުރުން ފާހަގަކުރުމުގެ ގޮތުން އިއްޔެއާ ރޭ މުޒާހަރާކޮށްފި އެވެ.

ނިއުޔޯކްގެ ޕާކެއްގައި އިއްޔެ ކުރަން ފެށި މުޒާހަރާ އެމެރިކާގެ ފުލުހުން ރޭ ރޫޅާލީ އެތައް ބަޔަކު ހައްޔަރުކޮށްގެން ކަމަށާއި އެހެން ނަމަވެސް ރޫޅާލުމުގެ ތެރޭގައި ހައްޔަރުކުރި މީހުންގެ އަދަދާ މެދު ރަސްމީ އެއްވެސް ފަރާތެއްގެ ބަހެއް ނުލިބޭ ކަމަށް ރޮއިޓާސްއިން މިއަދު ބުންޏެވެ.

ނަމަވެސް އިއްޔެގެ ކުރީގެ ވަގުތެއްގައި މުޒާހަރާގެ ބައިވެރިންގެ ތެރެއިން 15 މީހުން ހައްޔަރުކުރި ކަމަށާއި ބައެއް ފުލުހުންނަށް އަނިޔާވި ކަމަށް ނިއުޔޯކްގެ ފުލުހުން ބުންޏެވެ.

އިއްޔެގެ މުޒާހަރާގައި ބައިވެރިވީ ގާތްގަނޑަކަށް 300 އެއްހާ މީހުންނެވެ. އެމީހުން ނިއުޔޯކްގެ ފައިނޭންޝަލް ޑިސްޓްރިކްޓްގެ މަގުތަކުގައި މުޒާހަރާ ކުރުމަށް ފަހު ޕާކަށް ޖަމާވީ ރޭގަނޑު 11.00 ހާއިރު އެވެ.

"މިއީ އަހަރެމެންގެ ބަހާރުމޫސުމުގެ ހަމަލާ، މީހުން ހީކުރީ އޮކިޕައި މޫމެންޓް ދިޔައީ ކަމަށް، އަހަރެމެން އެނބުރި އައިތަން ދުށުމަކީ މީހުންނަށް މުހިއްމުކަމެއް،" އޮކިއުޕައި ހަރަކާތުގެ ފަރާތުން ވާހަކަ ދައްކާ މީހެއް ކަމަށް ބުނާ އުމުރުން 30 އަހަރުގެ މިޚައިލް ޕްރޭމޯ ބުނިކަމަށް ރޮއިޓާސްގައި ވެއެވެ.

އޮކިއުޕައި ހަރަކާތަކީ، ޑިމޮކްރަސީ ހޯދުމަށް އަރަބި ދުނިޔޭގައި މިދިޔަ އަހަރު ފެށި "އަރަބި ބަހާރު"ގެ ނަން ދީފައިވާ މުޒާހަރާތަކުން ހިތްވަރު ލިބިގެން އެމެރިކާގައި ފެށި ހަރަކާތެކެވެ. އެހަރަކާތް ފަހުން ޔޫރަޕްގެ ބައެއް ގައުމުތަކަށް ވެސް ފެތުރުނެވެ.