04 Apr 2022, 13:42
"އެ ހެދުމެއްގައި ހުރެގެން ނަމާދު ނުކުރެވޭނަމަ އެފަދަ ހެދުން ނުލާށެވެ. އެތަނެއްގައި ހުރެގެން ތިމާ މަރުވާން ނޭދޭނަމަ އެފަދަ ތަނަކަށް ނުދާށެވެ. އެ ބަހަކީ ތިމާގެ އެންމެ ފަހުގެ ބަސް ކަމުގައި ވުމަށް ނޭދެންޏާ އެފަދަ ބަހެއް ނުބުނާށެވެ. މަރުދެކެ ބިރުގަތުމަށްވުރެ އެ މަރު ތިބާއާއި ބައްދަލުކުރާނެ ހާލަތާއިމެދު ބިރުވެތިވާށެވެ."
***
"ކޭޓް. ފުލުހުންނަށް އޭނަގެ ކުށުގެ ރިކޯޑެއް ނުފެނުމުން ދޫކޮށްލައިފި. ކިހިނެއް ހަދަންވީ؟" މާކް ސުވާލުކުރިއެވެ.
"މަތީބައިގާ އޭނަ އުޅެނީ ދޯ؟ ކުއްޔަށް އޭނަ ހުރީމަ ފަހަރެއްގައި އަޅުގަނޑަށް ފައިދާ ވާނީ. އޭނަގެ ނަމަކީ ހާރިސް ؟" ކެތްރީން ފޯނު ކަންފަތުގައި ޖަހައިގެން ހުރިއިރު ތުންފަތްމަތީގައި ނުފިލާ ހިނިތުންވުމެކެވެ." ފައިސާގެ ދަތިކަން ބޮޑުވެފައިވާ ދަނޑިވަޅެއްގައި ނިރުބަވެރިންގެ އަތުންވެސް ފައިސާ ހޯދަން ޖެހޭ ވަގުތެއް އައިސްދާނެ..އޭނަގެ ކުށުގެ ޕާސްޓެއް ނެތިއްޔާ އަޅާނުލަމާ....."
***
މާކް ކްރޯފޯޑްގެ ތަނަވަސް ސިޓިން ރޫމް ތެރޭގެ ފިނި ހޫނުމިން ހިފެހެއްޓިފައިވަނީ އެހެން އެންމެނަށް އަރާމުވާފަދަ ހިތްގައިމު މިންގަނޑަކަށެވެ. ނަމަވެސް އެތެރެއަށް ވަދެ ހަށިގަނޑުން ފިނީގެ ކޯޓު ބޭލުމާއެކު ސިއާރާއަށް އަނގުރު އަލިފާނުގެ ހޫނުކަން އިހުސާސްވިއެވެ. ހަށިގަނޑު ފޮރުވައިގެން އުޅެން ބޭނުންވި ނަމަވެސް އެންމެ ބޭނުންނުވާ މީހާގެ ކުރިމައްޗަށް އަންނަން ޖެހުނީއެވެ. އަސްލަންވެސް ދެލޯ ބޮޑުވެ ގަނޑުވިފަދަ ގޮތަކަށް އިނދެފައި އިރުގަނޑަކުން އަނގައިން ބުނެވޭވަރުވިއެވެ.
"ކިހިނެއް ސިއާރާ؟"
ސިއާރާވެސް އެހެން މީހުންނަށް ގަދަރުކުރުމުގެ ގޮތުން ހީލީ ގަދަކަމުންނެވެ.
"އަލްހަމްދުލިﷲ....." ސިއާރާ ކަރުކެހިލިއެވެ. ނަސީބަކުން މާކް ޒެފްރީނާ އަދި ކެތްރީންވެސް އެމީހުންގެ އަމިއްލަ ވާހަކަތަކަށް ގެއްލިފައި ތިބުމުން ސިއާރާގެ މޫނަށް ވެރިވި ކުލަވަރެއް ނުފެންނާނެއެވެ. އަސްލަން އޭނަގެ އެ ލަފުޒުތައް އެނގުނުކަމަކަށް ނުވިއެވެ.
"ވަޓް؟"
"މިބުނީ..ކިހިނެއްހެއްޔޭ އަހަން ނުޖެހޭނެއޭ....... ޔޫ ބިޓްރޭޑް މީ." ސިއާރާ ދުރަށް ބަލަންފެށިއެވެ.
"އައި ޑިޑް. އެކަމަކު ޑެސްޓިނީ އަހަރެމެން އަނެއްކާ ކައިރިކޮށްދީފި. އަހަރެން ޕާސްޓްއާއިމެދު ރިގްރެޓެއްނުކުރަން. ރިގްރެޓްކޮށްގެން ވާނެ ފައިދާއެއްނެތީމަ. އަހަރެންގެ ދިރިއުޅުމުގެ އަނެއް ނަމަކީ މާޔޫސް. މާ ބޮޑު އުއްމީދެއް ހުވަފެންތަކެއްނެތް. އެހެން ހުއްޓާ ބައްޕަ ބޭނުންވެލެއްވީ އަހަރެން ކައިވެނިކުރަން. އާއެކޭ ބުނިއިރު އެމީހަކީ ސިއާރާއަށް ވާނެކަމަކަށް ހިޔެއްނުކުރަން. ކޮންމެ މީހަކަށްވިޔަސް ބައްޕައަށް ގަދަރުކުރަން އެމީހަކާއި އިންނަން ހުރީ. ހަޔާތުގެ މަގުސަދެއްނެތީމަ.އިޓްސް އެ ޕްލެޒެންޓް ޝޮކްއޭ އަހަރެން ބުނާނީ. ގޯޑް އިޒް ޕްލޭއިން ގޭމްސް ވިތް މައި ލައިފް. މިފަހަރު އިޓްސް ނޮޓް ކްރުއެލް..."އަސްލަން އެއްމިޔަކަނުން ހީލިއެވެ.
އަސްލަންގެ ތޫނު ނަޒަރުން ސިއާރާއަށް މިހާ އުދަގޫވިފަހަރެއް ނާދެއެވެ. އޭނަ ބޭނުންވީ އެތަނުން ދުވެފިލުމަށެވެ. މަންމައަށް ހަގީގަތް ކިޔައިދިނުމަށެވެ. މަންމައަށް ސިއްރުން އޭނަ މި ފިރިހެނާއާއި ބައްދަލުކުރަން ސިއްރު މަންޒިލްއަކަށް ދިޔަ ދުވަސްތައް ސިކުނޑީގައި ނިއުޅެވެން ފެށުމުން އެތައްފަހަރު އޭނަ ހިތާމަކުރިއެވެ. އެދުވަސްކޮޅު ކްލަބުން ފެށިގެން އޭނަ އަސްލަންއާއިއެކު ނުދާ ތަނެއްނެތެވެ. އަލުން އެބައި ރިވައިންޑްކޮށް ބަލާފައި އެ ދުވަސްތައް ފޮހެން ބޭނުންވިއެވެ.
"މި ކައިވެންޏަށް އެއްބަސްނުވާތި. އަހަރެން ދުވަހަކު މާފެއްނުދޭނަން..އަޑުއިވިއްޖެ؟އެހެންނޫނަސް........" ސިއާރާގެ ހިތުގައިވި ވާހަކަތައް އޭނައަށް ޖެހުނީ ދިރުވައިލާށެވެ. ސަބަބަކީ އޭނައަކީ މުސްލިމެއްކަމަށް އަސްލަން ގާތު ބުނެފިއްޔާ ދެން މި ބޮޑާ ފިރިހެނާ އެވާހަކަ ސިއްރުކޮށްދޭނެކަމުގެ އެއްވެސް ޔަގީންކަމެއް ނެތީމައެވެ.
އެންމެން އެކީ ކާންތިބިއިރުވެސް އަސްލަންގެ ނަޒަރު ދޭތެރެއަކުން ސިއާރާއަށް ހުއްޓުނެވެ. އެކި ވާހަކަތަކުގެ ތެރޭގައި އަވަށްޓެރިޔަކަށް އުޅޭ ހާރިސްގެ ވާހަކަ ފެށުނެވެ. ސިއާރާއަށް ލިބުނު ޝޮކާއެކު އިރުގަނޑެއްފަހުން ބުނަން ނޭގޭފަދަ ފިނިކަމެއް ހިތުގައި ހިނގާލައިފިއެވެ. ޝޭޚު ހާރިސްއަކީ އޭނަ މި ދުނިޔެއިން އެންމެ ގަދަރުކުރާ އެއް ފަރާތެވެ.
އަސްލަންއާއި ޚައިރާ މުސްލިމުންދެކެ އެހާ ނަފްރަތުކުރުމުގެ ސަބަބުވެސް ޒެފްރީނާ ކިޔާދިނެވެ. އަސްލަންގެ އެއްމާބަނޑު އަންހެންކޮއްކޮ އެލީސާ މަރުވެގެން ދިޔައީ އެދެބެންގެ ކުރިމަތީގައެވެ. ނިރުބަވެރި ހަމަލާއެއްގައެވެ. އަސްލަންގެ ހިތުގައި މުސްލިމުންނަށްޓަކާ ވާ ނަފްރަތުގެ ހުޅުކޮޅުން ސިއާރާގެ ހިތަށް އިތުރު ފޫހިކަމެއްވެރިވިއެވެ. އެހެންނޫނަސް ހަރާމް ގުޅުމަކަށް ދާން އޭނަގެ ޟަމީރު ދުވަހަކު އެއްބަސްނުވާނެއެވެ. މަންމަގެ ހިތް ކުދިކުދި ވީކަމުގައި ވިޔަސް އޭނަ ކޮންމެވެސް ބަހަނާއެއް ދައްކާފައި މި ކައިވެނިން ބޯ ދަމައިގަންނަން ނިންމިއެވެ.
***
ސިއާރާ ލެޕް ހުޅުވާލައިގެން އިނދެފައި ހާރިސްގެ ފޭން ޕޭޖް ހޯދައިގެން ޕްރައިވެޓް މެސެޖެއްކޮށްލައިފިއެވެ. މިފަދަ ކައިވެންޏެއް ހުއްދަވާނެހެއްޔޭ ސުވާލުކުރިއެވެ. އޭނައާއި ކައިވެނި ކުރަން ހަމަޖެހުނު ޒުވާނާއަކީ ކްރިސްޓިއަން އާއިލާއެއްގެ މެމްބަރަކަށްވުމުގެ އިތުރުން މުސްލިމުންދެކެ ނަފްރަތުކުރާ މީހެއްކަމަށްވެސް އޭނަ ހާމަކުރިއެވެ. އެ ސުވާލަށް ޖަވާބު އައިތޯ ބެލުނު އަދަދެއްވެސް ނޭގުނެވެ. ހާރިސްއަކީ ކޮންކަހަލަ ޝޭޚެއް ހެއްޔެވެ؟ ޖަވާބުނުދީ ލަސްކުރަނީ ކީއްވެހެއްޔެވެ؟އޭނަގެ ބޭގަރާރު ހިތަށް ކުޑަ ނަމަވެސް ހަމަޖެހުމެއް ލިބެނީ ޝޭޚުގެ ދަރުސްތަކުންނެވެ. ދީނީކަންތައް ރަގަޅަށް އޮޅުން ފިލާފައި ހުރުމުން ކޮންމެ ސުވާލަކަށްވެސް ޖަވާބުދެވޭނެ މީހެއްކަމުގައި އޭނަ ވާނެއެވެ.
ހާރިސް ޖަވާބުދިނީ ދަރުސެއްގައެވެ. އޭނައަށް އުޚުތަކު ފޮނުވި މެސެޖެއްގެ ޖަވާބޭ ކިޔާފައި ޖަވާބު ދިންގޮތުން ސިއާރާގެ ހިތުގައި ވި ގަދަރު އުފުލުނެވެ. އިހުސާންތެރި ޒުވާނެއްކަން ޔަގީންވީއެވެ. މެސެޖްތަކަށް ޖަވާބު ދިނުމަކީވެސް ރަގަޅުގޮތެއް ކަމުގައި އޭނަ ނުދެކެނީއެވެ. އެފަދަ އަޅުވެރި ޒުވާނުން ހަގީގަތުގައިވެސް ދިރިއުޅެނީހެއްޔެވެ؟
***
އަސްލަންގެ އަވަށްޓެރިއަކަށް ވާން ޖެހުމަކީ ސިއާރާއަށް ބިރުވެރި ހުވަފެނެކެވެ. ނަމަވެސް ހާރިސް އެގޭ މަތީބައިގާ އުޅޭކަން އެނގުމުން އެ ބިރުވެރި ހުވަފެނާއި ކުރިމަތިލުމުގެ ހިތްވަރު ލިބިއްޖެއެވެ. އެފަދަ ޝޭޚަކާއިއެކު އެއް ގެއެއް ހިއްސާކުރުމަކީވެސް ނަސީބެއްކަމުގައި ދެކެވުނެވެ.
"މަންމާ. މަންމަ ކީއްވެ މުސްލިމުންދެކެ އެހާ ނަފްރަތުކުރަނީ؟"
"މަންމައަށް އަނިޔާވެރިވެ އެތައް ޒަމާނެއްވާންދެން އޭނަގެ ގޭގައި ހައްޔަރުކޮށްގެން އަޅުވެތިކޮށްގެން އުޅުނީ. މަންމަ ލޯބިވި ފަރާތާއި ވަކިކުރުވީ....." ކެތްރީންގެ ލޮލުގައި ކަރުނަ ވިދައިލިއެވެ.
"އޯ......" ސިއާރާއަށް އިތުރަށް މަންމަގެ މާޒީ ކޮނެގެން އިތުރަށް ހިތްދަތިކުރުވާކަށް ނުކެރުނެވެ. ހުރިހާ މުސްލިމުންނަކީ އެފަދަ ބަޔެއް ނޫންކަން އޭނަ ވިސްނައިދޭނީ ކިހިނެއްހެއްޔެވެ؟ މުސްލިމުންނަކީ އެންމެ ފުރިހަމަ ބަޔެއްނޫނެވެ. ފުރިހަމައީ އިސްލާމް ދީނެވެ. އިންސާނުން ވީމަ ކުށްކުރާނެއެވެ. ފާފަވެސް ކުރާނެއެވެ. އެންމެ މުސްލިމަކު ދިން އަނިޔާއެއްގެ ސަބަބުން މުޅި އިސްލާމީ މުޖުތަމައަ ދެކެ ފޫހިވުމަކީ އިންސާފެއް ނޫނެވެ.
"އެލޯބިވެރިޔާއަކީ ކާކުތަ މަންމާ" ސިއާރާއަށް އަހައިލެވުނެވެ.
"މާކް....އަސްލަންގެ ބައްޕަ.."
"މަންމަ އަބަދު އެކުވެރިއެއްކަމަށް ބުނަމުން އައި މާކްއަކީ މަންމަގެ ފަސްޓް ލަވް؟" ސިއާރާ ލޯ ބޮޑުވިއެވެ.
"އާނ ދަރިފުޅާ. މަންމަ ގަދަކަމުން ފޭރިގެންގޮސް ކައިވެނި ކުރުވަން މަޖުބޫރުކޮށް އެހުރިހާ ކަމެއްކުރުމަށްފަހު މަންމަ ހޯދަން މާކް ރާއްޖެ ދިޔަ. މާކްއާއި ޒެފްރީނާއާއި ދިމާވީ އެދަތުރުގައި. މަންމަ ހޯދަން މާކް އައިއިރު މަންމަ ޕްރެގް. އެހެންވެ އޭނަ ގާތު ބުނިން ދެން މަންމަ ހޯދަން އުޅޭނެކަމެއްނެތޭ. މަންމައަކީ އެހެންމީހެއްގެ މިލްކެކޭ. މާކްގެ ހިތް ހަލާކުކޮށްލެވުމުން މާކްވެސް އޭނައާއިހެދި މޮޔަވީ އަންހެންކުއްޖަކާއި ކައިވެނިކުރީ. ޒެފްރީން ހުރީ މާކްއަށްޓަކާ އާއިލާ އާއި ދީން ކީއްކުރަން ފުރާނަވެސް ގުރުބާން ކުރަން ތައްޔާރަށް. މަންމައަށް އަނިޔާދިން މީހާވެސް އަނިޔާވެރިވީ އެކަމަކު ލޯބީގެ ނަމުގައި.އެހުރިހާ ކަމެއްކުރީ ލޯބީގެ ނަމުގައި. މަންމަ ހުރީ ވަގުތަކަށް ބަލަ ބަލާ އިންތިޒާރުގައި. އޭނަގެ އާއިލާއިން އޭނަގެ ކައިވެނިކުރުވުމުން މަންމަ ފިލައިގެން އަމިއްލަ ގައުމަށް އައީ......"
ކެތްރީން ކުޑަދޮރު ކައިރީގައި ހުއްޓިލައިގެން ބޭރަށް ބަލަން ހުރިއިރު ލޯ ކަރުނުން ތެމެމުން ދިޔައެވެ. ސިއާރާއަށް ފަހަތުންގޮސް މަންމަގެ ކޮނޑުގައި ހިފަހައްޓައިލެވުނެވެ.
"އެހާ ލޯބިވާ މީހެއްނަމަ މަންމަ ހޯދަން ނައީ ކީއްވެތަ؟"
"މަންމައަކަށް ނޭގޭ. ޔަގީނުންވެސް އޭނައަކީ އަޚުލާގު ރަގަޅު މީހެއްނޫން. މުސްލިމުންދެކެ ފޫހިވާން މަންމައަށް ޖެއްސި މީހާ އިސްލާމްދީނަށްވެސް ހުތުރުވާގޮތަށް އުޅުނީ. މަންމަ ހީކުރީ މުސްލިމުންނަށް ރާ ހަރާމްކަމަށް އެކަމަކު އޭނަ އޭގެ މަސްތުގައި ހުރެވެސް މަންމައަށް އަނިޔާކުރޭ. ދުވަހަކު ނަމާދުކޮށް ރޯދަ ހިފިމީހެއްނޫން. މަންމަވެސް ހީކުރީ މަންމަގެ ފަހަތުން އަންނާނެކަމަށް އެހެންވެ ނަންވެސް ބަދަލުކޮށްގެން އެހެން ސިޓީއަކަށް ބަދަލުވީ......" ކެތްރީން އިތުރަށް ކިޔައިދިނެވެ.
"މަންމަ ހޯދަން އުޅެ ނުފެނުނީ އެހެން ސިޓީއަކަށް އައީމަ ކަމަށްވާނީ. "
އޭނަގެ މަންމައާއި އަސްލަންގެ ބައްޕަގެ އޮތީ ކޮންފަދަ ގުޅުމެއްތޯ އަހަން އުޅެފައިވެސް އެހިތްވަރެއް ނުލިބުނެވެ. އަދިވެސް އެދެމީހުން އެކުވެރިކަމުގެ ނިވަލުގައި ލޯބީގެ ގުޅުން ކުރިއަށް ގެންދަނީ ބާވައޭ ހިތަށް އެރިއެވެ. މަންމައަށް ހިދާޔަތް ދެއްވުމަށް އެވަގުތުވެސް ދުޢާކުރެވުނެވެ. އެއާއެކު އޭނަގެ ބައްޕައާއި ބައްޕަގެ އާއިލާ ހޯދުމުގެ ޝައުގުވެރިކަން ކޮންމެވެސް ވަރަކަށް ހިތުގައި ހިނގާލައިފިއެވެ. ބައްޕަ ދުނިޔޭގައި ހުރިބާވައޭވެސް ހިތާހިތުން ސުވާލުކުރެވުނެވެ.
***
އަސްލަން ބިންމައްޗަށް ވިހުރިފައިވާ ފޮޓޯތަކާއި ކާޑްތައް ބަލަމުން ދިޔައީ ފަރުވާތެރިކަމާއެކުގައެވެ. އޭނައާއި ސިއާރާގެ އެކި ހަނދާންތަކެވެ. ދެމީހުން އެއްކޮށް ނަގާފައިވާ ހިތްގައިމު ފޮޓޯތަކެވެ. ސިއާރާގެ އެކި ހަދިޔާތަކެވެ. އޭނަ ސިއާރާއާއި ރައްޓެހިވެގެން އުޅުނީ މަޖަލަކަށެވެ. ސީރިޔަސްކޮށް އެ ގުޅުން އޭނަ ނުނެގިޔަސް ސިއާރާ އޭނައާއިހެދި ވަރުފަށެއްވިއެވެ. އެހެން އުޅެމުން އަސްލަން ކިތަންމެ ކުދިންނާއެކު ގުޅުން ބޭއްވިއެވެ. އޭނަގެ މަޝްހޫރުކަމާއި ރީތިކަމުގެ ސަބަބުން އަންހެންކުދިން ގެންގުޅުނީ ކުޅޭ އެއްޗެހި ފަދައިންނެވެ. ލައި އުޅޭ ހެދުމެކޭ ތަފާތެއްނެތެވެ. ދެތިން ފަހަރު ލުމަށްފަހު އެއްލައިލާ އުސޫލުން އަންހެންކުދިންނާއިމެދުވެސް ކަންތައްކުރިއެވެ. ސިއާރާއަށް ހަގީގަތް އެނގުމުން އޭނަ ދޫކޮށްލާފައި ދިޔައީއެވެ. ނަމަވެސް ދެވަނަފަހަރަށް އޭނަގެ ދިރިއުޅުމަށް ސިއާރާ މިއައީއެވެ. މިފަހަރު ސިއާރާގެ ލޮލުން އޭނައަށްޓަކާ ފެނުނީ ހަމައެކަނި ނުރުހުމެވެ.
***
އަސްލަން ހިތްހަމަނުޖެހުމާއެކު އަތުގައިވާ އަންގި ނައްޓާފައި ދުރަށް އެއްލާލައިފިއެވެ. އެލޮލުން ފެންނަނީ ނުރުހުމުގެ ކުލަވަރެވެ. އޭނަ ކިޔަވާ ނިމިގެން ޑިއުޓީއަށް ނުކުންނަން ފެށިތާ އަދި މާގިނަ ދުވަހެއްނުވެއެވެ. މިހާރުއްސުރެ ވަޒީފާދެކެ ފޫހިވާން ފަށައިފިއެވެ. ބައްޕަ ދައްކާހާ މަގުން ހިނގަން ހަދައިގެން އޭނަގެ ޝައުގުވެރިވާ އެއްވެސް ކަމެއް ކުރުމުގެ ބަދަލުގައި ދިރިއުޅުމަކީ ބައްޕަ ބޭނުންގޮތަށް މޮޑެލަން އޮތް ފުށްގަނޑެއްފަދައެވެ.
"ވަޓް ހެޕެންޑް..."އޭނަގެ އެކުވެރިޔާ އެރިކްވެސް ގޮނޑިއަކަށް ވެއްޓިގަތެވެ.
"ވަރުބަލިވާ ވަރަށް މަސައްކަތްކުރެވިއްޖެ ދޯ.ކޮފީއަކަށް ދަމާ...." އަސްލަންގެ ލޮލުން ފެނުނީ އާދައިގެ މަތިން ސިއްރުވެރިގޮތެކެވެ. އޭނަގެ ޒާތީ ދިރިއުޅުން އެންމެ ގާތުގައި ހުންނަ މީހާއާއިވެސް ހިއްސާކުރުމަށް ބޭނުމެއްނުވެއެވެ.
"ޝެއާކޮށްބަލަ. އޭރުން ސިކުނޑިއަށް ލުއިވާނެ."
"އަހަރެން ބޭނުމީ ސިކުނޑި ބާރު ބޮޑުވެގެންގޮސް ގޮއްވައިލަން...." އަސްލަން ބުމަ ކައިރިކޮށްލިއެވެ. ދެމީހުން އެކީ ހިނގައިގަތްއިރު އެއްތަނަކުން ދެ އިރު ވިދާފަދައެވެ. އަންހެންކުދިންގެ އިޚުތިޔާރެއް ނެތް ނަޒަރު އެ ދެ ޒުވާނުންނަށް ހުއްޓޭލެއް މަދެއްނޫނެވެ. ދެމީހުން އެއްކޮށްގޮސް ކެފޭއެއްގައި އިށީދެ ކޮފީއަށް އޯޑަރުކުރިއެވެ. އާއިލާއާއި އަންހެންކުދިންގެ ވާހަކަތަކަށްވުރެ އެދެމީހުންގެ މައުޟޫގައި ހިމެނޭނީ އަބަދުވެސް ކުޅިވަރު ސިޔާސީ ކަންތައް އަދި ވިޔަފާރީގެ ވާހަކައެވެ. ޒާތީ ވާހަކަތައް ނުދެއްކިޔަސް ދެ ޒުވާނުންނަކީ އެންމެ ގާތް އެކުވެރިންނެވެ.
***
ހާރިސް އޭނަގެ ކާރު ޕާކްކޮށްލާފައި ފޭބުމަށްފަހު ގެއާއި ދިމާލަށް ހިނގައިގަތެވެ. ޖެހިގެން ހުރި ގޭގެ ބެލްކަނީގައި ހުރެ އަންހެންކުއްޖަކު ބަލަމުންދާކަމުގެ އިހުސާސްކުރެވުމުން އަވަހަށް މޫނާއިއެކު ސްކާފް އަޅާ ނިވާކޮށްލިއެވެ. މަޑުމަޑު ހިނގުމެއްގައިގޮސް ގެއަށް ވަންނަން ހުރި ފަތްތަރުމަތިން ކޮންމެވެސް މީހެއްގެ ގައިގާ އަޅައިގަތެވެ.
ނުނިމޭ