31 Mar 2022, 20:46
ހުޅުމާލޭ ފޭސް ދޭއްގައި ހެވީ ލޯޑް ވެހިކަލަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި އަންހެނަކަށް ބޮޑެތި އަނިޔާތަކެއް ލިބިއްޖެއެވެ.
ފުލުހުން ބުނީ ހުޅުމާލޭ ފޭސް ދޭއްގައި ހެވީ ލޯޑް ވެހިކަލަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބުނީ މިއަދު 16:30ހާއިރު ކަމަށެވެ. އަދި ބުނީ މި އެކްސިޑެންޓްގައި އަންހެންމީހާއަށް ލިބިފައިވާ އަނިޔާތަކަށް ހުޅުމާލޭ ހޮސްޕިޓަލުން ފަރުވާ ދެމުން އަންނަ ކަމަށެވެ.
އަންހެންމީހާއަށް ލިބިފައިވާ އަނިޔާގެ އިތުރު ތަފްސީލު ފުލުހުން ހާމައެއް ނުކުރެއެވެ.
ނަމަވެސް އެ މަންޒަރު ދުށް މީހަކު "ސަން"އަށް މައުލޫމާތު ދެމުން ބުނީ ބަރު މުދާ އުފުލާ ކަހަލަ ލޮރީއަކުން ސައިކަލްގައި ޖެހުނު ވަގުތު އެ ސައިކަލް އޮތީ ލޮރީގެ ދަށަށް ވަދެ ތާށިވެފައި ކަމަށެވެ. އަދި ބުނީ އަންހެންމީހާގެ ފަޔަށް ލިބިފައިވާ އަނިޔާގައި ވަރަށް ގިނަ ލޭ ވެސް ފޭބި ކަމަށެވެ.
ފުލުހުން އަންނަނީ މި އެކްސިޑެންޓާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންނެވެ.