01 Apr 2022, 11:19
ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންއިން ލަންކާގެ ރަތުމަލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ކުރާ ދަތުރުތައް މެދުކަނޑާލީ ރޯދަމަހަށް ކަމަށާއި އެ އެއާޕޯޓަށް ކުރާ ދަތުރުތައް ހުއްޓާލި ކަމަށް ބުނެ ދައްކަނީ ދޮގު ވާހަކަ ކަމަށް އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނިފާ ވިދާޅުވެއްޖެއެވެ.
މޯލްޑިވިއަންއިން މިދިޔަ އާދިއްތަ ދުވަހު ސްރީލަންކާގެ ރަތުމަލާނާ އިންޓަނޭޝަނަލް އެއާޕޯޓަށްފެށި ދަތުރުތައް މެދުކަނޑާލީ ތަރުހީބު ނެތިގެންކަމަށްބުނެ ސޯޝަލް މީޑިއާގައި ދަނީ ވާހަކަ ފަތުރަމުންނެވެ.
މިކަމާ ގުޅިގެން ޖެނިފާ "ސަން"އަށް ވިދާޅުވީ މޯލްޑިވިއަންއިން ލަންކާއަށް ކުރާ ޝެޑިއުލް ދަތުރުތައް ފަށާނީ ރޯދަމަހުގެ ފަހުން ކަމަށެވެ. އަދި މިދިޔަ ހަފުތާގައި އޮޕަރޭޓްކުރި ފްލައިޓަކީ މޯލްޑިވިއަންގެ ދަތުރުތައް އެ އެއާޕޯޓަށް ފެށުމުގެ ގޮތުން އޮޕްރޭޓްކުރި ފްލައިޓެއް ކަމަށް އޭނާ ވިދާޅުވިއެވެ.
"ރަމަޟާން މަހަކީ ދިވެހީން ވެސް ދަތުރުކުރާ މަހެއް ނޫން. އަދި ރަމަޟާން މަހަކީ ވަރަށް ލޯ ޓްރެފިކް މޫވްމަންޓެއް އޮންނަ ދުވަސްވަރެއް. އެހެންވީމަ އަޅުގަނޑުމެން ކުރިން ވެސް ރަމަޟާން މަހު ދަތުރުކުރާ ގޮތަކަށް ނޫން ނިންމާފަ އޮތީކީ،" އޭނާ ވިދާޅުވިއެވެ.
މޯލްޑިވިއަންގެ ދަތުރުތައް ލަންކާއަށް ފެށުމަށްޓަކައި ރަތުމަލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ރަސްމިއްޔާތެއް ވެސް ބޭއްވިއެވެ. އެ ރަސްމިއްޔާތު ބޭއްވީ އެ އެއާޕޯޓުގެ "ސަމާ ޝެޑިއުލް" ފައްޓާ ދުވަހު މޯލްޑިވިއަންގެ ދަތުރުތައް ވެސް ފެށުން ފާހަގަކުރަން ކަމަށް ޖެނިފާ ވިދާޅުވިއެވެ.
"ކޮންމެ މާޗުމަހެއްގެ އެންމެ ފަހު އާދިއްތަ ދުވަހަކީ ސަމާ ޝެޑިއުލް ފެއްޓޭ ދުވަސް. ދެން ކޮންމެ ގޮތެއް ވިޔަސް އެ ސީޒަންގަތާ ދަތުރުތައް ކޮންޓިނިއު ކުރާނީ ވެސް. އެހެންވީމަ އެކޮޅުން ބޭނުންވީ ސަމާ ޝެޑިއުލް ފެއްޓޭ ދުވަހު ރަސްމިއްޔާތު ބާއްވަން،" އޭނާ ވިދާޅުވިއެވެ.
ރަތުމަލާނާ އެއާޕޯޓަކީ ސްރީލަންކާގެ އެންމެ ފުރަތަމަ އިންޓަނޭޝަނަލް އެއާޕޯޓުގެ ގޮތުގައި ބޭނުންކުރި އެއާޕޯޓެވެ. އެ އެއާޕޯޓް 55 އަހަރު ފަހުން ބައިނަލްއަޤްވާމީ ދަތުރުތަކަށް ބޭނުންކުރަން ފެށުމާއެކު އެ އެއާޕޯޓަށް ޖެއްސި ފުރަތަމަ ބައިނަލްއަޤްވާމީ ބޯޓަކަށް ވެފައިވަނީ މޯލްޑިވިއަންގެ ބޯޓެކެވެ.