ކޮވިޑްގެ ސަބަބުން ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ވިޔަފާރިތަކަށާއި ކުންފުނިތަކަށް ދީފައިވާ ލުއިތަކާއެކު ދައުލަތަށް ނުލިބި އޮތް 16 ބިލިއަނެއްހާ ރުފިޔާ ހޯދުމުގެ މަސައްކަތް އަންނަ މަހު ފަށާނެ ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފިއެވެ.

މިރާއިން މިއަދު ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވާނީ ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމުގެ މަސައްކަތް މާދާމައިން ފެށިގެން ފަށާނެކަމަށެވެ.

އެގޮތުން މީރާއިން ބުނެފައިވަނީ ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ޖޫރިމަނާތަކާއެކު ދައުލަތަށް ލިބެންޖެހޭ ފައިސާގެ އަދަދު 16 ބިލިއަން ރުފިޔާއަށް އަރާކަމަށެވެ.

އެ ފައިސާގެ ތެރޭގައި ޓެކްސްގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ އަދި ޓެކްސް ނޫން ގޮތަށް ދައްކަން ޖެހޭ ފައިސާ ހިމެނޭކަމަށް މީރާއިން ބުންޏެވެ.

މީރާއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުގައި ޓެކްސްގެ ގޮތުގައި މިރާއަށް މިދިޔަ އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް 5.3 ބިލިއަން ރުފިޔާ ލިބެން ޖެހެއެވެ. އަދި ޓެކްސް ނޫން ފައިސާގެ ގޮތުގައި މީރާއަށް ލިބެންޖެހެނީ 10.6 ބިލިއަން ރުފިޔާއެވެ.

ކޮވިޑާ ގުޅިގެން ވިޔަފާރިތަކަށާއި ކުންފުނިތަކަށް ވަނީ ބޮޑެތި ލުއިތަކެއް ދީފައެވެ. ކޮވިޑާ ގުޅިގެން ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައި އޮތުމުން ދައުލަތަށް ދައްކަން ޖެހޭ ޓެކްސް ފައިސާ އަދި ޓެކްސް ނޫން ފައިސާ ދެއްކުމުގެ ތަންފީޒީ މަސައްކަތް ކުރުން މިހާތަނަށް އޮތީ ވަގުތީ ގޮތުން މެދުކަނޑާލައިފައެވެ.

ނަމަވެސް މިހާރު ރާއްޖޭގެ ކޮވިޑްގެ ހާލަތު ރަނގަޅުވެ އިގްތިޞާދީ ހާލަތު މަޑުމަޑުން ދަނީ ރަނގަޅުވަމުންނެވެ.