18 Mar 2012, 10:58
ޕީޕީއެމްގެ ކައުންސިލް މެންބަރު އަދި އުނގޫފާރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ޑރ. އަފްރާޝީމް އަލީ، ރޭ އޭނާގެ ކާރުކޮޅުގައި ދަތުރު ކުރައްވަނިކޮށް ބަޔަކު މީހުން ހަމަލާދީ ކާރުގެ ބިއްލޫރިގަނޑު ތަޅާލައިފި އެވެ.
ފުލުހުން ބުނީ ރޭ 10:00 ޖަހާއެހާކަން ހާއިރު މެންބަރު އަފްރާޝީމް، މަޖީދީމަގުގެ ގަލޮލު ބޯޅަ ދަނޑު ފިހާރަބަރި ކައިރިން ކާރުގައި ގެއަށް ވަޑައިގަންނަވަނިކޮށް އެ ސަރަހައްދުގައި މުޒާހަރާ ކުރަމުންދިޔަ ބަޔަކު އެ ކާރުގެ ބިއްލޫރި ގަނޑު ތަޅާލާފައިވާ ކަމަށް ވިދާޅުވެ ރިޕޯޓްކުރައްވާފައިވާ ކަމަށާއި އެކަން ތަހުގީގުކޮށް މައްސަލަ ބަލަމުން އަންނަ ކަމަށެވެ. އަދި ބުނީ އެ މައްސަލައާ ގުޅިގެން އެއްވެސް މީހަކު އަދި ހައްޔަރު ނުކުރާ ކަމަށެވެ.
"އަޅުގަނޑުމެންނަށް އެކަން އަފްރާޝީމް އެންގެވީ ގެއަށް ވަޑައިގެންނެވުމަށްފަހު. އަފްރާޝީމް ވިދާޅުވީ މަޖީދީމަގުން ވަޑައިގަންނަވަނިކޮށް އެ ސަރަހައްދުގައި މުޒާހަރާކުރަމުން ދިޔަ ބަޔަކު ކާރުގެ ބިއްލޫރި ގަނޑު ތަޅާލީކަމަށް،" ފުލުހުންގެ އޮފިޝަލަކު ވިދާޅުވި އެވެ.
އަފްރާޝީމް ފޯން ނިއްވާލައިވާތީ ހަމަލާއާ ގުޅިގެން އިތުރު މައުލޫމާތު ލިބޭ ގޮތެއް ނުވި އެވެ. މުޒާހަރާ ކުރި ބަޔަކު އަފްރާޝީމުގެ ކާރުކޮޅަށް ހަމަލާ ދިންއިރު ބައިބަޔަށް މަގުތަކަށް ނުކުމެ އެމްޑީޕީން ވަނީ އެއް ވަގުތެއްގައި މާލޭގެ އެކި ސަރަހައްދުގައި ރޭ މުޒާހަރާކޮށްފަ އެވެ.
އަފްރާޝީމް ކާރުގެ ބިއްލޫރިގަނޑު ރޭ ތަޅާލީ މިދިޔަ ހުކުރު ދުވަހު ހުކުރު ނަމާދަށްފަހު ޖޭއެސްސީގެ ރައީސް އަދި ސުޕްރީމް ކޯޓްގެ ފަނޑިޔާރު އާދަމް މުހައްމަދު، އެމަނިކުފާނުގެ ކާރުކޮޅުގައި ގެއަށް ވަޑައިގެންނަވަނިކޮށް ޖުމްހޫރީ މައިދާން ސަރަހައްދުގައި މުޒާހަރާކުރަމުން ދިޔަ ބަޔަކުވަނީ އެމަނިކުފާނު ކާރުކޮޅަށް ހަމަލާދީފައި ވަނިކޮށެވެ.