31 Mar 2022, 18:27
އެމްޓީސީސީގެ އިޖްތިމާޢީ ޒިންމާގެ ދަށުން ހއ. ހޯރަފުށީގައި އަޅާ އިންޓަނޭޝަނަލް ޕްރީ ސްކޫލުގެ ބިންގާ މިއަދު އަޅައިފިއެވެ.
މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޕްރީ ސްކޫލުގެ ބިންގާ އަޅުއްވައިދެއްވީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމާއި ހޯރަފުށީ ދާއިރާގެ މަޖިލިސް މެމްބަރު އަޙްމަދު ސަލީމާއި ހޯރަފުށީ ކައުންސިލްގެ ނައިބު ރައީސް އަޙުމަދު އިމްދާހެވެ. އެ ރަސްމިއްޔާތުގައި އެމްޓީސީސީގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

ހޯރަފުށީ އިންޓަނޭޝަނަލް ޕްރީ ސްކޫލްގެ ބިންގާއެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން ---
ތިން ކްލާސްރޫމު ހިމެނޭގޮތަށް އަޅާ އެ ޕްރީސްކޫލުގެ މަސައްކަތް ނިންމަން ހަމަޖެހިފައި ވަނީ އަށް މަސް ދުވަސް ތެރޭގައެވެ.
އެ މަޝްރޫއާ ގުޅޭގޮތުން ވާހަކަދައްކަވަމުން ހޯރަފުށީ ކައުންސިލްގެ ނައިބު ރައީސް އަޙުމަދު އިމްދާހު ވިދާޅުވީ އެރަށުގައި ޕްރީ ސްކޫލްގެ ތައުލީމު އެކަށީގެންވާގޮތެއްގައި ނުދެވޭތީ ރައްޔިތުންގެ ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ.
"ވަރަށް ދުވަސް ވެއްޖެ ޕްރީސްކޫލުގެ ތައުލީމު ނުދޭތާ. އަމިއްލަ ފަރާތްތަކުން މިހާރު އެކަން ކޮންމެވެސް ވަރަކަށް ކުރަނީ. އެހެންވީމަ މި ޕްރީސްކޫލުގެ ސަބަބުން ދަރިންގެ ނަތީޖާއަށް ވެސް ކުރިއަށް އޮތްތާގަ ހެޔޮބަދަލެއް އަންނާނެ،" އިމްދާހު ވިދާޅުވިއެވެ.
މިކަމާ ގުޅޭގޮތުން އެމްޓީސީސީން ނެރުނު ބަޔާނެއްގައި ވަނީ މި މަޝްރޫޢުގެ މަސައްކަތް ކުރުމުއްދަތެއްގެ ތެރޭގައި ނިންމައި ޚިދުމަތަށް ބޭނުންވެފައި ތިބި ތުއްތު ކުދިންނާއި ބެލެނިވެރިންގެ އުއްމީދު ފުރިހަމަ ކޮށްދިނުމަކީ އެ ކުންފުނީގެ އަމާޒެއް ކަމަށެވެ.