މާލޭގެ މާފަންނުގައި ހުރި ގެއެއްގެ ތަޅުން ދަށުގައި ވަޅުލާފައި ހުރި 42 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި ދެ މީހުންގެ ވަނަވަރު އާންމުކޮށްފިއެވެ.

މި މަހުގެ 25 ވަނަ ދުވަހު އަތުލައިގަތް މި މަސްތުވާތަކެތީގެ މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ކ. މާލެ، ދަފްތަރު ނަންބަރު ރސ 3840، އުމުރުން 39 އަހަރުގެ އަޙްމަދު ޙުސައިންއާއި ކ. މާލެ، މ. ނޫރުއް، އުމުރުން 46 އަހަރުގެ ޢަބްދުﷲ ނަޝީދެވެ.

މި މައްސަލައިގައި މާލޭގެ ދެ ގެއަކާއި އަމިއްލަ އޮފީހެއް ބަލައި ފާސްކޮށްފައިވާ ކަމަށް ވެސް ފުލުހުން މިއަދު ބުނެފައިވެއެވެ.

މި މައްސަލައިގައި އަޙްމަދުގެ ބަންދަށް 10 ދުވަސް ޖަހައިފައިވާއިރު، އަބްދުﷲ ނަޝީދުގެ ބަންދަށް ވަނީ 15 ދުވަސް ޖަހައިފައެވެ.

މި މައްސަލައިގައި އަޙްމަދު ހައްޔަރުކުރިއިރު އޭނާއަކީ އިދިކޮޅު ޕީއެންސީގެ ކައުންސިލް މެންބަރެކެވެ. އޭނާ ވަނީ ނިމިދިޔަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ޕީއެންސީގެ ޓިކެޓުގައި އަލިފުށީ ދާއިރާއަށް ވާދަކޮށްފައެވެ.

މި މައްސަލަ ފެންމަތިވުމާއެކު ޕީއެންސީން ވަނީ އޭނާ ޕާޓީގެ ކައުންސިލު މެންބަރުކަމުން ވަކިކޮށް، ޕާޓީގެ އެއްވެސް ހަރަކާތެއްގައި ބައިވެރި ނުވެވޭ ގޮތަށް ސަސްޕެންޑުކޮށްފައެވެ.