31 Mar 2022, 16:31
ކޮލަމްބޯ (މާޗް 31): ސްރީލަންކާގައި ތެޔޮ ލިބުން ދަތިވެ ކަރަންޓް ނުއުފެއްދޭ މައްސަލަ ބޮޑުވުމުން އެންމެފަހުން ބައެއް ހޮސްޕިޓަލްތަކުގައި އާންމު އޮޕަރޭޝަންތައް ކުރުންވެސް ވަގުތީގޮތުން ހުއްޓާލައިފިއެވެ.
ސްރީލަންކާގެ ނޫސްތައް ބުނާގޮތުން އެގައުމަށް ކުރިމަތިވެފައިވާ ތެލުގެ މައްސަލަ ހައްލުނުވެ ދިގުލައިގެންގޮސް ކަރަންޓް ނުއުފެއްދޭތީ ބައެއް ހޮސްޕިޓަލްތަކުގައި މިހާރު ކުރަނީ ކުއްލި ހާލަތުގައި ކުރަންޖެހޭ އޮޕަރޭޝަންތައް އެކަންޏެވެ. ކުއްލި ނުރައްކާތައްނެތް އާންމު އޮޕަރޭޝަންތައް ކުރުން ވަގުތީގޮތުންވަނީ ހުއްޓާލާފައެވެ.
މިގޮތަށް ހޮސްޕިޓަލުތަކުން އަމަލުކުރަންފެށީ ހޮސްޕިޓަލްތަކުގެ އަމިއްލަ އިންޖީނުތައް ހިންގުމަށް ބޭނުންވާ ތެޔޮލިބުންވެސް ދަތިވުމުންނެވެ. މިދަތިތަކާއެކުވެސް ހޮސްޕިޓަލްތައް ބަންދުކުރަން އަދި ހަމަޖެހިފައިނުވާކަމަށް ސްރީލަންކާގެ ނޫސްތައް ބުނެއެވެ. މަދު ގަޑިތަކުގައި ކަރަންޓް ދީގެން އަދިވެސް ހޮސްޕިޓަލްތައް ހިންގަމުން ގެންދެއެވެ. ނަމަވެސް ބައެއް ޓެސްޓްތައް ހެދުންވަނީ ހުއްޓާލާފައެވެ.
ހޮސްޕިޓަލްތައް ބަންދުނުކުރި ނަމަވެސް ގިނަ ހޮސްޕިޓަލްތަކުން ކުރިން ދެމުން ގެންދިޔަ ޚިދުމަތްތަކުގެ ދެބައި ކުޅަ އެއްބައިވެސް މިހާރު ނުލިބޭކަމަށް ޚަބަރުތައް ބުނެއެވެ. ނަމަވެސް ފުލްކޮށް ޚިދުމަތްތައް ދޭ ހޮސްޕިޓަލްތައް މަދުންނަމަވެސް އަދި އެބަހުއްޓެވެ.
ތެޔޮ ނުލިބޭތީ ސްރީލަންކާގައި ދުވާލު އެކި ގަޑިތަކުގައި ކަރަންޓް ކަނޑަމުން ގެންދާތާ ހައެއްކަ މަސް ވެއްޖެއެވެ. ކުރިން ކަރަންޓް ކަނޑަމުން ގެންދިޔައީ މަދުގަޑިތަކެއްގައެވެ. ނަމަވެސް ކަރަންޓް ކަނޑާ ގަޑިތައް އިތުރުކޮށް އިއްޔެވަނީ ދުވާލެއްގެ މައްޗަށް 10 ގަޑީއިރު ކަރަންޓް ކަނޑަން ފަށާފައެވެ.
ސްރީލަންކާ ސަރުކާރުގެ ކަރަންޓާބެހޭ ކުންފުނިކަމަށްވާ "ލަންކާ އިލެކްޓްރިސިޓީ ކޮންޕެނީ" ބުނާގޮތުން ދުވާލަކު 10 ގަޑިއިރަށް ކަރަންޓް ކަނޑަމުން އައި އައުންވެސް ބަދަލުކޮށް ދުވާލަކު 13 ގަޑިއިރަށް ކަރަންޓް ކަނޑުމަށް މިހާރުވަނީ ނިންމާފައެވެ. މިއަދުން ފެށިގެން ދުވާލަކު 13 ގަޑީއިރު ކަރަންޓް ކަނޑަން ފަށާނެކަމަށް އެކުންފުނިން ނެރުނު އާންމު އެންގުމެއްގައި ބުނެފައިވެއެވެ.
ސްރީލަންކާއަށް ކުރިމަތިވެފައިވާ އިގްތިސާދީ މައްސަލަތައް އިންތިހާއަށް ބޮޑުވެ ކާބޯތަކެތީގެ ތަކެތީގެ އަގުތައް ވަރަށް ބޮޑަށް އުފުލި ރައްޔިތުންގެ އަތްމަތި ދަތިވެ ތެޔޮ ހުސްވެ ގައުމު މުޅިން ހުއްޓުމަކަށް އައުމާ ގާތަށް ގޮސްފައިވާއިރު މިއީ ސްރީލަންކާ އަށް މިނިވަންކަން ލިބުނު ފަހުން އެގައުމު ތަހައްމަލްކުރާ އެންމެ ދަތި ދުވަސްތައް ކަމަށް ރިޕޯޓްތައް ބުނެއެވެ.
ފަހުގެ ތާރީޚެއްގައި ސްރީލަންކާއަށް އެންމެ ބޮޑު ދަތިތަކެއް ކުރިމަތިވީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރުގައެވެ. އެދުވަސްވަރު ކާބޯތަކެއްޗަށާއި ތެލަށްޖެހި ބޮޑު ތަދުމަޑުކަމެއް ސްރީލަންކާގެ ރައްޔިތުން އުފުލަންޖެހުނެވެ. ނަމަވެސް ދެވަނަ ބޮޑު ހަނގުރާމަ ނިމިއ އެހަނގުރާމަ އެންމެ ބޮޑަށް ހިނގި ޔޫރަޕާއި އޭޝިއާގެ ގައުމުތައް އަލުން އާރާސްތު ކުރިފަހުން ސްރީލަންކާއަށް ކާބޯތަކެއްޗާއި ތެޔޮ ފަދަ އަސާސީތަކެތި މިހާބޮޑަށް ދަތިވި ދުވަސްވަރެއް ނުދާކަމަށްވެއެވެ.
ސްރީލަންކާއަށް ތެޔޮ އިންޕޯޓްކުރާ"ސިލޯން ޕެޓްރޯލިއަމް ކޯޕަރޭޝަން (ސީޕީސީ)" ގެ މަސްއޫލުވެރިއަކާ ހަވާލާދީ އަލްޖަޒީރާ ބުނާގޮތުން ސްރީލަންކާގައި ރިޒާވް ތެލުގެ ގޮތުގައިވެސް މިހާރު ހުރީ ހައެއްކަ ދުވަހަށް ބޭނުންވާ ވަރުގެ މިންވަރެކެވެ. ނަމަވެސް ޕެޓްރޯލްއާއި ޑީސަލް ގެ ޝިޕްމެންޓެއް ވަނީ ލިބުމުގެ މަގުމަތީގައި ކަމަށް އެކޯޕަރޭޝަނުން ބުނެފައިވެއެވެ.
ސްރީލަންކާ ޕެޓްރޯލާއި ޑީސަލަށް ޖެހުމުން އާއްމު ދަތުރުފަތުރުތައްވެސް ގާތްގަނޑަކަށް ވަނީ ހުއްޓުމަކަށް އައިސްފައެވެ. ސްރީލަންކާއަށް ކާބޯތަކެއްޗާއި ތެލުގެ ދަތިކަން ދިމާވީ ކޮވިޑް-19 އާ ގުޅިގެން ސްރީލަންކާއިން އެގައުމުގެ ސަރަހައްދީ ރޮނގުތައް ދިގު މުއްދަތަކަށް ބަންދުކުރުމުން ފަތުރުވެރިކަން މުޅިން ހުއްޓުމަކަށް އައުމާ ގުޅިގެންނެވެ.
ސްރީލަންކާއަށް ބޭނުންވާ ބޭރުފައިސާގެ ގާތްގަނޑަކަށް 70 އިންސައްތަ އަކީ ފަތުރުވެރިކަމުން ލިބޭ އާމްދަނީއެވެ. މިއާމްދަނީ ފާއިތުވި 26 މަސްތެރޭގައި ވަނީ މުޅިން ހުއްޓުމަކަށް އައިސްފައެވެ. ނަމަވެސް ކޮވިޑްގެ ކޭސްތައް މަދުވުމާއެކު ދާދިފަހުން އެގައުމުގެ ސަރަހައްދީ ރޮނގު ހުޅުވާލުމުން ފަތުރުވެރިކަމުގެ ސިނާއަތް އަލުންވަނީ ކުރިޔަށްދާން ފަށާފައެވެ. ނަމަވެސް ވަރަށް ދަށް ސްޕީޑެއްގައެވެ.