ސޫދާނު ސިފައިންގެ ބޮމުގެ ހަމަލާތަކަށް ފިލަން ދެކުނު ސޫދާނުގެ ކޮރްޑޮފާން ސަރަހައްދުގެ އެތައް ހާސް މީހުން ގެދޮރު ދޫކޮށް ހިނގައްޖެ އެވެ.

ކޮރްޑޮފާން ސަރަހައްދު ދޫކޮށްދިޔަ ބައެއް މީހުންނާ ހަވާލާދީ އަލްޖަޒީރާއިން ބުނީ ދެކުނު ސޫދާނާ ގުޅިފައިވާ ހަނގުރާމަވެރިން ބަލިކުރުމުގެ ބޭނުމުގައި ސޫދާނު ސިފައިން ގަސްދުގައި އާއްމުންނަށް ބޮމުން ހަމަލާ ދިނުމާއި ބަނޑަށް ޖެއްސުމުގެ ކެމްޕޭނެއް ފަށާފައިވާ ކަމަށެވެ. އެމީހުން ބުނާ ގޮތުގައި އާއްމުންގެ އަވަށްތަކަށް ސޫދާނު ސިފައިން ކޮންމެ ދުވަހަކު ވެސް ރޮކެޓާއި ބޮމާއި ބޮޑުބަޑީގެ ހަމަލާތައް ދެއެވެ.

ސޫދާނު ސިފައިންގެ ހަމަލާތަކުން ސަލާމަތް ވުމަށް ކޮރްޑޮފާން ސަރަހައްދު ދޫކޮށް ދިޔަ އެތައް ހާސް ބަޔަކު މިހާރު ދިރިއުޅެނީ ފަރުބަދަތަކުގެ ހޮހަޅަތަކުގައި ކަމަށާއި އެމީހުންގެ އަތުން ކާބޯތަކެތި ހުސްވަމުންދާ ކަމަށް އދ. ން ބުންޏެވެ. އދ. ން އަންދާޒާކުރާ ގޮތުގައި ނޫބާ ފަރުބަދަތަކުގެ ތެރޭގައި ދިރިއުޅޭ 300،000 އަށް ވުރެ ގިނަ މީހުންނަށް ވަރަށް އަވަހަށް ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށް ނުދެވިއްޖެ ނަމަ އެމީހުން ބަނޑަށް ޖެހޭނެ އެވެ.

ސޫދާނު ދެ ބަޔަކަށް ބައިކޮށް، ދެ ގައުމު އުފެއްދި ފަހުން އެ ސަރަހައްދުގެ ހަނގުރާމަ ވަނީ ވަރުގަދަ ވެފައެވެ.