ޓުއަރިސްޓް ރިޒޯޓް ތަރައްގީ ކުރުމަށްޓަކައި ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ކުރާ ދަޢުވާތަކުގެ އަޑުއެހުންތައް ލައިވް ކޮށްގެން ނޫން ގޮތަކަށް ރައްކާތެރިކަމެއް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

އާރަށު މައްސަލައިގައި ޔާމީންގެ މައްޗަށް އުފުލައިފައިވަނީ މަނީލޯންޑަރިންގެ ދަޢުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ދަޢުވާއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް ވަނީ ރިޝްވަތު ދިނުމުގެ ދަޢުވާ އުފުލާފައެވެ.

އެ މައްސަލައިގެ އެންމެ ފުރަތަމަ އަޑުއެހުމުގައި ވެސް ރައީސް ޔާމީންގެ ފަރާތުން ވަނީ އަޑުއެހުންތައް ލައިވްކޮޮށްގެން ކުރިއަށް ގެންދިއުމަށް އެދިވަޑައިގަންފައެވެ.

ރައީސް ޔާމީންގެ މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަޙްމަދު ޝަކީލް ވިދާޅުވީ ޝަރީއަތްތައް ލައިވް ނުކުރެވެނީ ވަސީލަތްތައް މިވަގުތު އެ ކޯޓުގައި ގާއިމު ކުރެވިފައި ނެތުމުން ކަމަށެވެ. ނަމަވެސް މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ދަޢުވާއެއް ކަމަށް ނިންމައިފި ނަމަ, ޝަރީއަތް ފެށުމުގެ ކުރިން ލައިވް ކުރުމަށް މަސައްކަތް ކުރާނެ ކަމަށް ގާޒީ ވަނީ ވިދާޅުވެފައެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންދިޔަ އަޑުއެހުން ފެށުމާ އެކު ރައީސް ޔާމީންގެ ފަރާތުން ވަކީލް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވަނީ ލައިވް ކުރުމާ ގުޅޭ ގޮތުން ގާޒީއާ ސުވާލު ކުރައްވާފައެވެ. ގާޒީ ދެއްވީ ހަމަ ކުރިން ވެސް ދެއްވި ޖަވާބެވެ.

އިތުރަށް ވިދާޅުވީ, އަޑުއެހުންތަކުގައި ނޫސްވެރިން ބައިވެރިވާ ކަމަށާއި އެހެން ކަމުން ޝަރީއަތުގެ މަޖިލީހުގައި ހިނގާ ކަންކަން އެ ހިނގި ގޮތަށް ރިޕޯޓް ކުރަން ޖެހޭނެ ކަމަށެވެ. އަދި ޝަރީއަތަށް ފާޑުކިޔުމަކީ ނުފޫޒު ފޯރުވުމުގެ އަމަލެއް ކަމަށް ވެސް ގާޒީ ވިދާޅުވިއެވެ.

އެއަށްފަހު ރައީސް ޔާމީން ވިދާޅުވީ, އެމަނިކުފާނަށް ރައްކާތެރިކަމެއް އޮތީ މައްސަލަ ލައިވްކޮށްގެން ކަމަށާއި ގާޒީގެ ވާހަކައިން އެކަމަށް ސީދާ ޖަވާބެއް ލިބިވަޑައިނުގަންނަވާ ކަމަށެވެ. އެއަށްފަހު ރައީސް ޔާމީން ވެސް އެދިވަޑައިގަތީ, ލައިވް ނުކުރެވޭ ސަބަބު އޮޅުން ފިލުވައިދެއްވައި އެކަން ކުރެވޭނެ ދުވަހެއް ސާފުކޮށްދެއްވުމަށެވެ.

ގާޒީގެ ޖަވާބަކަށް ބަދަލެއް ނާދެއެވެ. ވިދާޅުވީ, ލައިވް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ދަޢުވާއެއް ކަމަށް ނިންމައިފި ނަމަ ލައިވް ކޮށްގެން ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރައްވާނެ ކަމަށް އިސް ގާޒީ ވިދާޅުވިއެވެ.

ދިފާއުން ހެކި ހުށަހެޅުން

މިއަދުގެ އަޑުއެހުން ފެށުމުގެ ކުރިން ދިފާއިން އޮތީ ލިޔުމުން ހެކިތައް ހުށަހަޅާފައެވެ. އެގޮތުން ރައީސް ޔާމީންގެ ފަރާތުން 18 ހެއްކެއް ހުށަހަޅުއްވާފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ ކިތާބީ ހަތް ހެއްކާއި ޝަފަހީ 11 ހެއްކެކެވެ. ނަމަވެސް ހެކިތަކުގެ ތަފްސީލަކަށް މިއަދުގެ އަޑުއެހުމުގައި ގޮސްފައެއް ނުވެއެވެ.

ޔޫސުފް ނައީމްގެ ފަރާތުން 13 ހެއްކެއް ހުށަހަޅާފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ ކިތާބީ 10 ހެއްކާއި ޝަފަހީ ތިން ހެއްކެކެވެ.

ހެއްކާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށް އިތުރު އަޑުއެހުމެއް ބޭއްވުމަށް ރައީސް ޔާމީންގެ ފަރާތުން އެދިވަޑައިގަތެވެ. ނަމަވެސް ދައުލަތުން ބުނީ, މި މަރުހަލާގައި ހެއްކާ ގުޅޭ ގޮތުން ތަފްސީލީ ގޮތަކަށް ވާހަކަ ދެއްކުމަކީ ގާނޫނު ދަންނަ ކަމެއް ނޫން ކަމަށެވެ.

ނަމަވެސް ގާޒީ ނިންމެވީ, މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ދަޢުވާއެއްތޯ ނިންމުމުގެ ކުރިން އަދި އިތުރު އަޑުއެހުމެއް ބޭއްވުމަށެވެ. އެ އަޑުއެހުން ތާވަލުކުރީ އަންނަ މަހުގެ 11 ވަނަ ދުވަހުގެ 10:30 އަށެވެ.