31 Mar 2022, 10:46
ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ސްކޮލަޝިޕަށް ހޮވުނު ދަރިވަރުންނަށް ސްކޮލަޝިޕް ހަވާލުކޮށްފިއެވެ.
ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ސްކޮލަޝިޕަކީ، ޔުނިވާސިޓީ ކައުންސިލުން ތަޢާރަފް ކޮށްފައިވާ، ތޫނުފިލިކަން ހުރެ މަތީ ފެންވަރަށް ކިޔެވުމަށް ދަތިވާ ދަރިވަރުންނަށް އެހީތެރިވުުގެ ގޮތުން ދެވޭ ސްކޮލަޝިޕެކެވެ.
މި ސްކޮލަޝިޕްތައް ދަރިވަރުންނަށް ހަވާލު ކޮށްދެއްވީ ގައުމީ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު މުޙައްމަދު ޝަރީފެވެ.
މި ސްކޮލަޝިޕް ސްކީމްގައި ހިމެނުނީ މައިގަނޑު ތިން ބާވަތެކެވެ. އެއީ އަންޑަގްރެޖުއޭޓް އަދި ޕޯސްޓް ގްރެޖުއޭޓްގެ ޓިއުޝަން ފީ ހިލޭ ކުރުމުގެ 10 ސްކޮލަޝިޕާއި އަންޑަގްރެޖުއޭޓް ފުލް ދެ ސްކޮލަޝިޕާއި ޕޯސްޓް ގްރެޖުއޭޓް ފުލް ދެ ސްކޮލަޝިޕެވެ.

އެމްއެންޔޫ ދަރިވަރުންގެ ސްކޮލަޝިޕް ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން
މި ރަސްމިއްޔާތުގައި ގައުމީ ޔުނިވާސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރު އައިޝަތު ޝާހީން އިސްމާޢީލް ވިދާޅުވީ، ޔުނިވާސިޓީގެ ސްކޮލަޝިޕް ސްކީމުގެ ދަށުން މިހާރުވެސް ވަރަށް ގިނަ ދަރިވަރުން ކިޔަވަމުންދާކަމަށެވެ.
މިއަހަރުގެ ފުރަތަމަ ޓާމުގައި އަލަށް ސްކޮލަޝިޕަށް ހުޅުވާލުމާއެކު އަންޑަގްރެޖުއޭޓް ފުލް ދެ ސްކޮލަޝިޕަށް 72 ދަރިވަރުން ކުރިމަތިލީ ކަމަށާއި ޕޯސްޓް ގްރެޖުއޭޓް ފުލް ދެ ސްކޮލަޝިޕަށް 38 ދަރިވަރުން ކުރިމަތިލީ ކަމަށް ޝާހީން ވިދާޅުވިއެވެ.
ކުރިމަތިލާފައިވާ ގިނަ ދަރިވަރުންގެ ތެރެއިން، ސްކޮލަޝިޕް ލިބިފައި ވަނީ، ކަނޑައެޅުނު އަދަދަށް، މަދު ދަރިވަރުންތަކަށް ކަން ފާހަގަ ކުރައްވަމުން ޝާހީން ވިދާޅުވީ މިއީ ވަރަށް ގިނަ ދަރިވަރުން އެދިއެދި ތިބި ފުރުސަތެއް ކަމަށެވެ. އެހެންކަމުން ސްކޮލަޝިޕް ލިބުނު ދަރިވަރުން، ސްކޮލަޝިޕްގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ޝާހީން އިލްތިމާސް ކުރެއްވިއެވެ.