31 Mar 2022, 10:24
ކުރިއަށް އޮތް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެއްވެސް ޕާޓީއަކާއެކު ކޯލިޝަން ހެދުމުގެ ވިސްނުން ޖުމްހޫރީ ޕާޓީން ނުގެންގުޅޭ ކަމަށް އެ ޕާޓީން ބުނެފިއެވެ.
ކުރެންދޫ ކައުންސިލްގެ ރައީސްގެ ގޮނޑި ޕީޕީއެމަށް ކާމިޔާބުވުމާ ގުޅިގެން އަންގާރަ ދުވަހު ޕީޕީއެމުން ކުރެންދޫގައި ބޭއްވި ޖަލްސާގައި އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވަނީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމާއެކު ކޯލިޝަން ހެދުމުގެ ވިސްނުމެއް ގެންގުޅުއްވާ ފަދަ އިޝާރާތެއް ދެއްވައިފައެވެ.
ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ޕީޕީއެމަށް ގޮނޑިތަކެއް ގެއްލުނީ ޖޭޕީގެ ސަބަބުން ކަން ފާހަގަކުރައްވައި ޔާމީން ވިދާޅުވީ މަޖިލިސް އިންތިޚާބުގައި ޖޭޕީއާ ކޯލިޝަން ހަދައިގެން މަސައްކަތް ކުރަން ނިންމީ އެ ޕާޓީގެ ފައިސާއާއި ވަސީލަތްތައް ހުރުމުން ކަމަށެވެ.
އެހެންނަމަވެސް އޭގެ ބަދަލުގައި ޖޭޕީން ފެނިގެންދިޔައީ އޮޅުވާލުމާއި މަކަރުވެރިކަން ކަމަށް ޔާމީން ވިދާޅުވިއެވެ.
ޔާމީން އިތުރަށް ވިދާޅުވީ ފިކުރުގެ ގޮތުން ބެލިކަމުގައިވީނަމަވެސް ޖޭޕީގެ ފިކުރު ބޮޑަށް ގާތީ ޕީޕީއެމްގެ ފިކުރާ ކަމަށެވެ.
"މި ދެ ޕާޓީ [ޕީޕީއެމާއި ޖޭޕީ] ކޯލިޝަނަކާއެކު މަސައްކަތް ކުރެވޭ ކަމަށް ވަންޏާ އަޅުގަނޑުމެން ހުރިހާ އެންމެން އެކުގައި މަސައްކަތް ކުރެވޭނެ. ކޮންމެހެން ޖުމްހޫރީ ޕާޓީގެ ޚިޔާލަކީ އެމްޑީޕީގެ ފިކުރު ނޫންކަން އެނގޭ. އެކަމަކު ފިކުރުގެ ގޮތުން އެމީހުން ކައިރީ އެމްޑީޕީއާ. ނަމަވެސް މުޅިން އެމްޑީޕީ ފިކުރެއް ނޫން،" ޔާމީން ވިދާޅުވިއެވެ.
ޔާމީން ދެއްކި ވާހަކަތަކާ ގުޅިގެން، ޖޭޕީގެ ތަރުޖަމާނު ޢަލީ ޞާލިޙު ވިދާޅުވީ ރިޔާސީ އިންތިޚާބުގައި އެއްވެސް ޕާޓީއަކާއެކު ކޯލިޝަން ހެދުމުގެ ވިސްނުން ޖޭޕީގައި އަދި ނެތް ކަމަށެވެ.
"އެއްވެސް ބަޔަކާއެކު ކޯލިޝަން ހަދަން އަދި އެއްވެސް ވާހަކައެއް ދެއްކުމަށް ވެސް މަޝްވަރާކޮށްފައެއް ނުވޭ، ކޯލިޝަން ހެދުމުގެ ދައުވަތެއް ވެސް މިހާތަނަށް ޖޭޕީއަށް ލިބިފައިނުވޭ،" ޢަލީ ޞާލިޙު ވިދާޅުވިއެވެ.
ޢަލީ ޞާލިޙު އިތުރަށް ވިދާޅުވީ މި ސަރުކާރުން ޖޭޕީއާމެދު އަމަލު ކުރަނީ އެހެން ސަރުކާރުތަކުން އަމަލު ކުރި ގޮތަކަށް ނޫން ކަމަށެވެ. އަދި މި ސަރުކާރުގެ ނައިބު ރައީސަކީ ވެސް ޖޭޕީގެ ކެންޑިޑޭޓެއް ކަން ފާހަގަކުރައްވައި ޢަލީ ވިދާޅުވީ އެހެންކަމުން ރިޔާސީ އިންތިޚާބުގައި ޖޭޕީގެ އަމިއްލަ ކެންޑިޑޭޓަކު ފެނުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ.
އޭނާ މިފަދައިން ވިދާޅުވެފައިވާއިރު، ޖޭޕީގެ އަސާސީ ގަވައިދުގައިވާ ގޮތުން ޖޭޕީގެ ރިޔާސީ ކެންޑިޑޭޓަކީ އެ ޕާޓީގެ ލީޑަރު ގާސިމެވެ. އެހެންކަމުން ގާސިމް ރިޔާސީ އިންތިޚާބުން ފެނުމުގެ ފުރުސަތު ބޮޑެވެ.
މީގެ އިތުރުން އެންމެ ފަހުން ބޭއްވި ކުރެންދޫ ކައުންސިލްގެ ރައީސް ހޮވުމުގެ ބައި އިލެކްޝަން ޕީޕީއެމަށް ލިބުނު ކަން ފާހަގަކުރައްވައި، ތަރުޖަމާނު ވިދާޅުވީ އެ ގޮނޑި އެމްޑީޕީއަށް ގެއްލުނީ ޖޭޕީގެ ދައުރެއް ނެތުމުން ކަމަށެވެ.
ޖަލުން މިނިވަންވެވަޑައިގަތުމަށްފަހު، ރައީސް ޔާމީން ވަނީ އެކި ފަހަރުގެ މަތީން ޖޭޕީއާއި އެ ޕާޓީގެ ލީޑަރަށް ފާޑުވިދާޅުވެފައެވެ. މިގޮތުން ޔާމީން ވަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްއިން ރައީސް ކަމަށް ހޮވަން ތާއިދު ކުރާނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ކަމަށް ބުނެ ބަޔަކު ދައްކާ ވާހަކަތައް ގަބޫލު ނުކުރުމަށް އެދިވަޑައިގެންފައެވެ.
ޔާމީން ޖޭޕީއަށް ފާޑުވިދާޅުވަމުން ގެންދަވާއިރު، ޕީޕީއެމް ކޯލިޝަންގެ އިސް ބައެއް މެންބަރުން ވަނީ އެ ކޯލިޝަނުން ވަކިވެ، ޖޭޕީއާ ގުޅިފައެވެ. އޭގެ ތެރޭގައި ޕީއެންސީގެ ކުރީގެ ޑެޕިއުޓީ ލީޑަރު އަޙްމަދު ނިހާން ޙުސެން މަނިކާއި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ފަލާހާއި ކުރީގެ ހޯމް މިނިސްޓަރު އަޒްލީން އަޙްމަދާއި ކުރީގެ ނައިބު ރައީސް އަދި ފިނޭންސް މިނިސްޓަރު ޢަބްދުﷲ ޖިހާދާއި ޕީޕީއެމްގެ ތަރުޖަމާނު ޢަލީ އާރިފްގެ އިތުރުން ޕީޕީއެމްގެ ކުރީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އިގްބާލް އާދަމް ހިމެނެއެވެ.