ރަށްރަށުގެ ގޮޑުދޮށްތަކުން ގިނަ އަދަދަކަށް ވެލި ނަގަމުންދާ ކަމުގެ ޝަކުވާ ލިބިފައިވާތީ އެފަދައިން އެކަން ކުރާ ފަރާތްތަކާމެދު ގަވައިދުގެ ދަށުން ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެންވަރަންމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ދީފިއެވެ.

އީޕީއޭއިން ބުނީ މިހާރަކަށް އައިސް މީހުން ދިރިއުޅޭ ރަށްރަށުންނާއި ވަރުވާއަށް ދޫކޮށްފައިވާ ރަށްރަށުންނާއި ފަޅު ރަށްރަށުގެ އިތުރުން ހިކިފަ ހުންނަ ތުނޑިތަކާއި ފިނޮޅު ފަދަ ތަންތަނުން ވެސް ގިނަ އަދަދަކަށް ވެލި ނަގާތީ އޭގެ ސަބަބުން ރަށުގެ ގޮނޑުދޮށް ހަލާކުވެ، ރަށް ގިރުމުގެ މައްސަލަ އިތުރަށް ގޯސްވެ، ތިމާވެށީގެ އެކިއެކި މައްސަލަތަކާ ކުރިމަތިވަމުންދާ ކަމަށެވެ. އަދި ރަށް ގިރުމުގެ މައްސަލަތައް ހައްލު ކުރުމަކީ ނުހަނު ޚަރަދު ބޮޑު އެހާމެ އުނދަގޫ މައްސަލައެއް ކަން ވެސް އީޕީއޭ އިން ފާހަގަ ކުރިއެވެ.

އީޕީއޭއިން ބުނީ ގަލާއި ވެއްޔާއި އަކިރި ނަގަންވާނީ ރާއްޖެތެރޭ މީހުން އުޅޭ ރަށްރަށުން ގަލާއި، ވެއްޔާއި، އަކިރި ނެގުމާބެހޭ ގާނޫނާއި ގަލާއި ވެއްޔާއި އަކިރި ނެގުމާއި ބޭނުން ކުރުމާބެހޭ ގަވާއިދާއި ރާއްޖޭގެ ރަށްރަށާއި ފަޅުގެ ސަރަހައްދު ހިއްކުމާއި ފުންކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، އެ އެޖެންސީގެ ހުއްދަ ލިބިފައިވާ ތަންތަނުން ކަމަށެވެ.

ކޮންމެ އަހަރެއްގެ ރޯދަމަހާ ދިމާކޮށް އާންމު ރައްޔިތުންގެ ގެދޮރު ޒީނަތްތެރިކުރުމުގެ ބޭނުމުގައި އެ ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ ފަދަ ތަންތަނުން ގިނަ އަދަދަކަށް ވެލި ނަގަމުން އަންނަކަން ފާހަގަކުރެވިފައިވާ ކަމަށް އީޕީއޭއިން ބުންޏެވެ.

"އާންމުންގެ ޒަރޫރީ ބޭނުންތަކަށް ބޭނުން ކުރުމަށް ޓަކައި ވެލި ނަގަން ޚާއްޞަ ކުރެވިފައިވާ ވަކި ސަރަޙައްދުތަކާއި ވަކި އުސޫލުތަކެއް ކަނޑައަޅައި މި މައުލޫމާތު ވާނީ ކައުންސިލްތަކާއި ހިއްސާކުރެވިފައި. އަދި ޒަރޫރީ ބޭނުންތަކަށް ވެލި ނެގުމުގައި އީޕީއޭގެ ފަރާތުން ކަނޑައަޅާފައިވާ ސަރަޙައްދުތަކުން އެ އުސޫލުތަކުގެ މަތިން ވެލި ނެގުމަށް އިލްތިމާސް ކުރަން،" އީޕީއޭއިން ބުންޏެވެ.

އިތުރަށް އީޕީއޭއިން ބުނީ ގަވާއިދާ ޚިލާފަށް ވެލިނަގާ ފަރާތްތަކާމެދު "ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު"ގެ ދަށުން ހަދާފައިވާ "ތިމާވެއްޓަށްދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދު"ގެ ތެރެއިން ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި އެ ގަވާއިދުގެ ދަށުން ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރާނެ ކަމަށް ވެސް އީޕީއޭއިން ބުންޏެވެ.