މާލެ ސިޓީގެ ރައްޔިތުންނަށް އަގުހެޔޮކޮށް ބޯހިޔާވަހިކަން ހޯދައިދުނުމަށް ސިޓީ ކައުންސިލާއި ޑަޗް ޑޮކްލޭންޑްސް އިންޓަނޭޝަނަލް އާއެކު އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.

އެ އެމްއޯޔޫގައި މާލެ ސިޓީ ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒުއެވެ. އަދި ޑަޗް ޑޮކްލޭންޑްސް އިންޓަނޭޝަނަލްގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ސީއީއޯ ޕައުލް ވެން ޑީ ކޭމްޕްއެވެ.

ޑަޗް ޑޮކްލޭންޑްސް އިންޓާރނޭޝަނަލް ރާއްޖޭގައި އަޅާ ފުރަތަމަ ފްލޯޓިންގް ސިޓީގެ މަސައްކަތްތައް ކުރިއަށްގެންދާ ކުންފުންޏެވެ.

މިއަދު ކުރެވުނު އެއްބަސްވުމަކީ ވެސް މޯލްޑިވްސް ފްލޯޓިން ސިޓީ މަޝްރޫޢުއާ ގުޅޭ އެއްބަސްވުމެއްކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުޢިއްޒު ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ކިތަންމެ ކުޑަ ނަމަވެސް ހައްލެއް ލިބޭ ކަމެއްނަމަ އެކަމަކަށް އެ ކައުންސިލުން މަރުހަބާ ކިޔާނެ ކަމަށެވެ.

މޭޔަރު ވިދާޅުވީ އެ ކައުންސިލްގެ އެންމެ ބޮޑު މަސްއޫލިއްޔަތަކީ މާލޭ ސިޓީގެ ރައްޔިތުންނަށް އަގުހެޔޮކޮށް ބޯހިޔާވަހިކަން ލިބޭނެ ފުރުސަތުތައް ހޯދައިދިނުންކަން އެ އެމްއޯޔޫއިންވެސް ދޭހަވާނެ ކަމަށެވެ.

މޯލްޑިވްސް ފްލޯޓިން ސިޓީ މަޝްރޫއުގައި ޕާޓްނަރެއްގެ ގޮތުގައި މާލެ ސިޓީ ކައުންސިލުން ބައިވެރިވެފައި ވަނީ މާލެ ސިޓީ ކައުންސިލްގެ 46 ވަނަ ރަސްމީ އާއްމު ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 14 ކައުންސިލަރުންގެ އިއްތިފާގުން އެ މަޝްރޫއުގައި ބައިވެރިވާން ހުއްދަ ދިނުމުންނެވެ.