ސްޓެލްކޯގެ ސިސްޓަމް ހެކުކޮށް ރެންސަމް ވެއާގެ ހަމަލާއެއްދިން މައްސަލަ ފުލުސް އޮފީހަށް ހުށަހަޅައިފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ސްޓެލްކޯއަށް ދިން ރެންސަމްވެއާގެ ހަމަލާގެ ސަބަބުން އެކުންފުނީގެ ވެބްސައިޓާއި މޯބައިލް އެޕާއި މޯބައިލް އައުޓްލެޓްތަކާއި ކައުންޓަރުތަކުން ދެމުން ގެންދިޔަ ހުރިހާ ޚިދުމަތަކަށް ވަނީ ބުރޫއަރާފައެވެ.

ރެންސަމް ވެއާއަކީ ވިކްޓިމްގެ މައުލޫމާތު ރިފަރެންސްގައި ހިފެހެއްޓުމަށް އެންކްރިޕްޝަން ބޭނުން ކުރާ ސޮފްޓުވެއާއެކެވެ. ޔޫޒާ ނުވަތަ އޯގަނައިޒޭޝަންގެ ކްރިޓިކަލް ޑޭޓާ އެންކްރިޕްޓް ކުރަނީ ފައިލް، ޑޭޓާބޭސް، ނުވަތަ އެޕްލިކޭޝަންތަކަށް އެކްސެސް ނުވެވޭނެ ފަދަ ގޮތްގޮތަށް ސިސްޓަމަށް ގެއްލުންދޭ އަދި ހުއްދަ ނެތި އެކްސެސް ކުރަން ބޭނުން ކުރާ ސޮފްޓްވެއާތައް ބޭނުންކޮށްގެންނެވެ.

ސްޓެލްކޯއިން މިއަދެ ނެރުނު ބަޔާނެއްގައި ވަނީ އެ ކުންފުނީގެ ސިސްޓަމަށް ރެންސަމްވެއާ ހަމަލާ ދިން މައްސަލަ ތަހުގީގު ކުރުމަށް އެދި ފުލުހުންނަށް މިހާރު ހުށަހަޅާފައިވާނެކަމަށެވެ.

އެ ހަމަލާގެ ސަބަބުން ކުންފުނީގެ ކަސްޓަމަރުންނަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާކަމަށް ވެސް ސްޓެލްކޯއިން ބުންޏެވެ.

ސްޓެލްކޯގެ ސިސްޓަމްތަކަށް ދިމާވެފައިވާ މައްސަލައެއް ހައްލުކޮށް ވީއެންމެ އަވަހަކަށް ކަސްޓަމަރުންނަށް ޚިދުމަތްދެވޭތޯ މަސައްކަތްކުރާކަމަށް އެ ކުންފުނިންބުނެއެވެ.

އެކުންފުނިން ބުނީ އެ މައްސަލަތައް އެއްކޮށް ހައްލުނުވި ނަމަވެސް ކުންފުނީގެ ހެޑް އޮފީހުން ފޯރުކޮށްދޭ ޚިދުމަތްތަކަށް އެދި ފޯމު ހުށަހެޅުމާއި ބިލު ދެއްކުމުގެ ޚިދުމަތްތައް މިހާރު ފަށާފައިވާކަމަށެވެ.

ސްޓެލްކޯއިން ބުނީ ދައުލަތުގެ ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކޮށް، ލަފައާއި އެހީއާއެކު ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ.

އެ މައްސަލަ ހައްލުކޮށް ކުންފުނިން ދެމުންގެންދާ ޚިދުމަތް ދެމެހެއްޓެނިވި އަދި އިތުބާރު ހުރި ގޮތެއްގައި ދިނުމަށް އެކުންފުނިން ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކަމަށް ވެސް ސްޓެލްކޯއިން ބުންޏެވެ.

"އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް އަޅަން ޖެހޭ ފިޔަވަޅުތައް މި ކުންފުނިން މިދަނީ އަޅަމުން،" ސްޓެލްކޯއިން ބުންޏެވެ.