31 Mar 2022, 11:33
ހަންގަނޑު އަލި ކުރުމަށް ޓަކައި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މީހުން "ސްކިން ވައިޓްނިންގް" އުފެއްދުންތައް ބޭނުންކުރެއެވެ. ބާރުގަދަ މިފަދަ އުފެއްދުންތަކުގެ ޑިމާންޑު އަދިވެސް ވަރަށް ބޮޑެވެ.
ރީތިވާން ބޭނުންކުރާ ކޮސްމެޓިކްސް އަދި ޚާއްޞަކޮށް ހަންގަނޑު އަލިކުރުމަށް ބޭނުންކުރާ އުފެއްދުންތަކުގައި މާކިއުރީ އެކުލެވޭ ވަހަކައަކީ ވަރަށް ވެސް އާންމު ވާހަކައެކެވެ. އެ އުފެއްދުންތަކުގައި މާކިއުރީ ގިނައިން ބޭނުންކުރާ ސަބަބަކީ، އެ ކެމިކަލުގެ ސަބަބުން ހަށިގަނޑުގައި "މެލަނިން" އުފައްދައިދޭ މިންވަރު މަދުކޮށްދީ ހަންގަނޑު އަލިކޮށްދޭތީއެވެ. ނަމަވެސް، މާކިއުރީއަކީ އިންސާނުންގެ ސިއްޙަތަށް ގެއްލުން ލިބޭ ވިހަ މާއްދާއެކެވެ.
އިންސާނުން މާކިއުރީއަށް ހުށަހެޅޭ މިންވަރާ ބެހޭ ގޮތުން ހޭލުންތެރިކަން އިތުރުކޮށް، އެ މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރާ "ދަ ޒީރޯ މާކިއުރީ ވޯކިން ގްރޫޕް" ނަމަކަށް ކިޔާ ޖަމުއިއްޔާއަކުން ހަދާފައިވާ ދިރާސާއެއްގައިވާގޮތުން، 40 އަށް ވުރެ ގިނަ އޮންލައިން ވެބްސައިޓްތަކުގައި މާކިއުރީ ހިމެނޭ، ހަންގަނޑު އަލިކޮށްދޭ އުފެއްދުންތައް ވިއްކައެވެ. އޭގެ ތެރޭގައި އެމަޒޯން، އީބޭ އަދި އަލީ އެކްސްޕްރެސް ވެސް ހިމެނެއެވެ.
އެ ޖަމުއިއްޔާއިން ވަނީ އެ ވެބްސައިޓުތަކުން ވިއްކާ އެފަދަ 271 އުފެއްދުން ޓެސްޓުކޮށްފައެވެ. އޭގެ ތެރެއިން 129 އުފެއްދުމުގައި މާކިއުރީ ލެވެލް، މާކިއުރީއާ ބެހޭ މުއާހަދާއިން ކަނޑައަޅާފައިވާ މިންވަރަށްވުރެ އިތުރުވެފައިވާކަމަށް ޓެސްޓުތަކުން ދެއްކިއެވެ.
"އަޅުގަނޑުމެން މި ބާވަތުގެ ސާމްޕަލުތައް ތިން ފަހަރެއްގެ މަތިން ޓެސްްޓްކޮށްފިން. ނަމަވެސް މި ހޯދުންތަކުން އަޅުގަނޑުމެންނަށް މާ ބޮޑު ހައިރާންކަމެއް ނުލިބޭ. ނަމަވެސް، ދުނިޔޭގެ ގިނަ ކަންކޮޅުތަކުގައި ގިނަ އަދަދަކަށް މާކިއުރީ އެކުލެވޭ އުފެއްދުންތައް ލިބެން ހުންނަ މިންވަރު އިތުރުވަމުން ދިޔުމަކީ އަޅުގަނޑުމެން ކަންބޮޑުވާ ކަމެއް،" އެ ޖަމުއިއްޔާއިން ބުންޏެވެ.
މާކިއުރީއިން ލިބޭ ގެއްލުންތައް
މާކިއުރީ އެކުލެވޭ އުފެއްދުންތައް އާންމުކޮށް ބޭނުންކުރުމުން، ބެކްޓީރިއަލް އަދި ފަންގަލް އިންފެކްޝަންތަކުން ހަށިގަނޑަށް ދިފާއުވެވޭ މިންވަރު ދަށްވެ، ބޮލުގައި ރިއްސުމާއި، ހަންގަނޑުގެ ކުލަބަދަލުވުން ފަދަ ކަންކަމަށް މަގުފަހިވެއެވެ.
ދިގު މުއްދަތަކަށް މާކިއުރީ ބޭނުންކުރުމުން ލޮލުގެ މައްސަލަތަކުގެ އިތުރުން ކިޑްނީ އަދި ނާރުތަކުގެ މައްސަލަތައް ވެސް ކުރިމަތިވުން އެކަށީގެންވާ ކަމަށް ދިރާސާތަކުން ދައްކައެވެ.
މީގެ އިތުރުން މާކިއުރީ ގިނައިން އެކުލެވޭ އުފެއްދުންތައް ބޭނުންކުރާ މީހުންނާއެކު ދިރިއުޅޭ މީހުންނަށް ވެސް މާކިއުރީގެ ނޭދެވޭ އަސަރު ކުރާ ކަމަށް ދިރާސާތަކުން ދައްކައެވެ.