18 Mar 2012, 10:03
ރޭ ބައިބަޔަށް މުޒާހަރާ ކޮށްފައި ވަނީ އިރާކޮޅު 9:30 އެހާކަންހާއިރު ލޮނުޒިޔާރަތް ކޮޅު ސަރަހައްދުން ފަށައިގެނެވެ. އެގޮތުން އެ ސަރަހައްދުން ގްރޫޕް ގްރޫޕަށާއި ސައިކަލްތަކުގައި މަގުތަކަށް ނުކުމެ މާލޭގެ އެކި ސަރަހައްދުތަކުގައި މުޒާހަރާ ކުރި އެވެ. އޭގެ ތެރޭގައި ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ގެކޮޅު ކަމަށްވާ މ. ސީނުކަރަންކާގޭގެ ކައިރި ވެސް ހިމެނެ އެވެ.
އެއްވަގުތެއްގައި މާލޭގެ އެކި ސަރަހައްދުގަ އާއި މަގުތަކުގައި މުޒާހަރާ ކުރި އިރު މުޒާހަރާ ކުރި މީހުން އެންމެ ގިނަ އިރު ހޭދަކޮށްފައި ވަނީ ވެސް ޑިފެންސް މިނިސްޓަރު ނާޒިމުގެ ގޭގެ ކައިރީގަ އެވެ. އެގޭ ކައިރީގައި މުޒާހަރާ ކުރަން ފެށިތާ 15 ވަރަކަށް މިނެޓް ތެރޭގައި އެމްޑީޕީގެ އިތުރު ސަޕޯޓަރުން އެތަނަށް ގޮސް މުޅި ގެ ހިމެނޭ ސަރަހައްދު ވަށައިލި އެވެ. އެ އެންމެން ގޮވަމުން ދިޔައީ އެއްވެސް ޝަރުތަކާއި ނުލާ މިނިސްޓަރު މަގާމުން އިސްތިއުފާ ދެއްވުމަށެވެ. އަދި މުޒާހަރާގެ ބައިވެރިން ކުރަން ބޭނުންވާ ސުވާލުތަކަށް ޖަވާބު ދިނުމަށް ގެއިން ނުކުމެވަޑައިގެން މުޒާހަރާގެ ބައިވެރިންނާއި ބައްދަލުކުރުމަށް ވެސް ގޮވަމުން ދިޔައެވެ. އެގޭގެ ކައިރީގައި ދޮޅު ގަޑިއެއް ހާއިރު މުޒާހަރާ ކުރިނަމަވެސް އެއްވެސް ހަމަނުޖެހުމެއް ހިގާފައި ނުވެއެވެ. މުޒާހަރާގެ ބައިވެރިން އެ ސަރަހައްދު ދޫކޮށް ދިޔައީ އެ ސަރަހައްދަށް ފުލުހުން ގޮސް އެ ސަރަހައްދުގައި ފޯރިމަރަން ފެށި ހިސާބުންނެވެ.
މާލޭގެ އެކި ސަރަހައްދުތަކުގައި އެމްޑީޕީން ރޭ މުޒާހަރާ ކުރި އިރު ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީންގެ ގެކޮޅާއި، މަޖީދީ މަގު މާލޭ ސިޓީ ކައުންސިލް ކުރިމަތީގަ އާއި އެނޫން ވެސް ބައެއް ސަރަހައްދުތަކުގައި ޝުއޫރު ފާޅު ކުރި އެވެ. އާންމު ގޮތެއްގައި ހުރިހާ ދިމާއެއްގައި ވެސް ގޮވާފައި ވަނީ އިންތިހާބު އަވަސް ކުރުމަށާއި އަނިޔާ ނުކުރުމަށާއި ރައީސް މުހައްމަދު ވަހީދުގެ ސަރުކާރު އިސްތިއުފާ ދިނުމަށާއި މަޖިލިސް ހުޅުއްވައި ދެއްވަން ރައީސް ވަހީދު ވަޑައި ނުގަތުމަށެވެ.
ރޭ ސިޓީ ކައުންސިލް ކުރިމަށްޗަށް އެއްވި މީހުންވެސް ގޮވަމުން ދިޔައީ ވީހާވެސް އަވަހަކަށް ރިޔާސީ އިންތިޚާބެއް ބޭއްމަށެވެ. އަދި އަދުލު އިންސާފު ގާއިމް ކުރުމަށް ވެސް އެ ސަރަހައްދަށް އެއްވި މީހުން ވަނީ ގޮވާލާފަ އެވެ. ސިޓީ ކައުންސިލް ސަރަހައްދުގައި ހަރަކާތްތެރިވި ފުލުހުންނާއި ދިމާއަށް މުޒާހަރާގެ ތެރެއިން ވަނީ ފުޅި ފަދަ ތަކެތި އުކާފައެވެ. ނަމަވެސް ބޮޑު ހަމަނުޖެހުމެއް ހިނގާފައި ނުވެއެވެ.
މާލޭގެ އެކި ސަރަހައްދުތަކުގައި ރޭ ކުރި މުޒާހަރާތަކުގައި އެމްޑީޕީގެ ލީޑާޝިޕްގެ ބޭފުޅުންނާއި މަޖިލިސް މެންބަރުން ބައިވެރިވެ ވަޑައިގެންފައެއް ނުވެއެވެ. މުޅީން ވެސް ހަރަކާތްތެރިވީ އެ ޕާޓީގެ އާންމު މެންބަރުންނެވެ.
މާލެތެރެއަށް ފެތުރިގެންދާ ގޮތަށް ކުރި މުޒާހަރާތަކާއި ޝުއޫރު ފާޅުކުރުމުގެ ސައިކަލް ބުރުތައް ރޭ ނިންމާލީ ގާތްގަނޑަކަށް 12:30 އެހާކަން ހާއިރު އެނބުރި ލޮނުޒިޔާރާތް ކޮޅަށެވެ.