މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ހަރަކާތްތައް ވަރުގަދަކުރުމަށް ހުރިހާ ރަށަކަށް ދަތުރުކުރަން އެ ޕާޓީން ނިންމައިފިއެވެ.

އެމްޑީއޭއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސިޔާމް ވިދާޅުވީ އެ ޕާޓީން ރަށްރަށް ދަތުރުކުރާނީ ރޯދަ މަސް ނިމުމުން ކަމަށެވެ.

"އެހެންވީމަ އިރާދަކުރެއްވިއްޔާ ރޯދަ މަހަށްފަހު އަޅުގަނޑުމެންގެ ހަރަކާތްތައް ވަރަށް ބޮޑަށް ފެނިގެންދާނެ ދިވެހިރާއްޖޭގެ އެންމެހައި ރައްޔިތުންނަށް،" ސިޔާމް ވިދާޅުވިއެވެ.

ސިޔާމް ވިދާޅުވީ އެ ޕާޓީން މަސައްކަތްކުރާނީ ރާއްޖޭގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތައް ލުއިކޮށްދިނުމަށް ކަމަށެވެ.

މާލެއެކޭ އެއްގޮތަށް އަތޮޅުތަކުގެ ރައްޔިތުންނަށް ވެސް ބޯހިޔާވަހިކަމުގެ މައްސަލަ ކުރިމަތިވެފައިވާކަން ފާހަގަކުރައްވައި ސިޔާމް ވިދާޅުވީ އެ މައްސަލަ ހައްލުކުރުމަށް އެއްވެސް ސަރުކާރަކުން މަސައްކަތް ނުކުރާ ކަމަށެވެ.

ގިނަ ރަށްރަކުގައި ގޯތި ދޫކުރިތާ އެތައް އަހަރެއް ވެފައިވިޔަސް އެތަންތަން ގެ އިމާރާތްކުރަން އެކަށީގެންވާ މާލީ އެހީތެރިކަން ސަރުކާރުން ފޯރުކޮށްނުދޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"ގެދޮރު އިމާރާތްކުރުމުގެ އެއްވެސް އެއްޗެއް ނުދޭ. ހަމަ ވަރަށް ކުޑަކުޑަ އެއްޗެއް ދެނީ. އެވަރު ބޮޑު އިމާރާތެއް އަޅާކަށް މާ ބައިވަރު ފައިސާއެއް ޚަރަދެއް ނުވާނެ،" އޭނާ ވިދާޅުވިއެވެ.

ސިޔާމްގެ ވާހަކަފުޅުގައި ޚާރިޖީގޮތުން ހުރި ކަންބޮޑުވުންތައް ވެސް ހިއްސާކުރެއްވިއެވެ.

އޭނާ ވިދާޅުވީ ދުނިޔޭގެ ބޮޑެތި ގައުމުތަކުގެ މެދުގައި އުފެދޭ ހަމަނުޖެހުންތަކާއި ހަނގުރާމަތަކުގެ ތެރެއަށް ރާއްޖެއިން ވަންނާކަށް ނުޖެހޭ ކަމަށެވެ. އަދި ރާއްޖެފަދަ ކުޑަ ގައުމަކުން އެހެން ގައުމުތަކާމެދު ނުރުހުން ފާޅުކުރުމުގެ ފުރުސަތުދީގެން ނުވާނެކަމަށް ވެސް ވިދާޅުވިއެވެ.

"އެހެންވީމަ ރައްޔިތުން ބަލަންއެބަ ޖެހޭ ކުރިއަށްއޮތްތަނުގައި ޤައުމު ހިންގުމަށް އަންނަ ބޭފުޅުންނަކީ ކިހާވަރެއްގެ ލަޔާގަތާ ޤާބިލުކަންހުރި އަދި ފޮރިން ޕޮލިސީ އާއި ދިވެހި ރައްޔިތުންގެ ޚިދުމަތްތަކުގެ އަގު ވަޒަންކޮށް ދިވެހި ރައްޔިތުންނަށް ހައްގު މިންވަރު އެބައި މީހުންނަށް ދެވޭނެ ބައެއްތޯ،" އޭނާ ވިދާޅުވިއެވެ.

މިއަދު އެމްޑީއޭއަށް ސޮއިކުރި މީހުން އެ ޕާޓީގެ ރައީސަށް ފޯމް ހަވާލުކުރުމުގެ ތެރެއިން -- ފޮޓޯ/ މުހަންމަދު ހައްޔާނު

މިއަދުގެ ބައްދަލުވުމުގައި ފުވައްމުލައް ސިޓީ އާއި ދ. މީދޫގެ ބައެއް މީހުން ވަނީ އެ ޕާޓީއަށް ސޮއިކޮށްފައެވެ. މީދޫން އެ ޕާޓީއަށް ސޮއިކުރި މީހުންގެ ތެރޭގައި ވެރިކަންކުރާ އެމްޑީޕީގައި ގިނަ ދުވަސްތަކެއް ވަންދެން އުޅެފައިވާ ބައެއް މީހުން ވެސް ހިމެނެއެވެ.