30 Mar 2022, 22:05
ކިޔޭވް (30 މާޗް 2022): ރަޝިޔާއާއި ޔޫކްރެއިން އާ ދެމެދު ދައްކަމުން ގެންދާ ސުލްހައިގެ ވާހަކަތަކުގައި ދެފަރާތުގެ މެދުގައި އިތުބާރު އުފެއްދުމަށްޓަކައި ކިޔޭވާއި ޔުކްރޭންގެ އުތުރުގެ ސަރަހައްދުތަކަށް ދޭ ޙަމަލާތައް މަދުކުރާނެކަމަށް ރަޝިޔާއިން ވައުދުވެފައިވީނަމަވެސް އެއާ އެއްގޮތަށް ރަޝިޔާއިން އަމަލުނުކުރާ ކަމަށް ޔުކްރޭނުން ބުނެފިއެވެ.
ޔުކްރޭންގެ ރައީސްގެ ކުރީގެ މުސްތަޝާރެއްކަމަށްވާ އޮލެކްސެންޑާ ޑަނިލިޔުކް ވިދާޅުވިގޮތުގައި ކިޔޭވްއަށް ދޭ ހަމަލާތައްވެސް އަދި ޔުކްރޭންގެ އުތުރުގެ ސަރަހައްދުތަކަށް ދޭ ޙަމަލާތައްވެސް އަދި ރަޝިޔާއިން މަދެއްނުކުރެއެވެ. ރަޝިޔާގެ ލަޝްކަރުތަކުން ގެންދަނީ މިދެތަނަށް އިތުރު ސިފައިންނާއި ހަތިޔާރު ޖަމާކުރަމުންކަމަށްވެސް ޑަނިލިޔުކް ވިދާޅުވިއެވެ.
އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަން ބުނާގޮތުން ރަޝިޔާގެ ބޭނުމަކީ ކިޔޭވާއި ޔުކްރޭންގެ އުތުރުގެ ސަރަހައްދުތަކަށް ދޭ ހަމަލާތައް ކުޑަކުރާނެކަމަށް ބުނެ އޮޅުވާލައިގެން ޔުކްރޭންގެ ހަމަލާތައް ހުއްޓުވާފައި އެދެތަން ހިސާރުކުރުމަށް އިތުރަށް ވާންޖެހޭ ތައްޔާރީތައް ވުމެވެ.

ރަޝިޔާގެ ހަމަލާތަކުގައި ޔުކްރޭނަށް ލިބެމުންދާ ގެއްލުންތައް
ކިޔޭވާއި ޔުކްރޭންގެ އުތުރުގެ ސަރަހައްދުތަކަށް ރަޝިޔާއިން މިއަދުވެސް ހަމަލާތައް ދެމުންގެންދާކަމަށް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް ކުރިން ދޭ ހަމަލާތަކަށްވުރެ މިއަދު ދޭ މަދުކަން ބައެއް މުރާސިލުންވަނީ ފާހަގަކޮށްފައެވެ.
ކިޔޭވާއި ޔުކްރޭންގެ އުތުރުގެ ސަރަހައްދުތަކަށް ދޭ ޙަމަލާތައް މަދުކުރާނެކަމަށް ވިދާޅުވެފައިވަނީ ރަޝިޔާގެ ރައީސް ވްލަޑިމީރު ޕޫޓިންއެވެ. ޕޫޓިން މިހެން ވިދާޅުވީ ތުރުކީގެ އިސްތަންބޫލްގައި ރަޝިޔާއާއި ޔޫކްރޭންގެ ސުލްހައިގެ ވާހަކަތައް އިއްޔެ ކުރިޔަށް ދިޔަވަގުތު ދެއްވި ބަޔާނެއްގައެވެ.
ތުރުކީ ބުނާގޮތުން އިއްޔެ އިސްތަންބޫލްގައި ބޭއްވި ރަޝިޔާއާއި ޔުކްރޭންގެ ސުލްހައިގެ ވާހަކަތަކަށް ބޮޑެތި ކުރިއެރުންތަކެއްވަނީ ލިބިފައެވެ. ނަމަވެސް މި ކުރިއެރުންތަކުގެ ތަފްސީލް ޔުކްރޭންވެސް އަދި ރަޝިޔާއިންވެސް ހާމަކޮށްފައެއް ނުވެއެވެ.
ރަޝިޔާއާއި ޔުކްރޭންގެ ސުލްހައިގެ ވާހަކަތައް ޚަރާބު ކުރުމަށް ބޭރުގެ ފަރާތަކުން މަސައްކަތް ކުރާކަމަށް ރަޝިޔާއިންވަނީ ތުހުމަތުކޮށްފައެވެ. ރަޝިޔާގެ ޚާރިޖީ ވުޒާރާ ބުނާގޮތުން ޔުކްރޭންގެ ސުލްހައިގެ ވަފްދުގެ ބޭފުޅުން ކަންކަމަށް އެއްބަސްވުމަށްފަހު އޭގެފަހުން އެކަންކަމަށް އެއްބަސް ނުވެވޭނެކަމަށް ވަރަށް ގިނަ ހާލަތްތަކުގައި ބުނަމުން ގެންދާތީ މިއީ ސުލްހައިގެ ވާހަކަތައް ޚަރާބުކުރުމަށް ބޭރުގެ ފަރާތަކުން ކުރާ މަސައްކަތުގެ އަސަރު ޔުކްރޭންގެ ސަރުކާރަށް ކުރާކަމުގެ ހެއްކެކެވެ.
މިއީ އެމެރިކާއަށް ނުސީދާގޮތެއްގައި އިޝާރާތްކޮށް ރަޝިޔާގެ ޚާރިޖީ ވުޒާރާއިން ބުނިވާހަކަތަކެއްކަމަށް ވަނީ ބެލެވިފައެވެ.
ރަޝިޔާއާއި ޔުކްރޭން ސުލްހަ ކުރުވުމަށްވެސް އަދި ސުލްހައިގެ ވާހަކަތައް ކުރިޔަށް ގެންދިޔުމަށްވެސް އެމެރިކާއާއި ޔޫރަޕްގެ ބާރުތަކުން މަސައްކަތެއް ނުކުރެއެވެ. އޭގެބަދަލުގައި އެމެރިކާއާއި ޔޫރަޕުން ގެންދަނީ ޔުކްރޭނަށް ހަތިޔާރާއި ޖާސޫސީ މައުލޫމާތު ފޯރުކޮށްދީ ހަނގުރާމަ އައިގެން ކުރިޔަށްދިޔުމަށް ސިޔާސީ ގޮތުން ހިއްވަރު ދެމުންނެވެ. ނަމަވެސް ޔުކްރޭންގެ ރެފިއުޖީންނަށް ޔޫރަޕުން ވަރަށް ބޮޑަށް އެހީތެރިވަމުން ގެންދެއެވެ.
ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް އަސްކަރީ އޮޕަރޭޝަނެއްގެ ނަމުގައި ހަނގުރާމަފެށީ ޔުކްރޭން ނޭޓޯއަށް ވައްދައިގެން ރަޝިޔާގެ ސަރަހައްދީ ރޮނގާ ހަމައަށް ނޭޓޯ ފުޅާކޮށް ނޭޓޯއިން ރަޝިޔާ ހިސާރު ކުރުމަށް މަސައްކަތްކުރާކަމަށް ތުހުމަތުކޮށްއެކަން ހުއްޓުވުމަށާއި ޔުކްރޭން އަސްކަރީ ބާރުނެތް ނިއުޓްރަލް ގައުމަކަށް ހެދުމުގެ ބޭނުމުގައި ކަމަށް ރަޝިޔާއިން ބުނެއެވެ.
މީގެއިތުރުން ޔުކްރޭންގެ ރަޝިޔާ ދަރިކޮޅުގެ މީހުންނަށް ޔުކްރޭންގެ ނާޒީ ފިކުރުގެ ހަރުކަށި މީހުން ކުރަމުން ގެންދާ އަނިޔާތަކުން އެމީހުން ސަލާމަތް ކުރުމަކީވެސް ހަނގުރާމަ ފެށުމުގެ ސަބަބެއްކަމަށް ރަޝިޔާއިން ބުނެފައިވެއެވެ.
ހަނގުރާމަ ހުއްޓާލުމަށް ރަޝިޔާ ހުށަހަޅާ ޝަރުތުތަކުގެ ތެރޭގައިވެސް ޔުކްރޭންގެ ރަޝިޔާ ދަރިކޮޅުގެ މީހުންގެ އަޣްލަބިއްޔަތު އޮންނަ ޔުކްރޭންގެ އިރުމަތީ ދޮންބާސް ސަރަހައްދާއި ކްރައިމިޔާ ސަރަހައްދުގެ ގެ މިލްކުވެރިކަން ދޫކޮށްލުމަށް ޔުކްރޭން އެއްބަސްވުން ރަޝިޔާ ވަނީ ހިމަނާފައެވެ.
މިކަންކަމަށް ރިޢާޔަތް ކުރާނެކަމަށް ޔުކްރޭންގެ ރައީސް ވިދާޅުވެފައިވީނަމަވެސް ސުލްހައިގެ ވާހަކަތަކުގައި މިކަންކަމަށް ޔުކްރޭނުން އަދި އެއްބަސްވެފައެއް ނުވެއެވެ.
ޔުކްރޭނާ ދެކޮޅަށް ރަޝިޔާ ފެށި ހަނގުރާމައިގައި ވެރިރަށް ކިޔޭވް ހިފުމަށް އިސްކަން ދިން ނަމަވެސް ހަނގުރާމައަށް އެއްމަސްވީއިރުވެސް ކިޔޭވް ކޮންޓްރޯލް ކުރުމުގައި ރަޝިޔާއަށް ކާމިޔާބު ލިބިފައެއް ނުވެއެވެ. މިއާއެކު ރަޝިޔާގެ ހަނގުރާމައިގެ ސްޓްރެޓެޖީއަށް މިހާރު ބޮޑެތި ބަދަލުތަކެއް ގެންނަމުންދާކަން ނޭޓޯއާ އަދި ތަޖްރިބާކާރުންވަނީ ފާހަގަކޮށްފައެވެ.