ކިޔޭވް (30 މާޗް 2022): ޔުކްރޭން ހަނގުރާމަ މަހަކަށްވުރެ ދިގުލައިގެން ދިޔައިރު ރަޝިއާއަށް ޔުކްރޭންގެ ވެރިރަށް ކިޔޭވް ނުހިފުނު ނަމަވެސް ރަޝިއާވަނީ ހަނގުރާމައިގެ ފުރަތަމަ މަރުހަލާގެ މައިގަނޑު ހަތަރު ލަނޑުދަނޑި ކާމިޔާބު ކޮށްފައި ކަމަށް އަސްކަރީ މުހައްލިލުން ވިދާޅުވެއްޖެއެވެ.

ޔުކްރޭން ހަނގުރާމަ އަސްކަރީ ގޮތުންނާއި ސްޓްރެޓީޖިކް ގޮތުން ދިރާސާކުރައްވާ މުހައްލިލުންނާއި ތަޖްރިބާކާރުން ވިދާޅުވާގޮތުގައި މީގެތެރެއިން އެއްކަމަކީ ޔުކްރޭން އަސްކަރީ އެތައް ހާސް މަރުކަޒުތަކަކާއި އަސްކަރީ އިންފްރާސްޓްރަކްޗާގެ ބޮޑުބައި ހަލާކުކޮށްލައިގެން ޔުކްރޭން ސިފައިންގެ ބާރު ގާތްގަނޑަކަށް 80 އިންސައްތައަށް ކުޑަކޮށްލުމެވެ.

ދެވަނަ ކަމަކީ ކަޅުކަނޑާއި އަޒޯފް ކަނޑުގެ އައްސޭރި ފަށް ރަޝިއާ އިން ހިފައި މިދެކަނޑުގެ މަގުން ޔުކްރޭން ހިސާރުކޮށް ކަނޑުގެ މަގުން އެއްޗެއް އެތެރެކުރުމުގެ ފުރުސަތުން ޔުކްރޭން މަހްރޫމް ކުރުމެވެ.

ތިންވަނަ ކަމަކީ ރަޝިއާގެ ބާރުގަދަ އަދި ނުރައްކާތެރި މިސައިލްތައް (ހައިޕާ ސޮނިކް މިސައިލާއި ކެލިބާ މިސައިލްފަދަ މިސައިލްތައް) ހަގީގީ ހަނގުރާމައިގެ މައިދާނުގައި (ޔުކްރޭންގެ ތަންތަނަށް ހަމަލާދީގެން) ތަޖްރިބާކޮށް އޭގެ ބާރު ދެނެގަނެ އަދި އެމިސައިލްތައް ބޭނުންކޮށްގެން ޔުކްރޭންގެ ބިމުއަޑީގެ ހަތިޔާރުގެ ބިންގަރާސްތައް ހަލާކުކޮށްލުމެވެ. މިކަންވަނީ ހަނގުރާމައިގެ ފުރަތަމަ މަރުހަލާގައި ރަޝިއާ ވަނީ ވަރަށް ބޮޑަށް ކާމިޔާބުކޮށްފައި ކަމަށް އެބޭފުޅުން ވިދާޅުވެއެވެ.

ހަނގުރާމައިގެ ފުރަތަމަ މަރުހަލާ ކަމަށް ރަޝިއާ ބުނެފައިވަނީ ފެބްރުއަރީ 24 އިން މަޗް 24 އަށް ހިނގާފައިވާ މުއްދަތެވެ. އެއީ ހަނގުރާމައަށް އެއްމަސް ފުރުމެވެ.

އަސްކަރީ ތަޖްރިބާކާރުންގެ ނަޒަރުގައި ހަތަރުވަނަ ކަމަކީ ނޭޓޯއިން ޔުކްރޭނަށް ފޯރުކޮށްދޭ ހަތިޔާރުގެ ސަޕްލައި އަށް ހަމަލާދީ އެ ސަޕްލައި ގާތްގަނޑަކަށް ދެބައިކުޅަ އެއްބައަށް ދަށްކޮށްލުމެވެ. ޕޮލެންޑާއި ރުމޭނިއާގެ މަގުން އެމެރިކާއާއި ޔޫރަޕުން ޔުކްރޭނަށް އެތެރެކުރާ ހަތިޔާރުގެ ސަޕްލައިތަކަށް ރަޝިއާ ދަނީ ބޮން އަޅައިގެންނާއި މިސައިލުން ހަމަލާދީގެން ވަރަށް ވަރުގަދަ ހަމަލާތަކެއް ދީ އެތަކެތި ހަލާކު ކުރަމުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދަމުންނެވެ.

ނަމަވެސް އަދި އެސަޕްލައި އެއްކޮށް ހުއްޓުވިފައެއް ނުވެއެވެ. މާޗް މަހުގެ ތެރޭގައި ރަޝިއާއިން މިލަނޑުދަނޑި ކާމިޔާބުކޮށް ސަރަހައްދީ ރޮނގު ހުރަސްކޮށް އެމެރިކާއާއި ޔޫރަޕުން ޔުކްރޭނަށް އެތެރެކުރާ ހަތިޔާރުގެ ސަޕްލައި ގާތްގަނޑަކަށް ހުއްޓުމަކަށް ގެންނާނެ ކަމަށް މިފަރާތްތަކުން ލަފާކުރެއެވެ. މިއާއެކު ޔުކްރޭން ހަނގުރާމައިގެ މިހާރުގެ ހާލަތަށް ބޮޑު ބަދަލެއް އަންނާނެކަމަށްވެސް އެބޭފުޅުން ވިދާޅުވެއެވެ.