ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި މިދިޔަ އާދީއްތަ ދުވަހު އައްޑޫއިން ހައްޔަރުކުރި ނުވަ މީހުންގެ ތެރެއިން ތިން މީހަކު ދޫކޮށްލައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ސަން"އަށް ވިދާޅުވީ މިދިޔަ ހޯމަ ދުވަހުން ފެށިގެން ހަތް ދުވަހަށް ބަންދަށް ޖެހި ހަ މީހުން ފިޔަވާ ބާކީ ތިބި ތިން މީހުން މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.

އެ މީހުން ދޫކޮށްލީ ހައްޔަރު ކުރުމަށް ފަހު، 24 ގަޑިއިރު ހަމަވުމާއެކު ބަންދުގެ މަޖިލީހަށް ވެސް ނުގެންގޮހެވެ.

މައްސަލައާ ބެހޭ އިތުރު ތަފްސީލެއް ފުލުހުން އަދި ދީފައި ނުވެއެވެ.

އެ މައްސަލަ ފެންމަތިވި އިރު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހާއި، އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ.އެސް ޖަޔަޝަންކަރުގެ އިތުރުން ދައުލަތުގެ ބައެއް ވަޒީރުންނާއި ވެރިން ތިއްބެވީ އައްޑޫގައެވެ.

އެ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިދިޔަ ހޯމަ ދުވަހު ރައީސް ވަނީ މާލެ ވަޑައިގެންފައެވެ.