ކާބުލް (މާޗް 18) : މިދިޔަ ހަފްތާގެ އާދިއްތަ ދުވަހު އެމެރިކާ ސިފައިންގެ މީހަކު ބަޑިހިފައިގެން ކަންދަހާރުގެ ގެތަކަށްވަދެ އަފްޣާން ކުޑަކުދިންނާއި އަންހެނުންގެ ގަޔަށް ބަޑިޖަހައި ހިންގި ބިރުވެރި ޤަތްލު ޢާންމުގެ ކުރިން އެމެރިކާ ސިފައިންގެ ބަޔަކު އަފްޣާން ދެއަންހެނެއްގެ ޢިޢްފަތްތެރިކަމަށް އަރައިގަނެ އެދެމީހުން ރޭޕްކޮށްފައިވާކަން ހާމަވެއްޖެވެ.

ކަންދަހާރުގެ ޤާތިލްގެ ނަމުން ނަންދެވިފައިވާ އެމެރިކާ ސިފައިންގެ މީހާ ރޮބަޓް ޔީލްޒް ހިންގި ބިރުވެރި ޤަތްލުއާންމުގައި އަފްޣާން އާންމުންގެ 17 މީހަކު މަރާލާފައިވާއިރު މިކަމަށް މަގުފަހިކޮށްދިނުމުގައި އެމެރިކާ ސިފައިންގެ އިތުރުބަޔަކު ބައިވެރިވިކަންވެސް މިހާރުވަނީ ހާމަވެފައެވެ.

އަފްޣާން ޕާލަމެންޓުގެ ވަފްދަކުން މިކަން ބަލައި ތަޙްޤީޤް ކުރަމުން އިއްޔެބުނީ އެމެރިކާ ސިފައިންގެ 15 މީހަކު ކަންދަހާރުގެ ޤަތްލުޢާންމުގައި ބައިވެރިވެފައިވާ ކަމަށާއި މިޤަތްލުއާންމުގައި މަރާލެވުނު ދެއަންހެނަކު ރޭޕްކުރުމުގައިވެސް އެމެރިކާ ސިފައިންގެ ބަޔަކު ޝާމިލްވާ ކަމުގައެވެ. އެމެރިކާ ގެންދަނީ މިއީ އެޤައުމުގެ ސިފައިންގެ މީހަކު ފަރުދީގޮތުން ހިންގި ޢަމަލެއް ކަމަށްބުނެ މިކަމާއި އެމެރިކާ ސިފައިންނާ ގުޅުންނެތްކަން ހާމަކުރުމަށް މަސައްކަތް ކުރަމުންނެވެ.

އަފްޣާން ޕާލަމެންޓުގެ ތަހްޤީޤްތަކުންވަނީ އެމެރިކާ ސިފައިންގެ މީހާ ކަންދަހާރުގެ ގެތަކަށްވަދެ ޤަތްލުއާންމު ހިންގިވަގުތު އެގެތަކުގެ މަތިން އެމެރިކާގެ ޢަސްކަރީ ހެލިކޮޕްޓަރެއް އުދުހުނުކަންވެސް ހާމަވެފައެވެ.

އެމެރިކާ ސިފައިންގެ މީހަކު ބަޑިހިފައިގެން ކަންދަހާރުގެ ގެތަކަށްވަދެ ހިންގާފައިވާ ޤަތްލު ޢާންމުގައި 17 މީހަކު މަރާލާފައިވާއިރު މީގެތެރޭގައި 7 ތުއްތު ކުދިންނާއި 5 އަންހެނުން ހިމެނޭކަމަށް އަފްޣާން ސަލާމަތީ ބާރުތަކުން ބުނެއެވެ. މިޤަތްލު އާންމު ހިންގާފައިވަނީ އެމެރިކާ ސިފައިންގެ އެތަށްބަޔަކު މިކަމުގެ ފަހަތުގައިތިބެ އެމީހާއަށް ވާގިވެރިވެގެން ކަމަށް މަންޒަރުދުށްމީހުން ބުނެއެވެ.

މިބިރުވެރި ޤަތްލުއާންމުގެ ސަބަބުން މުޅި އަފްޣާނިސްތާނަށްވަނީ ސިހުން ލިބިފައެވެ. ރައީސް ޙާމިދު ކަރުޒާއިވަނީ މިއީ ކުށެއްނެތް އަފްޣާން ރައްޔިތުންނާ ދެކޮޅަށް އެމީހުންގެ އަމިއްލަ ފަސްގަނޑުގައި އެމެރިކާ ސިފައިން ގަސްދުގައި ހިންގި ނާޒީ ސްޓައިލްގެ ޤަތްލުޢާންމެއް ކަމަށް ސިފަކުރައްވާފައެވެ. އަފްޣާން ޕާލަމެންޓުންވަނީ މިޤަތްލުއާންމު ހިންގި އެމެރިކާ ސިފައިންގެ މީހާގެ މައްޗަށް އަފްޣާން ޚާއްސަ ކޯޓަކުން ޝަރީއަތް ހިންގުމަށް ގޮވާލާފައެވެ.

މިޤަތްލު އާންމު ހިންގުމަށްޓަކައި ކަންދަހާރު ޕްރޮވިންސްގެ ޕާންޖުވާއި ގެތަކަށް އެމެރިކާ ސިފައިންގެ ބަޔަކު ވަންކަމަށާއި ބަޑިހިފައިގެންތިބި އެމެރިކާ ސިފައިން އަފްޣާން އަންހެނުންނަށް ބަޑިން ޙަމަލާދީ އެމީހުން މެރުމުގެ ކުރިން ބައެއް އަންހެނުންގެ ހެދުން ގަދަކަމުންބާލައި ޖިންސީގޮތުން ބައެއްއަންހެނުންނަށް ގޯނާކޮށްފައިވާ ކަމަށްވެސް މަންޒަރުދުށް ބައެއް މީހުން ބުނެފައިވެއެވެ.

ކަންދަހާރުގެ ޤަތްލު އާންމުގައި މަރާލި 17 މީހުންގެ ތެރެއިން ބައެއް މީހުންގެ ހަށިތަކުގައި ހުޅުޖަހައި އަންދާލާފައިވާކަން ހާމަވެފައިވާއިރު މިޤަތްލު އާންމު ހިންގުމުގެ ދުވަސްކޮޅެއް ކުރިން އެމެރިކާ ސިފައިންގެ ބަޔަކުވަނީ އަފްޣާނިސްތާނުގައި ކީރިތި ޤުރްއާން އަންދައި އިސްލާމް ދީނަށް އިހާނާތްކޮށް އަފްޣާން ރައްޔިތުންނަށާއި މުސްލިމުންނަށް ޖެއްސުންކުރުމުގެ ނާތަހުޒީބު ޢަމަލުތަކެއްވެސް ހިންގާފައެވެ.

މިއީ، އެމެރިކާ ސިފައިންގެތެރޭގައި ހިމެނޭ މުސްލިމުންނާ ޢަދާވާތްތެރި، ޔަހޫދީ ވިސްނުމުގެ ހައްދުފަހަނަޅާފައިވާ ފަރާތްތަކުން މުސްލިމުން ރުޅިއެރުވުމަށާއި މުސްލިމުން ނިކަމެތި ކުރުމަށާއި އިސްލާމް ދީނަށް އިހާނާތް ކުރުމަށް ދުރާލާ ރާވައިގެން ހިންގަމުން ގެންދާ ސިލްސިލާ ޖަރީމާތަކުގެ ތެރޭގައިހިމެނޭ ޖަރީމާއެއްކަމަށް އަފްޣާން އާންމުން ސިފަކުރެއެވެ.

ޤަތްލު އާންމު ހިންގި އެމެރިކާ ސިފައިން މީހާ މިހާރުވަނީ ހައްޔަރުކޮށްގެން އެމެރިކާއަށް ގެންގޮސްފައެވެ. ނަމަވެސް އޭނާގެ ޝިކާރައަކަށްވި އަފްޣާން ރައްޔިތުން ނަށް އިންސާފުލިބޭގޮތަށް އެމެރިކާގައި އޭނާގެ މައްޗަށް ޝަރީޢަތް ހިންގާނެކަމާމެދު ވަނީ ޝައްކު އުފެދިފައެވެ.

އަފްޣާނިސްތާނުގެ ކުޑަކުދިންނާއި އަންހެނުންނާ ދެކޮޅަށް މިބާވަތުގެ އެތަށް ޤަތްލު އާންމުތަކެއް ފާއިތުވި 10 ވަރަކަށް އަހަރުތެރޭގައި އެމެރިކާސިފައިން ހިންގާފައިވާއިރު މިފަދަ ޖަރީމާތައް ހިންގި އެމެރިކާސިފައިންގެ އެއްވެސް މީހަކަށް ބޮޑު އަދަބެއް ލިބިފައެއް ނުވެއެވެ. -- ނޫސްއެޖެންސީތައް