18 Mar 2012, 08:32
ސަރުކާރު ބަދަލުވުމާ އެކު އެންމެ ގިނަ ބަޔަކު ކަންބޮޑުވީ އާސަންދަ، ސަންދޯކު އަޅަންޖެހިދާނެތީ އެވެ. އަހަރެއްގެ މައްޗަށް މީހަކަށް 100،000ރ. ހިލޭ ބޭސް ފަރުވާ ކުރެވޭ އާސަންދަ ފެއިލްވެ ނޭވާހޮޅިއަށް އެޅިފައިވާ ވާހަކައެވެ. އާސަންދައިން މިހާރު ލިބޭ ބައެއް ހިދުމަތްތަކުގެ ދާއިރާ ހަނިވެ ހިލޭ އޮތް ސްކީމް ފައިސާ ދައްކާ އެއްޗަކަށް ބަދަލުވާން އުޅޭ އަޑުތަކެވެ. އާސަންދައިގެ ބަލަދު ވެރިޔާ، އެންސްޕާގެ ޗެއާމަން ތޯރިގު އަލީ ލުތުފީ އެ ވާހަކަތައް ދޮގުކުރައްވަ އެވެ. ތިރީގައި މިވަނީ ތޯރިގު ސަންއަށް ދެއްވާފައިވާ އިންޓަވިއުއެއްގެ ބައެއް ސުވާލުތަކާއި ޖަވާބެވެ.
ސ: އާސަންދައާ ގުޅޭގޮތުން ތަފާތުވާހަކަތަށް އެބަދެކެވޭ. އާސަންދައަށް ވާން މިއުޅެނީ ކިހިނެތް؟
ޖ: އާސަންދަ ހުއްޓާލުމުގެ އެއްވެސް ފިކުރެއް އަޅުގަނޑުމެންގެ ނެތް، ވިއްޔާ ވާނީ ރަނގަޅު، މިހާރަށް ވުރެ ފަސޭހަވާނީ، ރަނގަޅު ވާނީ.
ފަސޭހަ ފުރިހަމަ، ކޮންގޮތަކަށްތޯ ތި މާނަކުރައްވަނީ؟ ކޮންގޮތަކަށް ތޯ އިތުރަށް ފުރިހަމަ ވާނީ؟
ހުރިހާ މާނައެއްގަވެސް، އެއީ މީހުންނަށް ފަސޭހައިން އެ ހިދުމަތް ހޯދޭނެ އިންތިޒާމް، މީހުންގެ މުހިންމު ބޭނުންތައް ކުރެވޭނެ ގޮތަށް ވުން، ފުރިހަމަ ކަން. އެއީ އެމީހަކު އެކަމަކާ މެދު ދެކޭގޮތަކަށް އޮންނަ ކަމެއް. އެ އުފެއްދި ބަޔަކު ބުނެފާނެ ވަރަށް ފުރިހަމަ އޭ. މީގައި އަޅުގަނޑުމެންނަށް ފާހަގަކުރެވޭ އެއް މައްސަލަ، ޕްރައިވެޓް ކްލިނިކްތަކުން އެންމެ ކުލިނިކަކަށް އަޅުގަނޑަށް ހީވަނީ ހިދުމަތް ދެވިފައި އިނީ. ހިދުމަތް ހޯދަން އަންނަ މީހުންގެ ކިއޫތައް އެބަ ދިގުވޭ. އެޕޮއިންޓްމަންޓް ހޯދަން އެބަ އުނދަގޫވޭ. މިއީ އަބަދު އަބަދުހެން އަޅުގަނޑުމެންނަށް ކުރާ ޝަކުވާއެއް. ބޭސްހިފައިގެންދާއިރު ސިޓީއަށް ބޭސް ނުލިބުން. މިއީ އަޅުގަނޑުމެން ބަލަން ޖެހޭ ކަންކަން. ކީއްތޯ މިވަނީ، ކިއޫތައް މި ދިގުވަނީ. ކީއްވެތޯ މި ހުރިހާ ޕްރައިވެޓް އިންސްޓިޓިއުޝަންތައް ހުރިއިރު އެންމެ ތަނަކަށް މިކަން ދެވިގެން އުޅެނީ. މިއީ އަސްލު ހަގީގަތުގައި އަޅުގަނޑުމެންގެ ފޯކަސްއަކީ. ސަރުކާރުގެ ވިސްނުން މިހުރީ އެއް އުސޫލަކުން އެއް ހަމައަކުން ޕްރައިވެޓް ކްލިނުކުތައް ވެސް ބައިވެރި ކުރުން. އެ މަސައްކަތްތައް ވެސް ކުރިއަށް އެބަދޭ.
ކިހިނެތްތޯ މިހާރު ބައްޓަންވެފައި އޮތީ؟
މިކަމުގައި އުޅުނު މީހެއްގެ ހައިސިއްޔަތުން އެކަން އޮތީ ވަރަށް ކަންބޮޑުވާގޮތަކަށް. މިއީ އަޅުގަނޑުގެ ޕްރޮފެޝަނަލް އޮޕީނިއަން އެކަމުގައި. ޕްރޮގްރާމް އޮތީ ފެށިފައި. ބަޖެޓް ލައިންތައް ހުރީދެވިފައި. ރައްޔިތުންނަށް ވިސްނައިދެވިފައި އޮތީ މުޅިން އެހެން އެއްޗެއް. ކުރަން އުޅެނީ އެހެން ކަމެއް. އެކަހަލަ ގޮތަކަށް މި އޮތީ. އެހެންވީމަ ޝޯސަލް އިންޝުއަރެންސާއި ބެހޭ ގާނޫނެއް ވެސް އައިސްފައި އޮތީ. އަޅުގަނޑުމެން ވެސް އެ ގާނޫނުގެ ތެރެއިން މި އެއްޗިހި ބައްޓަން ވެސް ކުރަން ޖެހޭނީ. މި ސަރުކާރުގެ ވިސްނުމެއް ނެތް އެއްވެސް ކަމެއް ނުވާނެ ގޮތް ހަނދާކަށް. އަޅުގަނޑުމެންގެ ވިސްނުން މިހުރީ ދެންވެސް އެކަން ކުރެވޭނެ ގޮތްހެދުން.
ކަންބޮޑުވާ ކަންތައްތަކުގެ ތަފުސީލަކީ ކޮބައިތޯ؟
އަޅުގަނޑުމެންގެ އެންމެ ބޮޑު މައްސަލައަކީ ސިއްހީ ހިދުމަތްދޭ ފަރާތްތަކުގެ މެދުގައިވެސް ވަރަށް ބޮޑު ތަފާތުތަކެއް ހުރި ގައުމެއް. އަޅުގަނޑުމެންގެ ދާއިރާތަކުގައި ހުރިހާ ކަމެއް ނުވެސް ނެތް. ސިންގަލް ސްޕެޝަލިޓީ ކްލިނިކް ކަހަލަތަންތަން އެބަހުރި. އެތަންތަން ވެސް ބާކީކުރެވިފައި ހުރީ. އެދިމަ ދިމާގައި ވެސް އެބަހުރި ރައްޔިތުން ބޭނުންވާ އެތައް އެތައް ސްޕެޝަލައިޒް ހިދުމަތެއް އެބަހުރި. އެ ދިމާގައި ރައްޔިތުންނަށް ބޭނުންވާ އެތައް ހިދުމަތެއް އެބަހުރި. މާލޭގައި ހުރި އެއް ހޮސްޕިޓަލަށާއި ދެ ކުލިނިކަށް ހުރިހާ ރައްޔިތުން ތޮއްޖެހެން ފަށައިފި. ފެސިލިޓީޒްގެ ގޮތުން ބެލިޔަސް ޑޮކްޓަރުންގެ ގޮތުން ބެލިޔަސް އެންމެ ރަނގަޅު އިތުބާރު ހުރި ހޮސްޕިޓަލަށް މީހުންދާވަރު މަދުވެއްޖެ. މިއީ ގައުމެއްގެ ހައިސިއްޔަތުން ވިސްނާލަންޖެހޭ މައްސަލައެއް.
ތޮއްޖެހުން، އެޕޮއިންޓްމަންޓު ނުލިބުން، ސިޓީއަށް ބޭސް ނުލިބުން، ކޮބައިތޯ ހައްލަކީ ތި މައްސަލަތަކަށް؟
އެންމެ ދެ ތަނަށް ނޫނީ ތިންތަނަކުން ހިދުމަތް ލިބޭ ގޮތް އޮތުން ރާއްޖޭގެ ހާއްސަކޮށް މާލޭގެ ކަންތައްތައް އޮތް އޮތުން މިއީ މައްސަލައަކީ. ކޮންމެ ތަނެއްގައި ވެސް އޮންނަނީ ވަކި ވަރެއްގެ ކެޕޭސިޓީއެއް. އެ ކެޕޭސިޓީ ފުލްވެގެންދާ ކަމަށް ވަންޏާ ދެން އޮންނާނީ ކިއޫތައް މަގުމަތީގައި. އެއަށްވުރެ ފަސޭހަގޮތްތަށް އެހެން ގޮތްތަށް ހޯދަން ޖެހޭ. ހޯދެން ވެސް ހޯދޭނެ. އޭގެ ހައްލަކީ ދާއިރާ ފުޅާކުރުން. ޕްރައިވެޓް ކުލިނިކްތަކަށް ފުރުސަތެއް ދިނުން.
ކުލިނިކްތަށް ބައިވެރި ކުރާވާހަކަ ފާހަގަ ކުރައްވާ. ކުލިނިކްތައް މިއޮތީ ކުރިން ބައިވެރި ނުކުރެވި. ކުލިނިކްތަކަށް އެޕްރޯޗްކުރައްވަން ތި ނިންމެވީ ކިހާވަރަކަށް ބައްލަވާފަތޯ؟ ކްލިނިކް އެޕްރޯޗުން އެންޖޯއީ ކުރެވޭނީ ކޮންކަމެއްތޯ؟
އަޅުގަނޑަށް އެއްގޮތަކަށްވެސް ނޭނގޭ ކިހިނެތް ވެގެން ކަމެއް ކުރިން ބައިވެރިނުކޮށް އޮތީ. އެއާ ގުޅިގެން އެކި މީހުން އެކި ވާހަކަ ދައްކާ. އަޅުގަނޑު ނެތީން އެ ވާހަކަތައް ތަކުރާރުކުރާކަށް. އަޅުގަނޑަށް ގަބޫލު ނުކުރެވޭ އެއީ ރަނގަޅު ވިސްނުމެއް ކަމަކަށް. އެއީ މީގެ ކުރިންވެސް ހަމަ ބޭނުންވީމަ ކުލިނިކްތަކަކަށް އެ ހިދުމަތްތައް ދެމުން އައީ.
ކްލިނިކްތަކުގެ ކޮންބޮޑުވުމެއް އެބައޮތްތޯ؟ އެ މަސައްކަތް ކިހާ ހިސާބަކުބާ މި އުޅެނީ؟
އެބޭފުޅުން އެއީ ރަނގަޅު ކަމެއްކަމެއްކަމަށް ދެކެވަޑައިގަންނަވާ. އެ ބޭފުޅުން ބޭނުންވޭ ބައިވެރިވާން. އެބޭފުޅުންގެ ހުރިހާ ބޭފުޅުންގެ ޝަކުވާއަކީ އެބޭފުޅުންނަށް އިންސާފުވެރިކަމާއި އެއްހަމައަކުން ކީއްވެހޭ އަމަލު ނުކުރެވެނީ. އަޅުގަނޑުމެންނަށް އޭގައި ދެންނެވޭނެ އެއްޗެއް ނޫން މިއީ. އެއީ އަޅުގަނޑުމެން ތިބީއިރު ކޮށްފައި އޮތް ކަމެއް ނޫން އެއީ. އުސޫލެއްގެ ގޮތުން ކުލިނިކް ބައިވެރިކުރަން ނިންމައިގެން މިތިބީ. އަގުތަކާއި އެބޭފުޅުންގެ ހިދުމަތްތަކާއި އެއްޗިހިވެސް ބަލަންޖެހޭނެ. އެ ހިދުމަތްތައް ކެޓަގަރީކޮށް ބަލަންވެސް ރަޖިސްޓްރީވެސް ކުރަންޖެހޭނެ. ކުރައިޓީރިއާތަކަށް ފެތޭތީ އެކަންކަން ބަލަން މިދަނީ. އެގްރިމެންޓްތަކާއި އެއްޗިހި ހެދުމުގެ ޕްރޮސެސްގައި މި އުޅެނީ.
މަދަނައަށް ކުއްލިއަކަށް ހުއްޓާލިތަން ފެނުނީ. އޭގައި ރައްޔިތުން ދައްކާފައި ހުރި ފައިސާ ވެސް ހުންނާނެ. އެ ފައިސާތަކަށް ކިހިނެތްބާވީ؟ ކިހިނެތް ތޯ އެކަން ގޮސްފައި އޮތީ؟
އަޅުގަނޑަށް އޮޑިޓާ ޖެނެރަލްގެ ރިޕޯޓުން ފެންނަނީ ލިބިފައި ހުރި ފައިސާއަށް ރިސީޕްޓް ނަހަދާ ހުރިތަން މިއީވެސް އަޅުގަނޑަށް ހީވަނީ ވިސްނުމުގެ މައްސަލައެއްހެން. ތަންކޮޅެއް ކުރިއަށް ދާއިރު މަދަނަ އައުމާ ގުޅިގެން ސަރުކާރުގެ ހޮސްޕިޓަލްތަކުން އެއްވެސް ޗާޖެއް ކުރާނެ ތޯ، އެ ޗާޖުކުރެވޭ އުސޫލަކުން ޗާޖުކުރަން ނިންމީ އެހެން ހޮސްޕިޓަލްތަކުންވެސް. އެއީ ރައްޔިތުންނަށް ފެންނަ އެއްޗެއް ނޫން އެއީ. އެއީ އެޑްމިނިސްޓްރޭޓިވް ކަމެއް. ދެން އޭރުގައި ވާހަކަދެކެވުނީ ކޮން އެކައުންޓަކަށްތޯ އެ ފައިސާ ދާނީ. ހޮސްޕިޓަލް ތަކަށްތޯ ނޫނީ އާމްދަނީ އެކައުންޓަށްތޯ. އޭރު ފެނުނީ ޕްރޮގްރާމަކީ ބަޖެޓަރީ ސަޕޯޓުން ހިންގާ އެއްޗެއްކޭ އެހެންވީމަ ދާނީ އާމްދަނީ އެކައުންޓަށޭ. ހޮސްޕިޓަލްތަކަށް ރޯލެއް ނޯންނާނޭ. އެންސްޕާގެ ކޮންޓްރޯލެއް ނޯންނާނެ. ބިލްކުރީމަ ހެލްތު މިނިސްޓްރީއަށް އެ ފައިސާ ދާނީ. ވޮލަންޓްރީ ސްކީމަކަށް ވެއްޖެ 2009 އެހާ ހިސާބުގައި. އެހާހިސާބުން އެ ދައްކާ ފައިސާ ތައްގަނޑު ޖަހައިގެން ބޭންކުގައި ހުންނަ އެކައުންޓަކަށް ޖަމާ މިކުރެވެނީ. އެއީ އަޅުގަނޑުމެން ރިސީޕްޓް ހަދާ އެއްޗަކަށް ނުވާތީ އެކަމަށް މިތަނުން ޒިންމާވާކަށް ނުޖެހޭނެ. އެހެންވީމ މިތަނުގެ މުވައްޒަފަކު ހިއެއް ނުވޭ ގަސްތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާއަކަށް އެހެން ގޮތެއް ހެދިހެނެއް
އެއްވެސް ފައިސާއެއް އެބައޮތްތޯ ނުދެވި؟
ހިނގަ ހިނގާ އޮތް ޕްރޮގްރާމެއް ކުއްލިއަކަށް ހުއްޓާލީމަ އޮންނާނެ އެ ހިސާބަށް ހުރި ބިލްތަކެއް. އަޅުގަނޑުމެންނަށް އާންމު ގޮތެއްގައި އޮންނަ އާދަކާދައަކީ ކުއްލިއަކަށް ބިލްކޮށްލާނީ. އެބަހުރި ގިނަ ބިލްތަކެއް އެލައިޑަށް ވެސް. އެބޭފުޅުންނަށް އަދިވެސް ކޮންމެވެސް ވަރެއް އުޅޭ ދައްކަން. އަޅުގަނޑުމެން އެބައިވެސް ދައްކާނަން. އެއްވެސް އެއްޗެއް ނުބާއްވާނަން ނުދައްކައެއް.
އާސަންދަ، ފުރީ ސްކީމެއް ގޮތަށް މި އޮންނަނީ. ބަދަލުތަކާ އެކު އަންނައިރު އާންމުން އެއްޗެއް ދައްކަން ޖެހިދާނެބާ؟
މިއީ އަޅުގަނޑުމެން މުޅި ގައުމު އެކަކު އަނެކަކުގެ ހައްގުގައި އެއްޗެއް ދީގެން ހިންގޭ ވަރަށް ސޯޝަލް ޕްރޮގްރާމެއް. މުޅިން ފްރީއެއް ނޫން އަޅުގަނޑު ހިތަކުން. ދެން އަޅުގަނޑުމެން މީގައި މި ބަލަނީ މިކަމާ ގުޅިގެން ހެދުނު ގާނޫނު. މިގާނޫނު ކޮންމެވެސް ދުވަހަކުން ތަންފީޒުވާނެ. އެއީ ސަރުކާރަށް އޮތް ކަމެއް ސީދާ ޑައިރެކްޓް ކޮންޓްރިބިއުޝަންއެއް ނަގާނީތޯ. އަޅުގަނޑުމެންގެ މަޝްވަރާގައި ވެސް ނެތް ސުވާލެއް ތީ. މިހާރު މި އޮތް ގޮތް ރަނގަޅު. މި ދެތިން އަހަރެއްހާ ދުވަހުގެ ތެރޭގައި އެގޮތަށް ހިއެއް ނުވޭ ވާނެހެނެއް.
ޑޮކްޓަރަށް ދައްކާ ފީ ސްކީމްގައި ނުހިމަނާނެ ވާހަކަވެސް އަޑުއިވޭ. ކިހިނެއްތޯ މި އޮތީ؟
އެކަމަށް މަޝްވަރާކުރިން. އެކަމަކު އެއީ އަޅުގަނޑުމެން ދާއިރާގެ ބައެއް ބޭފުޅުންގެ މެދުގައި ކުރެވުނު މަޝްވަރާއެއް. އެއީ ގޮތެއް ނިންމުމެއް ނޫން. ބުރަވާ ކޮޅަކީ ކޮބައިތޯ ބަލާއިރު މިހާރުވެސް އޮތް ގޮތަށް އަޅުގަނޑުމެން 100 ޕަސެންޓް ޕޭކުރާގޮތަށް، އެއްވެސް އެއްޗެއް ރައްޔިތުން އަތުން އެއްޗެއް ނުނަގާ ގޮތަށް އެކަން މި ބުރަވަނީ. އެހެންވީމަ މެޖޯރިޓީ ވިސްނުމަށް ދާނީ. މައި ނޯރިޓީ ވިސްނުން ހިފައިގެން ނުދާނަން.
ސަސްޓެއިނަބިލިޓީއަކީ އާސަންދައިގެ ކުރިމަގާ މެދު ބޮޑު ސުވާލެއް، ކޮބައިބާ ގޮންޖެހުން ތަކަކީ؟
މައްސައަކީ ރައްޔިތުންނަށް ނުބައި ވިސްނުމުގައި ވިސްނަ ދީފައި އޮތުން. ދެން މިކަމާ ގުޅޭ ނުބައި ވިސްނުން ރައްޔިތުންނަށް ގެނެސްދިނުން. މި ވިސްނުމާއި ގުޅޭގޮތުން ނުބައި އެއްޗެއް ބުނެދިނުން. ސްކީމާ ދޭތެރޭ ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ އެއްޗެއް ބޮޑުވެފައި މިވަނީ. ފޯރުކޮށްދޭން ޖެހޭ މެސެޖް. އަޅުގަނޑުމެންނަށް ފަންޑް ނެތިގެނެއް ނޫން. މިއުޅެނީ. ހިންގާނެ ގޮތްތަކެއް ނޭންގިގެނެއް ނޫން. އެ ހުރިހާ އެއްޗެއް އެބަހުރި. މީގައި ދެން އަޅުގަނޑުމެންގެ ކޮންސާންއަކީ ކުދި ކަންކަމަށް މުޅި އެތި ބުރަވާ ބުރަވުން. މިކަހަލަ ސްކީމެއްގެ އެންމެ ބޮޑު އަމާޒަކީ ބޮޑަތި ފަރުވާ ކުރެވޭ ގޮތް ވުން. އަޅުގަނޑު އަބަދުވެސް މި ބުނަނީ ކުރަން މިއުޅެނީ ބޭސްފަރުވާ ކުރަން ޖެހުމުން ދިމާވާ އިގްތިސޯދީ މައްސަލަތަކަށް ފަރުވާއެއް ހޯދައި ދިނުމޭ. ބޮޑެތި ކަންކަމަށް ސަޕޯޓް ބޮޑުކުރަންވީ. ބޭސް ސިޓީއަށް ސަލާންޖެހުން ނައްތާލެވިއްޖެތޯ؟ މިސާލަކަށް ކެންސަރު ޕޭޝަންޓުންނަށް މިއުޅެނީ ފުލް ޓްރީޓްމަންޓް ނުދެވިގެން. ހަމަ އެބޭފުޅުން މީހުންގެ ކައިރިއަށް ގޮސް ލާރި ހޯދައިގެން ޓްރީޓް މަންޓް ހޯދަނީ، އެކަމަކު ވަކި ވިސްނުމެއްގައި މި އޮންނަނީ ބުނެދެވިފައި. މިކަމަށް ހައްލަކީ އިސްރާފު ނުކުރުން. ރައްކާތެރިގޮތުގައި ބޭނުން ކުރުން. އެގޮތަށް ވިސްނުން ބަދަލުކުރުން. ސަރުކާރުން މި އޮތީ ފުލް ކޮންޓްރިބިއުޝަން ދޭން. ދެން އޮތީ ރައްޔިތުން މިއަށް ރައްކާތެރިވުން. އެއީ މިއަދު ދިމާވެފައިވާ މައްސައަކީ.