30 Mar 2022, 10:46
އެޕަލްއިން އައިފޯނު 14 އުފެއްދުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށާއި މިފަހަރު އެ ބާވަތުގެ ފޯނުގެ "މިނީ ވާޝަން"އެއް ނުނެރޭނެ ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.
އެޕަލްއިން ދާދި ފަހުން ވަނީ އައިފޯނު އެސްއީ 2022 ލޯންޗުކޮށްފައެވެ. އެއާއެކު، ސްމާޓްފޯނު މާކެޓު މިހާރު އިންތިޒާރު ކުރަމުން ދަނީ އައިފޯނު 14 ސީރީސްއަށެވެ.
އެޕަލްގެ އުފެއްދުންތަކާ ބެހޭ ގޮތުން ރިޕޯޓުކުރާ ނައިންޓުފައިވްމެކް ނޫހުގައިވާ ގޮތުން އައިފޯނު 14 ސީރީސްގައި، ނެޓްވޯކް ނުލިބުނަސް ސެޓެލައިޓް މެދުވެރިކޮށް ފޯނުން ގުޅޭނެ ގޮތް ހަދާފައިވާ ފީޗާއެއް ތައާރަފްކުރަން ދަނީ ތައްޔާރުވަމުންނެވެ.
އެޕަލްއިން އައިފޯނު 13ގައި އެ ފީޗާ ހިމަނާނެ ކަމަށް ވާހަކަ ދެކެވުނު ނަމަވެސް އެ ފޯނުގައި އެ ޓެކްނޮލޮޖީ ހިމަނާފައިނުވެއެވެ.
ނައިންޓުފައިވްމެކްއިން ރިޕޯޓުކުރާ ގޮތުގައި، އައިފޯނު 14 ސީރީސްގެ މިނީ މޮޑެލް ނެތްކަމުގައި ވީނަމަވެސް، އައިފޯނުގެ ހަތަރު މޮޑެލްއެއް ތައާރަފްކުރާނެއެވެ. އަދި އޭގެ ތެރޭގައި ހިމެނޭނީ ދެ ސައިޒެއްގެ ފޯނެވެ. އެއީ 6.1 އިންޗީގެ ދެ ފޯނާއި 6.7 އިންޗީގެ ދެ ފޯނެވެ.
މީގެ އިތުރުން، އެޕަލް އައިފޯނު 14 ޕްރޯ އަދި އައިފޯނު 14 ޕްރޯ މެކްސްގައި ކުރީގެ ފޯނުތަކާ އަޅާބަލާއިރު ބޮޑު ކެމެރާ ބަމްޕެއް ހިމެނޭނެ ކަމަށް އެޕަލްގެ މަޝްހޫރު އެނަލިސްޓް މިންގް-ޗީ ކުއޯގެ ރިޕޯޓެއްގައި ބުނެފައިވެއެވެ.
އެ ފޯނުގައި ބޮޑު ކެމެރާ ބަމްޕެއް ހުންނާނެ ސަބަބަކީ އެ ފޯނުގައި 48 މެގަޕިކްސެލްގެ ވައިޑް އޭންގަލް ކެމެރާއެއް ހިމަނާތީ ކަމަށް އެނަލިސްޓުން ބުންޏެވެ.
އާންމު ގޮތެއްގައި އެޕަލްއިން ކޮންމެ އަހަރަކު ވެސް އާ އައިފޯނުތައް ތައާރަފުކުރަނީ އެއްދުވަސްވަރެއްގައެވެ. އެހެންކަމުން، މި އަހަރު ވެސް ސެޕްޓެމްބަރު މަހު އައިފޯނު 14 ނެރުން އެކަށީގެންވެއެވެ.