30 Mar 2022, 11:03
ވޯލްޑް ކަޕް 2022ގެ ޔޫރަޕް ކޮލިފައިންގެ ޕްލޭ އޮފް ބުރުގެ ފައިނަލް މެޗުގައި ނޯތު މެސަޑޯނިއާ ބަލިކޮށް ޕޯޗުގަލްއިން ވޯލްޑް ކަޕަށް ކޮލިފައިވީއިރު، މިސްރު ކޮލިފައިނުވެ ކަޓައިފިއެވެ.
މިރޭގެ މެޗު ޕޯޗުގަލްއިން ކާމިޔާބުކޮށްފައިވަނީ 2-0ގެ ނަތީޖާއަކުންނެވެ.
މެޗު ފަށައިގެން ވެސް ރަނގަޅަށް ކުޅެފައިވަނީ ޕޯޗުގަލްއިންނެވެ. ޕޯޗުގަލުން ވަނީ މަސަޑޯނިއާގެ ގޯލަށް ނުރައްކާ ހަމަލާތަކެއް އުފެއްދުމަށް މަސައްކަތްކޮށްފައެވެ.
ކްރިސްޓިއާނޯ ރޮނާލްޑޯއަށް ލިބުނު ފުރުސަތެއްގައި އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ. އަދި ބްރޫނޯ ފެނާންޑޭޒް ބޮލުން ފޮނުވާލި ހަމަލާ ވެސް ދިޔައީ ގޯލަށް އަމާޒުނުވެއެވެ.
މެޗުގެ 23 ވަނަ މިނެޓުގައި ޑިއާގޯ ޖޮޓާ ބޮލުން ފޮނުވާލި ހަމަލާ ވެސް ދިޔައީ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށެވެ.
ޕޯޗުގަލްއިން މެޗުގައި ލަނޑު ޖަހައި ލީޑު ނެގީ 32 ވަނަ މިނެޓުގައެވެ. އޭރިޔާ ބޭރުން ބޯޅަ ހިފައިގެން ގޮސް ރޮނާލްޑޯ ދިން ބޯޅައަކުން މި ލަނޑު ކާމިޔާބުކޮށްދިނީ ބްރޫނޯއެވެ. އެ ލަނޑަށްފަހު ވެސް ޕޯޗުގަލްއިން ވަނީ އިތުރު ލަނޑެއް ޖެހުމަށް މަސައްކަތްކޮށްފައެވެ.
ދެ ވަނަ ހާފު ފަށައިގެން މެޗުގެ 58 ވަނަ މިނެޓުގައި ރޮނާލްޑޯ ބޮލުން ފޮނުވާލި ހަމަލާ ގޯލާ އަމާޒުވާ ގޮތެއް ނުވިއެވެ.
މެޗުގެ 65 ވަނަ މިނެޓުގައި ޕޯޗުގަލްގެ ލީޑު ފުޅާކޮށްދިނީ ވެސް ބްރޫނޯއެވެ. މި ލަނޑު އޭނާ ޖެހީ ޑިއާގޯ ޖޮޓާ ދިން ބޯޅައަކުންނެވެ.
މެޗުގެ 79 ވަނަ މިނެޓުގައި ޕޯޗުގަލްއަށް ލީޑު ފުޅާކޮށްދިނުމަށް ރޮނާލްޑޯއަށް ތަނަވަސް ފުރުސަތެއް ލިބުނު ނަމަވެސް، ބޭކާރުވިއެވެ. އޭރިޔާ ތެރެއިން އޭނާއަށް ލިބުނު ފުރުސަތެއްގައި އޭނާ ބޯޅަ ފޮނުވާލުމުގެ ކުރިން މެސަޑޯނިއާގެ ވެލްކޮވްސްކީ ވަނީ އެ ބޯޅަ ބޭރުކޮށްލާފައެެވެ.
ރޭ ސެނެގާލުން ވަނީ މިސްރު ބަލިކޮށް ވޯލްޑް ކަޕަށް ކޮލިފައިވެފައެވެ.
މި ދެ ޓީމުގެ ފުރަތަމަ ލެގު 1-0އިން ކާމިޔާބުކޮށްފައިވަނީ މިސްރުންނެވެ. މިރޭ ސެނެގާލްގައި ކުޅުނު ދެ ވަނަ ލެގު 1-0އިން ކާމިޔާބުކުރީ ސެނެގާލުންނެވެ، އެެހެން ކަމުން ނަތީޖާ ނެރުމަށް ޖެހުނީ ޕެނަލްޓީ ޖަހާށެވެ.
ޕެނަލްޓީގައި ސެނެގާލުން މިޞްރު ބަލިކުރީ 3-1ގެ ނަތީޖާއަކުންނެވެ. ފުރަތަމަ ޕެނަލްޓީ ޖަހާފައިވަނީ ސެނެގާލުންނެވެ. ކަލިދޫ ކުލިބަރީ ފޮނުވާލި ޕެނަލްޓީ އަމާޒުވީ ގޯލު ދަނޑިއަށެވެ. މިސްރުން ޞަލާޙު ފޮނުވާލި ޕެނަލްޓީ ދިޔައީ ގޯލާ އަމާޒުނުވެ މާ މަތިންނެވެ.
ސެނެގާލުގެ ދެ ވަނަ ޕެނަލްޓީ ސައިލޫ ސިސް ފޮނުވާލި ނަމަވެސް، މިސްރުގެ ކީޕަރު ވަނީ މަތަކޮށްފައެެވެ. މިސްރުގެ ޒީޒޫ ފޮނުވާލި ޕެނަލްޓީ ވެސް ދިޔައީ ބޭރަށެވެ. ސެނެގާލްގެ އިސްމާއިލާ ސާ ވަނީ އެ ޓީމުގެ ފުރަތަމަ ޕެނަލްޓީ ކާމިޔާބުކޮށްދީފައެވެ. ޖެހިގެން އައި މިސްރުގެ ޕެނަލްޓީ ކާމިޔާބުކޮށްދިނީ އަމްރު އެލް ސޮލިއާއެވެ. ސެނެގެގާލްގެ ހަތަރު ވަނަ ޕެނަލްޓީ ބަމްބާ ޑިއެންޑް ފޮނުވާލައި ކާމިޔާބުކުރިއެވެ. ނަމަވެސް މިސްރުގެ މުސްތަފާ މުޙައްމަދު ފޮނުވާލި ޕެނަލްޓީ ސެނެގާލްގެ ކީޕަރު ވަނީ މަތަކޮށްފައެވެ. ސެނެގާލް މޮޅުވި ޕެނަލްޓީ ކާމިޔާބުކޮށްދިނީ ސަޑިއޯ މާނެއެވެ.
މެޗުން ބަލިވެ މިސްރު ކެޓުމާއެކު ޞަލާޙަށް ވަނީ ވޯލްޑް ކަޕް ގެއްލިފައެވެ.
މިރޭ ޕޮލޭންޑުން ވަނީ 2-0އިން ސްވިޑެން ބަލިކޮށް ވޯލްޑް ކަޕަށް ކޮލިފައިވެފައެވެ. ޕޮލޭންޑުގެ ފުރަތަމަ ލަނޑު ލިބުނު ޕެނަލްޓީއެއްގައި ކާމިޔާބުކޮށްދިނީ ރޮބާޓޯ ލެވެންޑޮސްކީއެވެ. އެ ޓީމުގެ ދެ ވަނަ ލަނޑު ކާމިޔާބުކޮށްދިނީ ޕިއޯޓް ޒިލިންސްކީއެވެ.