31 Mar 2022, 08:40
އިންޑިއާގެ އަށް އަހަރުގެ ކުއްޖަކު ކޮމްޕިއުޓާ ޕްރޮގްރާމިން ދާއިރާއިން ކުރިހޯދައި، ދުނިޔޭގެ ރެކޯޑު ފޮތުން ވެސް ޖާގަ ހޯދައިފިއެވެ.
އިނގިރޭސިވިލާތުގައި ދިރިއުޅޭ ކައުޓިލިއާ ކަޓަރިޔާ ވަނީ އުމުރުން ހަ އަހަރުގައި އެންމެ ޒުވާން ސޮފްޓްވެއާ އިންޖިނިއަރުގެ ގޮތުގައި ގިނިސް ވޯލްޑް ރެކޯޑް ފޮތުން ޖާގަ ހޯދާފައެވެ. މިހާރު އަށް އަހަރު ފުރިފައިވާ ކަޓަރިޔާއަކީ އައިބީއެމް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)ގެ ހުނަރުވެރި އަދި ސެޓްފިކެޓް ލިބިފައިވާ މައިކްރޯސޮފްޓް ޓެކްނޮލޮޖީ އެސޯސިއޭޓެކެވެ.
ދުނިޔޭގެ ލީޑަރުން ބައިވެރިވެވަޑައިގަންނަވާ ވޯލްޑް ގަވަމެންޓް ސަމިޓުގައި މިއަހަރު ބައިވެރިވި ކަތާރިޔާ ޔޫއޭއީގެ ނޫހަކާ ވާހަކަ ދައްކަމުން ބުނީ، އޭނާ ޕްރޮގްރާމިންއަށް ޝައުގުވެރިވީ އެ ދާއިރާއާ ގުޅުން ހުރި ފޮތެއް އޭނާގެ ބައްޕަ ދިނުމުން ކަމަށެވެ. އެއީ އޭނާގެ އުމުރުން ފަސް އަހަރުގައެވެ.
"އެއް ދުވަސް ތެރޭގައި އަޅުގަނޑު އެ ފޮތް ކިޔާ ނިންމިން. އަޅުގަނޑު ފުރަތަމަ ކޮމްޕިއުޓާ ޕްރޮގްރާމް ލިޔެ، ޕައިތަން އިންސްޓޯލް ކުރީ އޭރު،" ކަޓަރިޔާ ބުނެފައިވެއެވެ.
ގްރޭޑް ތިނެއްގައި ތަޢުލީމު ހާސިލް ކުރަމުންދާ ކަޓަރިޔާ ކޮވިޑް-19ގެ ލޮކްޑައުންގެ ތެރޭގައި އެންމެ ބޮޑު އިިސްކަމެއް ދިނީ ކޮމްޕިއުޓާ ކޯޑިން ދަސްކުރުމަށާއި، ސައިންސް އަދި ހިސާބަށެވެ.
"އައިބީއެމް ވޮޓްސަންއާއި ޕައިތަން ބޭނުންކޮށްގެން ބައެއް އޭއައި ޕްރޮޖެކްޓްތައް އަޅުގަނޑު ނިންމިން، އޭގެ ތެރޭގައި ޗެޓްބޮޓް، ވޮއިސް ހެލްޕް އަދި އަލިފާނާއި ދުން ދެނެގަންނަ އިމޭޖް ރެކޮގްނިޝަން ސިސްޓަމެއް ހިމެނޭ،" ކަޓަރިޔާ ބުނެފައިވެއެވެ.
މިހާރު ކަޓަރިޔާ ވަނީ ޕްރޮގްރާމިން ދާއިރާއިން ހަތަރު އެކްސްޕާޓް ސެޓްފިކެޓް ހޯދާފައެވެ.