ދިވެހި ފުލުހުންގެ ޚިދުމަތުގެ މޯބައިލް އެޕްލިކޭޝަން އިފްތިތާހުކޮށްފިއެވެ.

އެ އެޕްލިކޭޝަން އިފްތިތާހުކޮށްދެއްވާފައިވަނީ ފުލުހުންގެ 89 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

އެ އެޕްލިކޭޝަން މެދުވެރިކޮށް ފުލުހުން ފޯރުކޮށްދޭ ޚިދުމަތްތައް ބަލައި، އެމީހެއްގެ ޑްރައިވިން ލައިސަންސްގެ މައުލޫމާތާއި، އެމީހެއްގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ވެހިކަލްތަކުގެ އަހަރީ ފީ ސްޓޭޓަސް އެނގޭނެހެން ތަފްސީލީ މައުލޫމާތާއި، އެމީހެއްގެ ޓްރެފިކް މައްސަލަތަކާއި ޕާކިން މައްސަލަތައް ބަލައިލެވޭނެއެވެ. އަދި ހުށަހަޅާފައިވާ މައްސަލައިގެ އަޕްޑޭޓް ބެލޭނެއެވެ. ފުލުހުންނާ މެދު ޝަކުވާއެއް ވާނަމަވެސް އެ އެޕް މެދުވެރިކޮށް ޝަކުވާ ހުށަހެޅޭނެއެވެ.

މިއާއެކު ކުށުގެ ރިކޯޑު ބެލުމާއި، ޕޮލިސް ރިޕޯޓަށް އެދުންފަދަ ޚިދުމަތްތައް ވެސް އެ އެޕް މެދުވެރިކޮށް ފޯރުކޮށްދޭނެއެވެ. އަދި ސެޓްފިކެޓުގެ ސައްޙަކަން ކަށަވަރުކުރެވޭނެއެވެ.

އެ އެޕްލިކޭޝަން ފަރުމާކޮށްފައި ވަނީ ފުލުހުންނަށް ގުޅަން ޖެހިއްޖެ ހާލަތެއްގައި ނެއިބަހުޑް ޕޮލިސް އޮފިސަރުންގެ މަޢުލޫމާތާއި ޕޮލިސް ސްޓޭޝަންތަކުގެ މައުލުމާތު ކޮންމެތާކު ހުރެގެންވެސް ބަލާލެވޭގޮތަށެވެ.

އެ އެޕްލިކޭޝަނަކީ އައިއޯއެސް އަދި އެންޑްރޮއިޑް ފޯނުތަކަށް ފަރުމާކޮށްފައިވާ އެޕްލިކޭޝަނެއް ކަމަށް ފުލުހުން ބުންޏެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ފުލުހުންގެ ޚިދުމަތްތައް މިހާރުދަނީ ޑިޖިޓަލައިޒް ވަމުންކަމަށެވެ.

ރައީސް ވިދާޅުވީ ޕޮލިސް އެޕްލިކޭޝަންގެ ސަބަބުން ފުލުހުންގެ ޚިދުމަތަށް އިތުރު ފުރިހަމަކަމެއް ލިބޭނެކަމަށެވެ.

"ޚިދުމަތް ދިނުމާ، ޚިދުމަތް ލިބިގަތުމުގައި އަދުގެ ޒަމާން ބަރޯސާވާން ޖެހިފައިވަނީ ޓެކްނޮލޮޖީ އަށް. މިރޭ މިތަޢާރަފް ކުރެވުނު ޕޮލިސް އެޕްލިކޭޝަނަކީ މިމަގުން ކުރިއަށް އެޅި ފިޔަވަޅެއް،" ރައީސް ވިދާޅުވިއެވެ.