30 Mar 2022, 16:19
ޔޫކްރޭންގެ ސެލެބްރިޓީ ޝެފެއް ކަމަށްވާ އިވްގަން ކްލޮޕޯޓެންކޯ އޭނާގެ ރެސްޓޯރެންޓްގެ ބަދިގޭގައި ރެފިއުޖީންނަށް ހިލޭ ކާންދެން ފަށައިފިއެވެ.
"އިންޝްނީ" ނަމަކަށް ކިޔާ އެ ރެސްޓޯރެންޓް ހުޅުވައިފައިވަނީ މީގެ ހަފްތާއެއްހާ ދުވަސް ކުރިން ޔޫކްރޭންގެ ހުޅަނގުގެ ސިޓީއެއްކަމަށްވާ ލިވީވްގައެވެ.
އެ ރެސްޓޯރެންޓުގައިވާ މެނޫ ނަންބަރު ދޭކަށް އެދޭ ކޮންމެ މީހަކަށްވެސް ހިލޭ ކެއުން ލިބެއެވެ.
"އަހަރެންނަށް އިނގޭ އަހަރެންނަކީ ބަޑި ބޭނުންކުރަން މާ މޮޅު މީހެއް ނޫންކަން. އަހަރެންގެ ދިރިއުޅުމުގެ މަގްސަދަކީ ވެސް މީހުންނަށް ކާންދިނުން،" ކްލޮޕޯޓެންކޯ ބުންޏެވެ.
"މާސްޓާޝެފް"ގެ ޔޫކްރޭން ވާޝަންއިން މަޝްހޫރުވެފައިވާ ކްލޯޕޮޓެންކޯ މީގެ އަހަރުތަކެއް ކުރިން ނޫސްތަކުން ޖާގަ ހޯދީ އެގައުމުގެ ސޫޕެއް ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނުމަށް ކެމްޕޭން ކުރި ހިސާބުންނެވެ.
ކްލޯޕޮޓެންކޯ ބުނި ގޮތުގައި އޭނާގެ ރެސްޓޯރެންޓުން ހިލޭ ކާންދާ ގިނަ މީހުންނަކީ ހަނގުރާމައިގެ ސަބަބުން ގެދޮރު ގެއްލި، އަމިއްލަ ގައުމު ދޫކޮށް ޕޮލެންޑަށް ދާން މިސްރާބު ޖަހާފައިވާ މީހުންނެވެ.
ރަޝިއާގެ ފައުޖުތަކުން ބޮމުގެ ހަމަލާތައް ދިނުމުގެ ސަބަބުން އަމިއްލަ ގެއިން ނުކުންނަން މަޖުބޫރުވި ޔޫކްރޭންގެ ރައްޔިތެއް ކަމަށްވާ އޮލޭނާ ސެފެރިނޯވާ، ލިވީވްއަށް ބަދަލުވި ފަހުން ކޮންމެ ދުވަހަކު ވެސް ކަނީ އެ ރެސްޓޯރެންޓުން ކަމަށް އޭނާ ބުންޏެވެ.
"ހަނގުރާމައިގެ ސަބަބުން އަހަރެން އަލުން ވަޒަންވެރިވާން މަޖުބޫރުވީ. އަހަރެމެންގެ ފުރާނަ ސަލާމަތް ކުރުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށްޓަކައި ހުރިހާ އެންމެންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. މި ރެސްޓޯރެންޓުން އަޅުގަނޑަށް ކާންދެނީ ހިލޭ ސާބަހަށް،" އުމުރުން 73 އަހަރުގެ އޮލޭނާ ސެފެރިނޯވާ ބުންޏެވެ.
އެ ރެސްޓޯރެންޓު ހިންގަން ޚަރަދުކުރަނީ ކްލޮޕޯޓެންކޯގެ އަމިއްލަ ޖީބުންނާއި ކަސްޓަމަރުން ހަދިޔާކުރާ ފައިސާއިންނެވެ.