17 Mar 2012, 21:52
ދިމިޝްޤު (މާޗް 17) : ސޫރިޔާގެ ވެރިރަށް ދިމިޝްޤުގައި މިއަދު ބާރުގަދަ ދެ ބޮންގޮއްވާލުމުގެ ސަބަބުން 27 މީހަކު މަރުވެ 97 މީހަކު ޒަޚަމްވެއްޖެވެ. ސޫރިޔާގެ ރަސްމީ ޓީވީންބުނީ މިއީ ކާރުބޮމުގެ ދެ ބޮން ކަމުގަ އެވެ.
މީގެތެރެއިން އެއްބޮން އަމާޒުކޮށްފައިވަނީ ޖިނާއީ އަމްނާބެހޭ އިދާރާގެ މައި ޢިމާރާތަށް ކަމަށާއި އަނެއްބޮން އަމާޒުކޮށްފައިވަނީ ސޫރިޔާ ސިފައިންގެ ޖާސޫސީ އިދާރާގެ މައި ޢިމާރާތަށް ކަމަށް ޚަބަރުލިބެއެވެ. މިދެބޮމުގެ ފަހަތުގައިވާ ކަމަށް ސޫރިޔާ ސަރުކާރުން ތުހުމަތުކުރަނީ ރައީސް ބައްޝާރުލްއަސަދްގެ ސަރުކާރު ވައްޓާލުމަށް މަސައްކަތްކުރާ އިދިކޮޅު ފަރާތްތަކަށެވެ.
ނަމަވެސް ސޫރިޔާގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަނުމަށް މަސައްކަތްކުރާ ބޭރުގެ ބާރުތައްވެސް މިޓެރަރިސްޓް ޙަމަލާތަކުގެ ޒިންމާ އުފުލަންޖެހޭނެ ކަމަށް ސޫރިޔާ ސަރުކާރުގެ މީޑިޔާ ބުނެއެވެ. މިޙާދިސާގައި ސޫރިޔާގެ ޖިނާއީ އަމްނާބެހޭ އިދާރާގެ މައި ޢިމާރާތާއި ސިފައިންގެ ޖާސޫސީ އިދާރާގެ މައި ޢިމާރާތް ހަލާކުވުމުގެ އިތުރުން އެދެޢިމާރާތުގެ ކައިރީގައި ޕާކުކޮށްފައިވާ ކާރުތައްވެސް އަދައި އަޅިއަށް ވެފައިވާ ކަމަށާއި މަރުވެ ޒަޚަމްވެފައިވާ މީހުންގެ ލެއާއި އެމީހުންގެ ހަށިތަކުގެ ބައިތަކުން މަގުމަތި ތަތްތެޅިފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
މިދެޙަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލާފައެއްނުވެއެވެ. ނަމަވެސް ސޫރިޔާގެ އިދިކޮޅު ފަރާތްތަކުންވަނީ މިއީ ސޫރިޔާގައި އަލްޤާޢިދާ ޙަރަކާތްތެރިވާކަން ދެއްކުމުގެ ގޮތުން ސަރުކާރު އަޑީގައި އޮވެގެން ހިންގި ޙަމަލާތަކެއް ކަމަށް ސިފަކޮށްފައެވެ.
ސޫރިޔާގެވެރިކަން ވެރިކަން ވައްޓާލުމަށް ރައްޔިތުންކުރަންފެށި ސުލްޙައިގެ މުޒާހަރާތައް މިހާރުވަނީ އަހްލީ ހަނގުރާމައަކަށް ބަދަލުވާން ފަށާފައެވެ. -- އަލްޖަޒީރާ