ދިވެހި ސަރުކާރާއި ޔޫއޭއީ ސަރުކާރާ ދެމެދު ތަޖުރިބާ ހިއްސާކުރުމުގެ އެއްބަސްމެއްގައި ސޮއިކޮށްފި
ދިވެހި ސަރުކާރާއި ޔޫއޭއީ ސަރުކާރާ ދެމެދު ތަޖުރިބާ ހިއްސާކުރުމުގެ އެއްބަސްމެއްގައި ސޮއިކޮށްފި

ނައިބު ރައީސް ފައިސަލް ނަސީމް ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ދިވެހި ސަރުކާރާއި، ޔޫއޭއީ ސަރުކާރާ ދެމެދު ގަވަމަންޓް ޑިވެލޮޕްމަންޓް އެންޑް މޮޑަނައިޒޭޝަންގެ ދާއިރާއިން ތަޖުރިބާ ހިއްސާކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެ އެއްބަސްވުމުގައި ސޮއިކުރެއްވުން އޮތީ ވޯލްޑް ގަވަމަންޓް ސަމިޓް 2022 ގެ ހަވާސާގައެވެ. އެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ނައިބު ރައީސެވެ. އަދި ޔޫއޭއީ ގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ޤައުމުގެ މިނިސްޓާ އޮފް ކެބިނެޓް އެފެއާޒް މުޙައްމަދު އަލް ގެރާވީއެވެ.

ނައިބު ރައީސް އޫއޭއީއަށް ކުރެއްވި ދަތުރުފުޅަކީ އެ ގައުމުގައި ބޭއްވި ވޯލްޑް ގަވަންމަންޓް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ. އެ ސަމިޓްގެ ފުރަތަމަ ޕެނަލް ޑިސްކަޝަން "އަވާ ރައިސިން ބްލޫ ވޯޓާސް: ގަވަންމެންޓްސް ކޮމްބެޓިން ކްލައިމެޓް ޗޭންޖް" ގައި މިނިސްޓާ އޮފް އެންވަޔަރަންމަންޓް އައިމިނަތު ޝައުނާ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިޔަށްގެންދާ ވޯލްޑް ގަވަންމަންޓް ސަމިޓްގެ އަށް ވަނަ އެޑިޝަން ބާއްވާފައިވަނީ ޔޫއޭއީގެ ނައިބު ރައީސް، ބޮޑުވަޒީރު އަދި ދުބާއީގެ ވެރިޔާ ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް މަކްތޫމްގެ ސީދާ އިރުޝާދުގެ ދަށުންނެވެ.

ވޯލްޑް ގަވަންމަންޓް ސަމިޓް 2022 ގައި ޕެންޑެމިކަށްފަހު ދުނިޔެއަށް އަންނަމުންދާ ބަދަލަށް ވެގެންދާނެގޮތް ވަޒަންކޮށް، ޕެންޑަމިކްގެ ފަހުގެ ޒަމާނެއްގެ މުސްތަޤްބަލް ތަޞައްވުރުކުރާނެއެވެ. އަދި އެކި ޤައުމުތަކުގެ ލީޑަރުންނާއި އެކިއެކި ފަންނުތަކުން ފުންނާބުއުސް ފަރާތްތަކާއި ކަންކަމުގައި ގޮތްނިންމާ ފަރާތްތައް އެ ސަމިޓްގައި ބައިވެރިވެވަޑައިގެން ޚިޔާލުބަދަލުކުރައްވާނެއެވެ.

ޕެނަލް ޑިސްކަޝަން "އަވާ ރައިސިން ބްލޫ ވޯޓާސް: ގަވަންމެންޓްސް ކޮމްބެޓިން ކްލައިމެޓް ޗޭންޖް" ގައި މިނިސްޓާ އޮފް އެންވަޔަރަންމަންޓް އައިމިނަތު ޝައުނާ ވެސް ބައިވެރިވެވަޑައިގެންނެވި

މި ދަތުރުފުޅުގައި ޔޫއޭއީ ގެ މިނިސްޓާ އޮފް ކްލައިމެޓް ޗޭންޖް އެންޑް އެންވަޔަރަންމަންޓް، މަރްޔަމް ބިންތް މުޙައްމަދު ސަޢީދު ޙަރެބް އަލްމެއިރީ ވަނީ ނައިބު ރައީސްއާ ބައްދަލުކުރަށްވާފައެވެ.

އެ ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ތިމާވެށީގެ ކަންކަމުގައި ދެޤައުމުން އެކުގައި މަސައްކަތްކުރެވޭނެ ގޮތް އިތުރަށް ފަހިކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. އެ ބައްދަލުކުރެއްވުމުގައި، ނައިބު ރައީސްގެ އަރިހުގައި މިނިސްޓާ އޮފް އެންވަޔަރަންމަންޓް، އާމިނަތު ޝައުނާ ބައިވެރިވެ ވަޑައިގަތެވެ.

އެ ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ތިމާވެށީގެ ކަންކަމުގައި ދެޤައުމުން އެކުގައި މަސައްކަތްކުރެވޭނެ ގޮތް އިތުރަށް ފަހިކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައި

އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޔޫއޭއީ ގެ ދުބާއީއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިނިސްޓާ އޮފް އެންވަޔަރަންމަންޓް، އައިމިނަތު ޝައުނާ އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކްރެޓަރީ، ފޮރިން ރިލޭޝަންސް، އިބްރާހީމް ހޫދު ވެސް ބައިވެރިވެވަޑައިގަތެވެ.