"ޑިޖިޓަލް ޓެރެސްޓްރިއަލް ޓެލެވިޒަން ބްރޯޑްކާސްޓިން ނެޓްވޯކް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް" ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިފްތިތާޙްކޮށްދެއްވައިފިއެވެ.

އެ ޕްރޮޖެކްޓް އިފްތިހާހުކޮށްދެއްވީ މިއަދު ހަވީރު ޕީއެސްއެމްގެ ޓީވީ މޯލްޑިވްސް ބިލްޑިންގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

ޑިޖިޓަލް ޓެރެސްޓްރިއަލް ޓީވީ ބްރޯޑްކާސްޓިން ނެޓްވޯކް ޑިވެލޮޕްމަންޓް ޕްރޮޖެކްޓަކީ ޖަޕާން ސަރުކާރުގެ ހިލޭ އެހީގައި ކުރިޔަށް ގެންދާ މަޝްރޫޢެކެވެ. އެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް މިދިޔަމަހު ފަށާފައިވާއިރު އެ މަޝްރޫޢުގެ ދަށުން ކުރިއަށް ގެންދާނީ ރާއްޖޭގައި ޑިޓިޓަލް ޓީވީ ނެޓްވޯކެއް ޤާއިމްކުރުމުގެ މަސައްކަތެވެ.

އެ މަޝްރޫޢަކީ 2024 ވަނަ އަހަރުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ. އަދި އެ މަޝްރޫޢު ނިމޭ އިރު ހައި ޑެފިނިޝަން ކޮލިޓީގައި ލޯކަލް އަށް ޗެނަލް މުޅިން ހިލޭ ރާއްޖޭގެ އާބާދީގެ 90 އިންސައްތަ ސަރަޙައްދަށް ފޯރުކޮށްދެވޭނެއެވެ.

ޑިޖިޓަލް ޓެރެސްޓްރިއަލް ޓީވީ ބްރޯޑްކާސްޓިން ނެޓްވޯކަކީ ވަރަށް ގިނަ، ތަފާތު ޚިދުމަތްތަކެއް ފޯރުކޮށްދޭ ވިއުގައެކެވެ. މީގެ އެންމެ މުހިންމު ކަމަކީ ޓެކްނޮލޮޖީގެ ބޭނުން ހިފައިގެން ޤުދުރަތީ ކާރިސާއެއް ދިމާވާ ޙާލަތެއްގައި ދުރާލާ އިންޒާރުދޭ ނިޒާމެއް ޤާއިމްކުރެވިފައިވާކަމެވެ.

އެ ރަސްމިއްޔާތުގައި ޖަޕާނު ސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.