30 Mar 2022, 00:14
އިންޑިއާ ސަރުކާރުގެ އެލްއޯސީގެ ދަށުން ރާއްޖޭގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ ޓޭބަލް ޓެނިސް (ޓީޓީ)އާއި ބާސްކެޓު ބޯޅައިގެ އިންޑޯ ހޯލްގެ ކުރެހުނަތައް ދައްކާލައިފިއެވެ.
މިނިސްޓަރު އަޙުމަދު މަހްލޫފް ކުރެއްވި ޓުވީޓެއްގައި ބުނެފައިވަނީ ޓީޓީ ހޯލްގެ ޑީޕީއާރުގެ މަސައްކަތް މި ހަފުތާގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ.

ރާއްޖޭގައި ޤާއިމުކުރުމަށް ނިންމާފައިވާ ޓީޓީގެ އިންޑޯ ހޯލް -- ފޮޓޯ / ޔޫތު މިނިސްޓްރީ
ޓީޓީގައި ރާއްޖެ ވަނީ ތާރީޚީ ބޮޑެތި ކާމިޔާބީތަކެއް ހޯދާފައެވެ. އޭގެ ތެރޭގައި ރާއްޖޭގެ ހުނަރުވެރި ޓޭބަލް ޓެނިސް ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ ދުނިޔޭގެ ޖޫނިއާ ޓޭބަލް ޓެނިސް މުބާރާތަށް ކޮލިފައިވިއެވެ. އަދި އޭނާ އަކީ އެ މުބާރާތަށް ކޮލިފައިވި ދިވެހި ފުރަތަމަ ކުޅުންތެރިޔާއެވެ.
އޮމާންގެ މަސްކަޓްގައި ކުރިއަށް ދިޔަ އައިޓީޓީއެފް ޔޫތު ކޮންޓެންޑާ މުބާރާތުގައި ވާދަކޮށް 15 އަހަރުން ދަށުގެ ބައިގެ ކުއާޓާ ފައިނަލްގައި ވެސް ދީމާ ވަނީ ވާދަކޮށްފައެވެ.
ދީމާ ވަނީ 2019 ވަނަ އަހަރު އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ޓީޓީ އިން ރާއްޖެއަށް ތިން ރަން މެޑަލް ހޯދައިދީފައެވެ. އަދި އޭނާ ވަނީ ސައުތު އޭޝިއާ ހޯޕްސް މުބާރާތުގައި ރަން މެޑަލް ހޯދައި އަދި އޭޝިއާ ހޯޕްސް މުބާރާތުގައި ރިހި މެޑަލް ހޯދައިފައެވެ.
މީގެ އިތުރުން ދެން މިނިސްޓަރު ޢާންމުކޮށްފައިވަނީ އިންޑޯ ބާސްކެޓު ހޯލްގެ ކުރެހުމެވެ. މިނިސްޓަރު ބުނެފައިވާ ގޮތުގައި މިއީ ބާސްކެޓުބޯޅަ އާއިލާގެ ޒަމާންވީ އުންމީދެއްކަމަށެވެ. އަދި މިީގެ ޑީޕީއާރުގެ މަސައްކަތް ވެސް މިހަފްތާގެ ތެރޭގައި ނިންމާލެވޭނެކަމަށް މިނިސްޓަރުގެ ޓުވީޓުގައިވެއެވެ.

ރާއްޖޭގައި ޤާއިމުކުރުމަށް ނިންމާފައިވާ ބާސްކެޓުގެ އިންޑޯ ހޯލް --- ފޮޓޯ / ޔޫތު މިނިސްޓްރީ
މިހާރު ރާއްޖޭގައި ބާސްކެޓު ކުޅެމުން ދަނީ ހަމައެކަނި ސޯޝަލް ސެންޓަރުގެ އިންޑޯގައެވެ. އަދި ބާސްކެޓަށް ޚާއްސަ އިންޑޯއެއް ރާއްޖޭގައި ގާއިމްވެގެން ދިޔުމަކީ ބާސްކެޓު އާއިލާގެ ވަރަށް ބޮޑު ހިވަފެނަކަށް ވަނީ ވެފައެވެ.
އިންޑިއާ ސަރުކާރުގެ އެހީތެރިކަމާއެކު ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް އެތައް ކަންތަކއެއް ކުރެވޭ ކަމަށް މިނިސްތަރު މަހްލޫފް ވަނީ ވިދާޅުވެފައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގެ އޭގެ ބައެއް ކަންކަން ހާމަކުރަމުންދާނެކަަމަށް ވެސް މިނިސްޓަރު ވިދާޅުވެއެވެ.