އުމުރުން 11 އަހަރުގެ އަންހެން ކުއްޖަކު 2020 ވަނަ އަހަރު މާލޭގެ ގެސްޓް ހައުސްއަކަށް ގެންގޮސް ރޭޕްކުރި މައްސަލާގައި ތުހުމަތު ކުރެވޭ ހއ. ބާރަށް، ސިލްސިލާގެ، އަނީސް ހިލްމީ އޮރިޔާންކާޑު ގެންގުޅުންކަން ސާބިތުވެއްޖެއެވެ.

ޖޫން 10، 2020 ވަނަ ދުވަހު ކުޑަ އަންހެން ކުއްޖަކު ރޭޕްކުރި ކަމުގެ ތުހުމަތުގައި އޭނާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ޖޫން 12 ވަނަ ދުވަހުގެ ރޭ އޭނާ ދިރިއުޅޭ ގޭގައި ހުއްޓައެވެ.

އެމައްސަލައާ ގުޅިގެން އެނާގެ މައްޗަށް ތިން ދައުވާއެއް ވަނީ އުފުލާފައެވެ.

  • ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށުގެ ދައުވާ. (އަދަބު: 10 އަހަރާއި 14 އަހަރާ ދެމެދުގެ ޖަލު ހުކުމެއް)

  • ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމަށްޓަކައި އެކުއްޖާ ގްރޫމްކުރުމުގެ ކުށުގެ ދައުވާ. (އަދަބު: 10 އަހަރުގެ ޖަލު ހުކުމެއް)
  • އޮރިޔާންކާޑު ގެންގުޅުމުގެ ކުށުގެ ދައުވާ. (އަސާސީ އަދަބު: 1 މަހާއި 6 ދުވަހަށް ޖަލަށްލުން)

އެ ދައުވާތަކުގެ ތެރެއިން އަނީސްގެ މައްޗަށް ހުކުމްކޮށްފައި ވަނީ އޮރިޔާންކާޑު ގެންގުޅުމުގެ މައްސަލައިގައެވެ.

އެ މައްސަލައިގައި އޭނާގެ މައްޗަށް އޮރިޔާންކާޑު ގެންގުޅުމުގެ ދައުވާ އުފުލާފައިވަނީ ތަހުގީގުގައި އޭނާގެ ފޯނު ބެލި އިރު އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯ އާއި ވީޑިއޯ އޭނާގެ ފޯނުން ފެނިފައިވާތީއެވެ.

އަނީސް އެ ދައުވާއަށް އިންކާރުކުރިނަމަވެސް ކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައިވަނީ ކުށް ސާބިތުވާ މިންވަރަށް ދައުލަތުން ހެކި ގަރީނާ ޝަރީއަތަށް ހުށަހަޅާފައިވާ ކަމަށެވެ.

އެހެންކަމުން އޭނާގެ މައްޗަށް އޮރިޔާންކާޑު ގެންގުޅުންކަން ސާބިތުވެއްޖެކަމަށް ކަނޑައަޅައި ކުށުގެ އަދަބެއްގެ ގޮތުން އޭނާ އެއް މަހާއި، ހަ ދުވަހަށް ޖަލަށް ލާން ވަނީ ހުކުމްކޮށްފައެވެ.