17 Mar 2012, 20:32
ލީބިޔާގެ ޖާސޫސީ އިދާރާގެ ކުރީގެ ވެރިޔާ އަބްދުﷲ އައް ސަންސޫއީ ލީބިޔާއާ އަވަށްޓެރިގައުމެއް ކަމަށްވާ މޮރިޓޭނިއާގައި ހައްޔަރުކޮށްފި އެވެ.
މޮރިޓޭނިއާގެ ސަލާމަތީ ބާރުތަކުން ، އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އިން ހައްޔަރުކުރުމުގެ އަމުރެއް ނެރެފައިވާ އަދި ލީބިޔާގެ ކުރީގެ ޒައީމް ކާނަލް މުއައްމަރުލް ގައްޒާފީގެ ސަރުކާރުގައި ހިމެނޭ ބޭފުޅުންގެ ތެރެއިން ލީބިޔާ ސަރުކާރުން އެންމެ ބޮޑަށް ހޯދަން ބޭނުންވާ ސަންސޫއީ ހައްޔަރުކުރީ އިއްޔެ އެވެ.
ގައްޒާފީގެ ޅިޔަނެއްކަމަށްވާ ސަންސޫއީ ހައްޔަރުކުރީ މޮރިޓޭނިއާގެ ނޯކްޝޮޓް އެއާޕޯޓްގައި ހުންނަވަނިކޮށް ކަމަށް ލީބިޔާ ސަރުކާރާ ހަވާލާދީ ސީއެންއެން ބުންޏެވެ. އޭނާ ހައްޔަރުކުރި އިރު ހުންނެވީ މާލީގެ ރައްޔިތެއްގެ ގޮތުގައި ހަދާފައިވާ ވަގު ޕާސްޕޯޓެއް ހިއްޕަވައިގެންނެވެ.
ސަންސޫއީ ލީބިޔާއަށް ގެންދިއުމަށް ލީބިޔާ ސަރުކާރުން އެދެމުންދާއިރު އޭނާ ފްރާންސަށް ގެންދަން އެ ގައުމުގެ ރައީސް ނިކޮލަސް ސަރްކޯޒީގެ އޮފީހުން މިއަދު ބުންޏެވެ. އަދި އޭނާ އިއްޔެ ހައްޔަރުކުރެވުނީ ފްރާންސާއި މޮރިޓޭނިއާގެ އޮތޯރިޓީތަކުން ގުޅިގެން ކުރި މަސައްކަތެއްގެ ނަތީޖާއެއްގެ ގޮތުންނެވެ.
އިންސާނިއްޔަތާ ހިލާފު ޖަރީމާތައް ހިންގަވާފައިވާ ކަމުގެ ކުށުގައި ސަންސޫއީ ހައްޔަރުކުރުމަށް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން އަމަރުކޮށްފައިވާއިރު އޭނާ ހޯދުމަށް އިންޓަޕޯލުން ވަނީ ރެޑްނޯޓިސް ނެރެފަ އެވެ. ސަންސޫއީ ހައްޔަރުކޮށްފައި ހުރީ އެއާޕޯޓްގައި ކަމަށާއި އޭނާއާ އޭނާގެ ދަރިއެއް ކަމަށް ބެލެވޭ ޒުވާނަކު އޭނާއާއެކު ހައްޔަރުކޮށްފައިވާ ކަމަށް ލީބިޔާ ސަރުކާރުން ބުންޏެވެ.