ހައުސިން މިނިސްޓްރީން އެޗްޑީސީއަށް ދޫކޮށްފައިވާ ހުޅުމާލޭގެ ރަޖިސްޓްރީ މާލޭ ސިޓީ ކައުންސިލުން ބާތިލު ކުރި ނިންމުމަށް އަމަލު ކުރުން ފަސްކުރުމަށް ސިވިލް ކޯޓުން ނެރުނު އަމުރު ދަމަހައްޓަން ހައިކޯޓުން އަމުރުކޮށްފިއެވެ.

ސިވިލް ކޯޓުން ނެރުނު އަމުުރު ހައިކޯޓުގައި އިސްތިއުނާފުކުރުމުން އެ މައްސަލައިގައި ހައިކޯޓުން މިއަދު ކުރި ހުކުމުގައ ބުނެފައިވަނީ އެޗްޑީސީގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ބިމެއްގެ ރަޖިސްޓްރީ ބާތިލުކުރުމަށް ހުށަހަޅައިފައިވާތީ އެޗްޑީސީއަށް ވަގުތީ އަމުރެއް ނުރުމަށް ހުށަހެޅިދާނެކަމަށެެވެ.

މީގެ އިތުރުން ހައިކޯޓުން ބުނީ އެ މައްސަލައިގައި ވަގުތީ އަމުރެއް ނެރުމުން ކައުންސިލަށް ލިބޭ ގެއްލުމަށްވުރެ ވަގުތީ އަމުރެއް ނެރުމުން އެޗްޑީސީއަށް ލިބޭ ގެއްލުން ބޮޑުވާނެކަމަށެވެ.

އެހެންކަމުން ސިވިލް ކޯޓުގެ ނިންމުމާއެއްގޮތަށް މައްސަލަ ބަލާ ބެންޗުގެ އިއްތިފާގުން ނިންމާފައިވަނީ އެ ކޯޓުގެ ވަގުތީ އަމުރަށް ބަދަލެއް ގެންނަންޖެހޭ ސަބަބެއް ނެތްކަމަށެވެ.

ސިޓީ ކައުންސިލްގެ ނިންމުން ތަންފީޒުކުރުމުގެ ގޮތުން ދައުލަތުގެ އެއްވެސް އިދާރާއަކުން އެއްވެސް ކަމެއް ނުކުރުމަށް ސިވިލް ކޯޓުން އަމުރުކޮށްފައިވެއެވެ. އަދި ހުޅުމާލޭގެ ބިމުގެ މިލްކުވެރި ފަރާތުގެ ހައިސިއްޔަތުން ލިބިފައިވާ އެންމެހާ ޤާނޫނީ ހައްގުތަކާއި ބިމާ ގުޅިގެން ކުރަމުން އައި އެންމެހައި ކަންކަމާއި، ހުޅުމާލެ ތަރައްގީ ކުރުމާއި ބެލެހެއްޓުމުގެ ގޮތުން އެޗްޑީސީން ކުރަމުން އައި ކަންކަމަށް ހުރަސް އެޅޭ ފަދަ އެއްވެސް ކަމެއް ނުކުރުމަށް ވެސް އެ އަމުރުގައި ވަނީ އަންގާފައެވެ.

މީގެ އިތުރުން، އެފަދަ ކަމެއް ކުރަމުންދާނަމަ އެކަން ހުއްޓުވައިދިނުމަށް ދައުލަތުގެ އިދާރާތަކަށާއި މޯލްޑިވްސް ޕޮލިސް ސާވިސްގެ މައްޗަށް ވަނީ އަމުރު ކޮށްފައެވެ.

ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލް ކުރުމަކީ މާލޭ ސިޓީ ކައުންސިލަށް ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށް ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ)އިން ވެސް ވަނީ ނިންމައިފައެވެ.