29 Mar 2022, 20:30
ވިޔަފާރިކުރުމަށް ހއ. ދިއްދުއަށް ދިޔަ އެއަތޮޅު އުތީމު މީހަކު އެކްސިޑެންޓުވެ އޭނާގެ ހާލު ސީރިއަސްވެފައިވެއްޖެއެވެ.
ދިއްދޫ ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު "ސަން"އަށް ވިދާޅުވީ އެ އެކްސިޑެންޓު ހިނގާފައިވަނީ މިއަދު މެންދުރުފަހު 3:30 ހާއިރުކަމަށެވެ.
އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބުނު މީހާ ވިޔަފާރިކުރަން އެރަށަށް ދިޔައީ ވެސް މިއަދު ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
އަބްދުﷲ ރަޝީދު ވިދާޅުވީ އެ އެކްސިޑެންޓު ހިނގާފައިވަނީ ސައިކަލަށް ދިމާވެފައިވާ ޓެކްނިކަލް މައްސަލައަކާ ގުޅިގެންކަމަށެވެ. ސައިކަލުގެ ސްޕީޑް ތާށިވެފައި ހުރުމުން ސައިކަލު ކޮންޓްރޯލު ނުވެގެން ގޮސް ފިހާރައެއްގެ ބިއްލޫރި ގަނޑުގައި ޖެހުނީ ކަމަށް އޭނާ ވިދާޅުވިއެވެ.
"ސައިކަލު ސްޕިޑް ތާށި ވެފައި ހުރީ ސްޓާޓުކުރިއިރު. އެހެންވެ ސައިކަލު ރޭސްވެގެން ގޮސް ފިހާރައިގެ ބިއްލޫރިގަނޑަށް އެރީ،" ދިއްދޫ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެމީހާއަށް ސައިކަލުގައި އެފަދަ މައްސަލައެއް އުޅޭކަން ނޭނގުމުގެ ސަބަބުން ސްޓާޓް ކޮށްލިއިރަށް ސައިކަލު ރޭސްވީކަމަށެެވެ.
މިވަގުތު އެކްސިޑެންޓު ވި މީހާގެ ހާލު ސީރަސްކަމަށާއި، އެމީހާގެ ގައިގެ އެތަން މިތަނުން ޒަޚަމްތައް ފެންނަން ހުރި ކަމަށް ވެސް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
ޑޮކްޓަރުންނާ ހަވާލާދީ ކައުންސިލްގެ ރައީސް ވިދާޅުވީ އެކްސިޑެންޓު ވި މީހާ ބިއްލޫރި ގަނޑަށް އެރުމުގެ ސަބަބުން އަތުގެ ބައެއް ނާރުތައް ބުރިވެފައިވާކަމަށެވެ.
މިހާރު އެމަޖެންސީކޮށް އެމީހާ މާލެގެނައުމުގެ އިދާރީ ކަންކަން ފުރިހަމަކުރުމުގެ މަސައްކަތްކުރާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ދެންމެ އަޅުގަނޑު ހޮސްޕިޓަލަށް ވަންއިރު މާލެ ފޮނުވުމަށް އާސަންދަ ހަމަޖެއްސުމުގެ މަސައްކަތް ކުރޭ އެބަ. ނަމަވެސް މިއަދު މިކޮޅުގަ ފްލައިޓެއް ނުއެއް ނެތް. އެހެންވެ ފްލައިޓެއް ޗާޓާ ކުރެވޭތޯ އެ އުޅެނީ،" އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.
އެ ފިހާރައަށް ވެސް ވަނީ އެ އެކްސިޑެންޓުގައި ގެއްލުންތަކެއް ލިބިފައެވެ. އެގޮތުން ބިއްލުރިގަނޑު އެއްކޮށް ތަޅައިގެން ގޮސް ފިހާރައިގެ ބައެއް މުދަލަށް ވެސް ގެއްލުން ލިބިފައިވާ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.