29 Mar 2022, 18:34
އިންޑިއާގެ އެފްކޮންސް ކުންފުނިން އައްޑޫ ސިޓީ ހިތަދޫ ސްކޫލަށް ކޮމްޕިއުޓަރު ސިސްޓަމްތަކެއް ހަދިޔާކޮށްފިއެވެ.
ހިތަދޫ ސްކޫލުގެ ޕްރިންސިޕަލް ޑރ. އާސިޔަތު މުޙައްމަދު ދީދީ "ސަން"އަށް ވިދާޅުވީ އެފްކޮންސް ކުންފުނިން ހަދިޔާކުރީ 25 ކޮމްޕިއުޓަރު ސިސްޓަމް ކަމަށެވެ.
ޑރ. އާސިޔަތު ވިދާޅުވީ އެ ސުކޫލުން ކޮމްޕިއުޓަރު ސިސްޓަމްތަކެއް ބޭނުންވެގެން އުޅޭތާ ވަރަށް ދުވަސްވެއްޖެކަމަށެވެ.
"އަޅުގަނޑުމެންނަށް ކޮމްޕިއުޓަރު ސިސްޓަމްތަކެއް ބޭނުންވެގެން އުޅޭތާ ވަރަށް ދުވަސްވެއްޖެ. ކޮމްޕިއުޓަރު ލެބް އަޕްގްރޭޑް ކުރަން ޖެހިފައި މިހާރު އޮތީ،" ޑރ. އާސިޔަތު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ހިތަދޫ ސުކޫލުގެ ކޮމްޕިއުޓަރު ލެބުގެ ގިނަ ކޮމްޕިއުޓަރުތައް ހަލާކުވެފައި ހުރުމުން އެ ސުކޫލުން އިންޑިއާ އެމްބަސީއަށް މީގެ ކުރިން ކޮމްޕިއުޓަރު ހޯދުމަށް ޕްރޮޕޯސަލްއެއް ލާފައިވާނެކަމަށެވެ.
"އެންމެ ފަހުން އައްޑޫއަށް އިންޑިއާ އެމްބެސެޑަރު ވަޑައިގަތްއިރު އަޅުގަނޑުމެން އެދުނުނިން ކޮމްޕިއުޓަރު ސިސްޓަމް ހޯދުމަށް" ޑރ. އާސިޔަތު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެމްބަސީގައި ކޮމްޕިއުޓަރު ހޯދުމަށް އެދުމުން އެމްބަސީގެ ހުށަހެޅުމަަކަށް އެފްކޮންސް އިން ކޮމްޕިއުޓަރު ހަދިޔާކުރީ ކަމަށެވެ.
އިންޑިއާގެ އެފްކޮންސް ކުންފުންޏަކީ އައްޑޫގެ މަގުހެދުމުގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވާ ކުންފުންޏެވެ. އެ ކުންފުންޏާ ހަވާލުކޮށްގެން ހިންގާ މަގު ހެދުމުގެ އެ މަޝްރޫއަކީ އައްޑޫގައި މިހާތަނަށް ހިންގޭ އެންމެ ބޮޑު މަޝަރޫޢޫއެވެ. އެ މަޝްރޫޢު ޖުމްލަ އަގަކީ 1.197 ބިލިއަން ރުފިޔާއެވެ.
މީގެ އިތުރުން އެ ކުންފުންޏަކީ ތިލަމާލެ ބްރިޖު އެޅުމަށް ވެސް ހަވާލުކޮށްފައިވާ ކުންފުންޏެވެ. މިހާރު އެ ކުންފުނިން ކުރިއަށްގެންދަނީ ބްރިޖު އެޅުމުގެ ޖިއޯ ޓެކްނިކަލް ސާވޭތައްކެވެ. ބްރިޖުގެ މަސައްކަތް ނިމޭނެކަމަށް ލަފާކޮށްފައިވަނީ 2024 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ.