ގދ. އަތޮޅު ކައުންސިލްގެ އިދާރާ އާއި ތިނަދޫ މެޖިސްޓްރޭޓް ކޯޓާއި ތިނަދޫ ޕޮލިސް ސްޓޭޝަން އަންދާލި މައްސަލައިގެ ތުހުމަތަށް ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދާއިރާގެ މެންބަރު މުހައްމަދު ގަސަމްގެ ކޮއްކޮއަކާއެކު އިތުރު ހަތް މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ތިނަދޫ ކައުންސިލް މެންބަރު އަލީ އިކުރާމް މިރޭ ވިދާޅުވީ ފުލުހުން މިއަދު ތިނަދޫން ހައްޔަރު ކޮށްފައި ވަނީ ޖުމްލަ އަށް މީހުން ކަމަށެވެ.

އޭނާ ވިދާޅުވީ މިއަދު ހައްޔަރުކުރި މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދާއިރާގެ މެންބަރު މުހައްމަދު ގަސަމްގެ ކޮއްކޮ، ތިނަދޫ، ސަނީޑަލް، ގުސައްޔު އަބްދުﷲ އާއި އެރަށު އަބޫބަކުރު ސްކޫލްގެ އެޑްމިނިސްޓްރޭޓިވް އޮފިސަރު ތިނަދޫ އަބުހަރީގޭ، ޝާހިދު އަލީ އާއި އަދި ތިނަދޫ ދިރާގު އޮފީހުގެ އެޑްމިނިސްޓްރޭޓިވް އޮފިސާ މުހައްމަދު ލިރާރު ގެ އިތުރުން އިންޖީނުގޭގެ މުވައްޒަފަކު ހިމެނޭ ކަމަށެވެ.

"މިއަދު މިރަށުން ހައްޔަރުކުރީ އަށް މީހަކު. އޭގެ ތެރޭގައި ތިނަދޫ ދާއިރާގެ މެންބަރު ގަސަމް ގެ ކޮއްކޮ މިރަށު ސަނީޑަލް، އުސައްޔު އަބްދުﷲ ވެސް ހިމެނޭ،" އިކުރާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުރިން ހައްޔަރުކުރި މީހުންގެ ތެރެއިން ފަސް މީހަކު ރޭ ގޭ ބަންދަށް ބަލުކޮށްފައިވާ ކަމަށެވެ.

ގޭބަންދަށް ބަދަލުކުރި މީހުންގެ ތެރޭގައި އެރަށު ފިޔުލް ސަޕްލައިގައި މަސައްކަތް ކުރާ ދެ މުވައްޒަފަކާއި، އުމުރުން 60 އަހަރުގެ މީހަކު ހިމެނޭކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ފުލުހުން އިއްޔެ ހައްޔަރުކުރި މީހުންގެ ތެރޭގައި 18 އަހަރު ނުފުރޭ ދެ ކުދިން ވެސް ހިމެނޭކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވެފައި ވަނީ ތިނަދޫގެ ތަންތަން ރޯކޮށްލި މައްސަލައިގެ ތަހުގީގަށް ކޯޓުއަމުރެއްގެ ދަށުން ހައްޔަރު ކުރަން ޖެހޭ ފަރާތްތައް ހައްޔަރުކޮށް ސުވާލުކުރަންޖެހޭ ފަރާތްތަކާއި ސުވާލުކުރަމުން ގެންދާނެ ކަމަށެވެ.

ފުލުހުން ރޭ ބުނެފައި ވަނީ ތިނަދޫ އިން ރެއާ ހަމަޔަށް ހައްޔަރުކޮށްފައި ވަނީ ޖުމްލަ 33 މީހުން ކަމަށެވެ.