29 Mar 2022, 15:31
ރާއްޖޭގައި މިހާތަނަށް ހިންގާ، އިއާދަކުރަނިވި ހަކަތައިގެ އެންމެ ބޮޑު މަޝްރޫއުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފިއެވެ.
އެ މަޝްރޫއުގެ ދަށުން ރާއްޖޭގެ އާބާދީ ބޮޑު ހަ ސަރަހައްދެއްގައި އަވިން، 11 މެގަވޮޓްގެ ކަރަންޓު އުފެއްދޭ ނިޒާމު ގާއިމު ކުރާނެއެވެ. އެއީ އައްޑޫ ސިޓީގައި ތިން މެގަވޮޓް، ފުވައްމުލައް ސިޓީގައި ދެ މެގަވޮޓް، ގދ. ތިނަދޫގައި ދެ މެގަވޮޓް، ކުޅުދުއްފުށީ ސިޓީގައި 1.5 މެގަވޮޓް، ބ. އޭދަފުށީގައި 1.5 މެގަވޮޓް އަދި ޅ. ހިންނަވަރުގައި އެއް މެގަވޮޓް ކަރަންޓް އުފެއްދޭ ގޮތަށެވެ.
މިއަދު ހ. މީރުމާގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މަސައްކަތް ހަވާލުކޮށްފައި ވަނީ މެލޭޝިއާގެ މެގަ ފަސްޓް ޕަވާ އިންޑަސްޓްރީސް އެސްޑީއެން ބަރުހާދާއި ޕަވާ ޗައިނާ ހުއަންޑޮންގް އިންޖިނިއަރިން ކޯޕަރޭޝަން ޖޮއިންޓް ވެންޗާއާއެވެ.
އެކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ރަސްމިއްޔާތުގައި އޮންލައިންކޮށް ބައިވެރިވެވަޑައިގެންނެވި، އެންވަޔަރަންމަންޓް މިނިސްޓަރު އައިމިނަތު ޝައުނާއެވެ.

ރާއްޖޭގައި މިހާތަނަށް ހިންގޭ އިޔާދަކުރަނިވި ހަކަތަކައިގެ އެންމެ ބޮޑު މަޝްރޫއުގައި ސޮއިކުރުމުގެ ތެރެއިން -- ފޮޓޯ/ އެންވަޔަރަންމަންޓް މިނިސްޓްރީ
އެ އެއްބަސްވުމުގައި މެގަ ފަސްޓް ޕަވާ އިންޑަސްޓްރީޒް އެސްޑީއެން ބަރްހާދުގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ހެޑް އޮފް ރިނިއުވަބަލްސް ޑިވިޝަން، ޗިން ސަންއެވެ. އަދި ޖޮއިންޓް ވެންޗާގައި ހިމެނޭ ޕަވާ ޗައިނާ ހުއަޑޮން އިންޖިނިއަރިން ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު ސޮންގް ކިން ގޯއެވެ.
އެއީ ރާއްޖޭގައި މިހާތަނަށް އެއް ކޮންޓްރެކްޓެއްގެ ދަށުން އެންމެ ގިނަ އަދަދަކަށް ސޯލާ ޕީވީ ނިޒާމު ގާއިމުކުރާ މަޝްރޫއެވެ.
އެ އެއްބަސްވުމުގެ ދަށުން އުފައްދާ ކަރަންޓު ގަނެވިއްކުމަށް ހަދާ ޕަވާ ޕާޗޭސިން އެގްރީމެންޓްގައި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން، އެކުންފުނީގެ ޑިރެކްޓަރު އަޙުމަދު އަޒްލީމް ވަނީ ސޮއި ކުރައްވާފައެވެ.
އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައި ވަނީ 2023 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައެވެ. އަދި މަސައްކަތްތައް ނިންމައި ކަރަންޓު ފޯރުކޮށްދޭން ފަށާނީ އެ އަހަރުގެ ފަހުކޮޅުގައެވެ.
އެ މަޝްރޫއުގެ އެހީގައި އަހަރަކު ގާތްގަނޑަކަށް 18 މިލިއަން ޔުނިޓްގެ ކަރަންޓް އުފައްދާނެއެވެ. އޭގެ ސަބަބުން އަހަރަކު ކަރަންޓް އުފައްދަން ބޭނުންކުރާ ޑީސަލުން ގާތްގަނޑަކަށް 4.8 މިލިއަން ލީޓަރު މަދުކުރެވި، ޑީސަލް ގަންނަން ކުރާ ހޭދައިން 39 މިލިއަން ރުފިޔާ ކުޑަކުރެވޭނެއެވެ.