ދިހަ ރަށެއްގެ ކޯޓަށް މެޖިސްޓްރޭޓުން ހޯދުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން އިޢުލާން ކޮށްފިއެވެ.

ޖޭއެސްސީން ކުރި އިޢުލާނުގައިވާ ގޮތުން އަށް ރަށެއްގެ ކޯޓަށް އިސް މެޖިސްޓްރޭޓުން ހޯދާއިރު އަނެއް ދެ ރަށުގެ ކޯޓަށް ހޯދަނީ މެޖިސްޓްރޭޓުންނެވެ.

މީގެ ތެރެއިން އިސް މެޖިސްޓްރޭޓުން ބޭނުންވަނީ ގދ. ފަރެސްމާތޮޑާ، ފ. ފީއަލި، ބ. ދަރަވަންދޫ، ތ. ގުރައިދޫ، ށ. ކޮމަންޑޫ، ށ. ފުނަދޫ، ހދ. ނޮޅިވަރަމްގެ އިތުރުން ހއ. ދިއްދޫ މެޖިސްޓްރޭޓް ކޯޓަށެވެ.

އިޢުލާނުގައިވާ ގޮތުން މެޖިސްޓްރޭޓުން ހޯދަނީ ދ. ކުޑަހުވަދޫ އަދި ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓަށެވެ.

އިސް މެޖިސްޓްރޭޓުންގެ އަސާސީ މުސާރައިގެ ގޮތުގައި މަހަކު 21,000 ރުފިޔާ ކަނޑައަޅާފައިވާއިރު މެޖިސްޓްރޭޓުންގެ އަސާސީ މުސާރައަކީ 18،850 ރުފިޔާއެވެ.

މީގެ ތެރެއިން އިސް މެޖިސްޓްރޭޓުންނަށް މުސާރައާއި އެހެނިހެން އިނާޔަތްތަކާއެކު 25،600 ރުފިޔާ މަހަކު ލިބޭއިރު ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެމަތިން ފޯނު އެލަވަންސާއި މެޑިކަލް އިންޝުއަރެންސް ވެސް ލިބިދެވޭނެއެވެ.

މެޖިސްޓްރޭޓުންނަށް މުސާރައާއި އެހެނިހެން އިނާޔަތްތަކުގެ ގޮތުގައި މަހަކު 23،500 ލިބޭއިރު އެބޭފުޅުންނަށް ވެސް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެމަތިން ފޯނު އެލަވަންސާއި މެޑިކަލް އިންޝުއަރެންސް ލިބިދެވޭނެއެވެ.