މާލޭގައި މިހާރު އާއްމު ވަމުންދާ މާރީމާރީތަކާއި ހަމަނުޖެހުންތަކާ ދެކޮޅަށް އަޑު އުފުލުމުގެ ގޮތުން ޒުވާނުންތަކެއް އިސް ނަގައިގެން އުފައްދާފައިވާ ޒުވާނުންގެ އިއްތިހާދުން މިއަދު ހިނގާލުމެއް ބާއްވައިފި އެވެ. މި ހިނގާލުން ފަށާފައިވަނީ ހަވީރު 4:00 ގައި ސޯޝަލް ސެންޓަރު ކައިރިންނެވެ.

ހުދު ހެދުމުގައި، ގާތްގަނޑަކަށް 150 އެއްހާ ޒުވާނުން ބައިވެރިވި އެ ހިނގާލުމުގައި މާލޭގައި މިހާރު ހިނގާ ހަމަނުޖެހުންތައް ހުއްޓާލުމަށާއި ވަތަން އަމާންތަނަކަށް ހެދުމަށާއި ގައުމު އެއްބައިވަންތަ ކުރުމަށް ގޮވާ އަޑުއުފުލި އެވެ. އަދި ފުލުހުންނާއި ސިފައިންނަށް ކުރާ އަނިޔާ ހުއްޓާލުމަށާއި ޒުވާނުންނަށް ފުރުސަތު ދިނުމަށާއި ގައުމުގައި ހަމަނުޖެހުންތައް އޮވެގެން ނުވާނެ ކަމަށް ބުނެ ޝުއޫރު ފާޅުކުރި އެވެ.

ބޮޑުބެރުގެ ހަރަކާތްތަކާއެކު ކުރިޔަށްދިޔަ އެ ހިނގާލުމަށް ނުކުތް ޒުވާނުންވަނީ މަޖީދީ މަގާއި ބޮޑުތަކުރުފާނު މަގުގައި ހިނގާލުމަށްފަހު ކާނިވާ ސަރަހައްދަށް ނިންމާލާފަ އެވެ.

ހިނގާލުން ކުރިއަށްދިޔައިރު އެކި ފަހަރު މަތިން އިދިކޮޅު ފަރާތްތަކުން ވަނީ ހިނގާލުމާއި ދެކޮޅަށް އަޑުއުފުލާފަ އެވެ. އެގޮތުން ހިނގާލުމުގެ ފަހަތުން ސައިކަލުތަކެއްގައި އައި ބަޔަކުވަނީ ހިނގާލުމުގެ ބައިވެރިންނަކީ ބާޣީން ކަމަށް ބުނެ، ރައީސް ވަހީދު އިސްތިއުފާއަށް ވެސް ގޮވާފަ އެވެ. ނަމަވެސް އެއްވެސް ހަމަނުޖެހުމެއް ހިނގާފައެއް ނުވެއެވެ. ހިނގާލުން ނިއްމާލުމުގެ ކުރިން ބައިވެރިންވަނީ ކާނިވާ ސަރަހައްދު ސްޓޭޖް ކައިރީގައި އަތުގުޅާލައި ޕީސް ސައިން އެޅުމަށްފަހު، ފުއްޕާހަންތަކެއް ވެސް ވައިގެ ތެރެއަށް ދޫކޮށްލި އެވެ.

ޒުވާނުންގެ އިއްތިހާދުން މިއަދު ހިނގާލުން ކުރިޔަށް ގެންދިޔަ ގަޑީގައި ޕީޕީއެމާއި މިނިވަން އިއްތިހާދުގެ ނަމުގައި ނުކުތް ބަޔަކު ވެސްވަނީ މުޒާހަރާކޮށްފަ އެވެ. އެގޮތުން ޕީޕީއެމްއިން މިއަދު ހަވީރު ކުރިއަށް ގެންދިޔަ މުޒާހަރާގައިވަނީ ކުރީގެ ސަރުކާރަށާއި މުހައްމަދު ނަޝީދަށް ފާޑުކިޔާފަ އެވެ. ގާތްގަނޑަކަށް 50 އެއްހާ މީހުންނާއި އެކު ކުރިއަށް ގެންދިޔަ އެ މުޒާހަރާގައި ވެސް އިދިކޮޅު ފަރާތްތަކުންވަނީ މުޒާހަރާގެ ބައިވެރިންނާ އިދިކޮޅަށް އަޑު އުފުލާފަ އެވެ. އެގޮތުން މާވެޔޮމަގު ކައިރިން އިދިކޮޅު ފަރާތްތަކުން ވަނީ މުޒާހަރާ ކުރަމުންދިޔަ މީހުން ގަޔަށް ފެންޖަހާ ފައެވެ.

މިނިވަން އިއްތިހާދުގެ ނަމުގައި މަދު މީސްކޮޅަކާއެކު ނުކުތް މީހުން ބޮޑުތަކުރުފާނު މަގުގައި ބޭއްވީ ލޯރި ބުރެކެވެ.