29 Mar 2022, 12:16
ރަމަޟާން މަހުގެ އިނާޔަތުގެ ގޮތުގައި ދޭ ރޯދަ އެލަވަންސް އިއްޔެ ދިނުމަށް ފިނޭންސް މިނިސްޓްރީން އަންގާފައި ވީނަމަވެސް އަދިވެސް އެލަވެންސް ނުލިބޭ ކަމަށް މުވައްޒަފުން ބުނެފިއެވެ.
ފިނޭންސް މިނިސްޓްރީން މިދިޔަ ހަފްތާގައި ނެރުނު ސާކިއުލާއެއްގައި ބުނެފައި ވަނީ އިއްޔެގެ ނިޔަލަށް ރޯދަ އިނާޔަތް ސަރުކާރުގެ މުވައްޒަފުންނަށް ދޭން ޖެހޭނެ ކަމަށެވެ.
ނަމަވެސް ގިނަ މިނިސްޓްރީތަކާއި ހޮސްޕިޓަލްތަކުގެ މުވައްޒަފުންނަށް މިހާތަނަށް އެލަވެންސް ލިބިފައެއް ނުވެއެވެ.
ފިނޭންސް މިނިސްޓްރީގެ މީޑިއާ އޮފިޝަލް މިއަދު މި ނޫހަށް ވިދާޅުވީ އެ މިނިސްޓްރީއަށް ޝީޓްތައް ފޮނުވާ ވަރަކުން ޖަމާ ކޮށްދެމުން އަންނަ ކަމަށެވެ. މިއަދު ވެސް ގިނަ މުވައްޒަފުންތަކަކަށް ރޯދަ އެލަވެންސް ޖަމާ ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"މިނިސްޓްރީއަށް ނުފޮނުވާ ތަންތަނުގެ މުވައްޒަފުންނަށް އަދި ޖަމާ ނުވެ އެ ވަނީ،" އޭނާ ވިދާޅުވިއެވެ.
ވަޒީފާ ބެހޭ ގާނޫނު ބުނާގޮތުން ރޯދަ މަސް ފެށުމުގެ ކުރިން ރޯދަ އެލަވަންސްގެ ގޮތުގައި ރާއްޖޭގައި މަސައްކަތް ކުރާ ކޮންމެ މުސްލިމަކަށް ވެސް 3،000 ރުފިޔާ ދޭންޖެހެއެވެ.