02 Apr 2022, 09:59
"ސަން ބަދިގެ" ޕްރޮގްރާމްގައި ރަމަޟާން މަހުގެ ފުރަތަމަ ދުވަހު ގެނެސްދޭ ޑިޝްއަކީ މުރަނގަމަލު ބަތްޕެނެވެ. ހާރުދަން ގަޑީގައާއި ތަރާވީހް ކެއުމުގައިވެސް މުރަނގަމަލު ބަތްޕެން ހިމެނިދާނެއެވެ. މިއީ ށ. ފުނަދޫގެ ޚާއްސަ ޑިޝްއެކެވެ.
ބޭނުވާނެ ތަކެތި:
2 ޖޯޑު މުރަނގަ މާ
- ބައި ޖޯޑު ކާށިކިރު (ބޯކިރު)
- ބައި ޖޯޑު ހަނޑޫ
- މިރުސް ފަޅިއެއް (ގިތެޔޮ މިރުހުގެ)
- ހިކަނދިފަތެއް
- ކުޑަ ރާނބާފަތް ކޮޅެއް
- 1 ލޮނުމެދު
- 1 ފިޔާ (އާދައިގެ ސައިޒް)
- ވަޅޯމަސް ފަޅިއެއް
- ބައި ސަމުސާ އަސޭމިރުސް
- ލޮނު (ރަހަލާވަރަށް)
- 4 ޖޯޑު ފެން
ތައްޔާރުކުރާނެ ގޮތް
އެންމެ ފުރަތަމަ، ތެއްޔަށް ފެން އެޅުމަށްފަހު އުނދުންމައްޗަށް އުދާނީއެވެ. އެއަށްފަހު ހަނޑޫކޮޅު އަޅާލައި، ކައްކާލާނީއެވެ.
ހަނޑޫކޮޅު ކެކެން ފެށުމުން މުރަނގަމާ ކޮޅު އަޅާލައި ރަނގަޅަށް އެއްކޮށްލާނީއެވެ.
އިރުކޮޅަކު ކައްކާލުމަށްފަހު ފިޔާ، ހިކަނދިފަތް އަދި ރާނބާފަތް އަދި މިރުހާއި ލޮނުމެދު އަޅައި އެއްކޮށްލާނީއެވެ.
ފެންކޮޅު ހިނދެން ކައިރިވުމުން ވަޅޯމަަސް ކޮޅާއި އަސޭމިރުސްކޮޅު އަދި ލޮނުކޮޅު އަޅާނީއެވެ.
ހުރިހާ އެއްޗެއް ރަނގަޅަށް އެއްކޮށްލައި ކައްކާލުމަށްފަހު ކިރު އަޅައި އެއްކޮށްލާނީއެވެ.
މިހާރު މިހުރީ މުރަނގަމަލު ބަތްޕެން ތައްޔާރުވެފައެވެ.
ޓައިޓްލް ސްޕޮންސާ:އެސްޓީއޯ
ލޮކޭޝަން ޕާޓްނާ:ށ. ފުނަދޫ ކައުންސިލް
ގްރެފިކްސް:އަލީ ޝާހިން
ވީޑިއޯ އަދި އެޑިޓިންގް:އަލީ ޝާމިން، މުޙައްމަދު ޝަފީއު
ޓްރެވަލް ޕާޓްނާ:ހޯޕް ޓްރެވަލްސް
ރެސިޕީ ތައްޔާރުކުރީ:ނަޝީދާ ޢަލީ