29 Mar 2022, 10:15
ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގެ ފެންވަރު ދަށްވެ، "ހޮސްޕިޓަލު ހަލާކުވީ" އެ ހޮސްޕިޓަލަށް އައްޔަން ކުރި ބޯޑުގެ ސަބަބުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވިދާޅުވެއްޖެއެވެ.
ގަމު ރީޖަނަލް ހޮސްޕިޓަލަކީ ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލު ކުރުމަށް ނިންމައިފައިވީނަމަވެސް، އެ ހޮސްޕިޓަލުން ދޭ ޚިދުމަތްތަކުގެ ފެންވަރު ދުވަހުން ދުވަހަށް ދަށަށްދާ ކަމަށް ބުނެ މަޖިލީހަށް އެ މައްސަލަ ހުށަހަޅައިފައިވަނީ މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދެވެ.
މި މައްސަލައަށް ބަހުސް ކުރައްވަމުން، މެންބަރު މޫސާ ސިރާޖު ވިދާޅުވީ ގަމު ހޮސްޕިޓަލުގެ ހާލަތު ވަރަށް ބޮޑަށް ދަށް ކަމަށެވެ.
"އެކްސްރޭއެއް ނުނެގޭތާ މިހާރު ތިން މަސް، ދަތުގެ ފަރުވާއެއް ނުލިބޭތާ މިހާރު އެއް އަހަރަށް ވުރެ ގިނަ ދުވަސްވީ، ސްކޭން ޑޮކްޓަރެއް އެއްގޮތަކަށް ނެތްތާ ހަ މަސްވީ، މިހެން ކިޔަން ބައިވަރު ކަންކަން،" ސިރާޖު ވިދާޅުވިއެވެ.
ސިރާޖު ވިދާޅުވީ ހޮސްޕިޓަލުގައި ހުރި މައްސަލަތައް ސަރުކާރުގެ ސަމާލުކަމަށް އެތައް ފަހަރަކު ގެނެސްފައިވާ ކަމަށާއި އެހެންނަމަވެސް އެދެވޭ ހައްލެއް ލިބިފައިނުވާ ކަމަށެވެ. އަދި މި ސަރުކާރު އައުމަށްފަހު، ހޮސްޕިޓަލުގެ ހާލަތު އިހުނަށް ވުރެ ގޯސްވެފައިވާ ކަމަށް ވެސް ސިރާޖު ވިދާޅުވިއެވެ.
މި ސަރުކާރުން ގަމު ހޮސްޕިޓަލަށް ގެނައި މައިގަނޑު ބަދަލަކީ ހޮސްޕިޓަލުގެ ބޯޑެއް އެކުލަވާލުން ކަން ފާހަގަކުރައްވައި ސިރާޖު ވިދާޅުވީ ހޮސްޕިޓަލު ހަލާކުވީ ބޯޑުގެ ސަބަބުން ކަމަށެވެ.
"ބޯޑަށް ހޮސްޕިޓަލު ނުހިންގޭފަދަ ގާބިލު ނޫން ފަރާތްތަކެއް ލައިގެން ހޮސްޕިޓަލު ހަލާކުކޮށްލުން. ހޮސްޕިޓަލު މިހާ ބޮޑަށް ހަލާކުވެގެން ދިޔައީ މިދެންނެވި ގޮތަށް އެއްވެސް ގޮތަކަށް ހިންގުންތެރިކަން ނެތް ފަރާތްތަކުން ނަގައިގެން ބޯޑެއް އެކުލަވާލި ހިސާބުން،" ސިރާޖު ވިދާޅުވިއެވެ.
ސިރާޖު އިތުރަށް ވިދާޅުވީ ހޮސްޕިޓަލުގެ ފެންވަރު ދަށްވުމުގެ ސަބަބުން ފަރުވާ ނުލިބޭ ކަމަށާއި ހޮސްޕިޓަލުން ޚިދުމަތް ހޯދަންދާ މީހުންގެ އަދަދު ވެސް އިންތިހާއަށް މަދުވެފައިވާ ކަމަށެވެ.
"މިހާރު ބޯޑު އެކުލަވާލި ފަހުން ބޯޑެއް ނުހިނގާ، އެތާނގައި ހިންގުނު ކަމަކީ އެކީގައި އުޅުނު ގާތް ބަޔަކަށް ވަޒީފާތައް ބަހާލުން،" ގަމު ރީޖަނަލް ހޮސްޕިޓަލުގެ ބޯޑަށް އިތުރަށް ފާޑުވިދާޅުވަމުން ސިރާޖު ވިދާޅުވިއެވެ.
ގަމު ރީޖަނަލް ހޮސްޕިޓަލަކީ އަތޮޅުގެ އެހެން ރަށްތަކުގެ އިތުރުން ކައިރި ބައެއް އަތޮޅުތަކުގެ މީހުން ވެސް ފަރުވާ ހޯދަމުން އަންނަ ހޮސްޕިޓަލެކެވެ. ހޮސްޕިޓަލު މިހާރު ހިންގަމުން އަންނަނީ ބޯޑެއްގެ ދަށުންނެވެ.
ލާމަރުކަޒީ އުސޫލުން ހޮސްޕިޓަލް ބެލެހެއްޓެވުމަށް ޓަކައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު އެ ބޯޑު އެކުލަވައިލެއްވީ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.