29 Mar 2022, 09:33
ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގެ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ގޮވައިލައި ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައި، ބަހުސް ކުރަން ފަށައިފިއެވެ.
ގަމު ރީޖަނަލް ހޮސްޕިޓަލަކީ ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލު ކުރުމަށް ނިންމައިފައިވީނަމަވެސް، އެ ހޮސްޕިޓަލުން ދޭ ޚިދުމަތްތަކުގެ ފެންވަރު ދުވަހުން ދުވަހަށް ދަށަށްދާ ކަމަށް ބުނެ މަޖިލީހަށް އެ މައްސަލަ ހުށަހަޅައިފައިވަނީ މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދެވެ.
ސަޢީދު ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ ގަމު ރީޖަނަލް ހޮސްޕިޓަލު ޓާޝަރީ ފެންވަރަށް ތަރައްގީ ކުރުމަށް ސަރުކާރުން އިއުލާނުކޮށްފައިވީނަމަވެސް، ހޮސްޕިޓަލުގެ ފެންވަރު ދުވަހުން ދުވަހަށް ދަށަށްދާ ކަމަށެވެ.
ހޮސްޕިޓަލުގެ ޚިދުމަތްތަކުގެ ފެންވަރު ދަށްވެ، ފަރުވާ ކުޑަވުމުގެ ސަބަބުން، ބަލިމީހުންގެ ފުރާނައަށް ނުރައްކާވާ ފަދަ ގިނަ މައްސަލަތަކެއް ހިނގައިފައިވާ ކަން މައްސަލައިގައި ފާހަގަކޮށްފައިވެއެވެ.
"ކޮންމެހެން ޑޮކްޓަރުން ތިބެންޖެހޭ މުހިއްމު ބަލިތަކަށް ޑޮކްޓަރުން ނެތުމާއި ޓެސްޓުތައް ހެދެން ނެތުމާއި، ވަސީލަތްތަކާއި އިމާރާތްވެސް މަރާމާތު ނުކުރެވި ހަލާކުވަމުމުންދާތީއާއި، ބޯޑުގެ ދަށަށް ބަދަލުކުރެވިފައިވާ މުވައްޒަފުންގެ ކަންކަންވެސް ނުބެލެހެއްޓި ހޮސްޕިޓަލުން ދެމުންދާ ޚިދުމަތުގެ ފެންވަރު ދުވަހުން ދުވަހަށް ދަށްވަމުންދާތީ،" ސަޢީދު ވިދާޅުވިއެވެ.
މި މައްސަލަ މަޖިލީހަށް ބަލައިގަތުމަށް ނެގި ވޯޓުގައި ބަލައިގަތުމަށް 20 މެންބަރަކު ވަނީ ވޯޓު ދެއްވަވައިފައެވެ. އަދި މައްސަލަ ބަލައިގަތުމަށް ނުފެންނަ ކަމަށް 11 މެންބަރުން ވޯޓު ދެއްވައިފައިވެއެވެ.
މައްސަލަ ބަލައިގަތުމަށް ވޯޓު ނެގިއިރު، ގަމު ދާއިރާގެ މެންބަރު މުޙައްމަދު ވިސާމް ހާޒިރުވެވަޑައިގެން ނެތްއިރު، މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވި މެންބަރުންގެ ތެރޭގައި ލ. ފޮނަދޫ ދާއިރާގެ އެމްޑީޕީ މެންބަރު މޫސާ ސިރާޖު ވެސް ހިމެނެއެވެ.
ގަމު ރީޖަނަލް ހޮސްޕިޓަލަކީ އަތޮޅުގެ އެހެން ރަށްތަކުގެ އިތުރުން ކައިރި ބައެއް އަތޮޅުތަކުގެ މީހުން ވެސް ފަރުވާ ހޯދަމުން އަންނަ ހޮސްޕިޓަލެކެވެ. ހޮސްޕިޓަލު މިހާރު ހިންގަމުން އަންނަނީ ބޯޑެއްގެ ދަށުންނެވެ.