17 Mar 2012, 19:16
މިއަދު ބޭއްވި ނ. މާފަރު ކައުންސިލް ބައި އިލެކްޝަން އެމްޑީޕީން ކާމިޔާބުކޮށްފި އެވެ. އެމްޑީޕީން މި ގޮނޑި ކާމިޔާބު ކުރީ ހަތަރު ވޯޓްގެ ތަފާތަކުންނެވެ.
މާފަރު ޑީއާރްޕީ ކައުންސިލް މެންބަރެއްގެ ގޮތުގައި ހުރި އިބްރާހިމް މަނިކު ކައުންސިލް މެންބަރު ކަމުން ވަކި ވުމާއި ގުޅިގެން މިއަދު ބޭއްވި ބައި އިލެކްޝަނުގައި އެމްޑީޕީގެ ކެންޑިޑޭޓު ކުރިމަތި އަބްދުލް މާޖިދު އަލީ ގޮނޑި ކާމިޔާބު ކޮށްފައިވަނީ ވޯޓުލީ މީހުން 45.54 ޕަސެންޓް ވޯޓު ހޯދައިގެންނެވެ.
މި ގޮތުން އަބްދުލް މާޖިދަށް 240 ވޯޓުލިބުނުއިރު އެނާއާ އެންމެ ގާތުން ޕީޕީއެމް ޓިކެޓްގައި ވާދަކުރި މުސްލިމް މުހައްމަދަށް ލިބިފައިވަނީ 236 ވޯޓެވެ. އެއީ ވޯޓު ލީ މީހުންގެ 44.78 ޕަސެންޓެވެ.
އަދި އަމިއްލަ ގޮތުން ކުރިމަތި އަބްދުއްރަހީމް އަލީއަށް 12 ވޯޓުލިބުނުއިރު އަމިއްލަ ގޮތުން ކުރިމަތިލި އަބްދުލް ހާދީ އަބްދުﷲ އަށް ވަނީ 39 ވޯޓްލިބިފަ އެވެ.
މި ބައި އިލެކްޝަނުގެ ވޯޓުލުމުގެ ހައްގު 718 މީހުންތިބިއިރު މިއަދު ވޯޓުލާފައިވަނީ 538 މީހުނެވެ. އޭގެ ތެރެއިން 11 ވޯޓުވަނީ ބާތިލްވެފަ އެވެ.
އިލެކްޝަން ކޮމިޝަނުގެ ރައީސް ފުއާދު ވިދާޅުވީ މިއަދު ބޭއްވި އިންތިހާބާއި ގުޅިގެން ދެ މައްސަލައެއް ހުށަހެޅިފައިވާ ކަމަށާއި އެހެން ނަމަވެސް ވޯޓުލުމުގެ ކަންތައް ކުރިއަށް ގޮސްފައިވަނީ ވަރަށް ރަނގަޅަށް ކަމަށެވެ.
އަންނަ މަހުވެސް މާފަރު ކައުންސިލްގެ ބައި އިލެކްޝަނެއް ބާއްވަން ވަނީ އިއުލާންކޮށްފަ އެވެ.