29 Mar 2022, 00:52
ސިޔާސީ ހަރަކާތްތަކުގައި ހަވާ އެރުވުމުގެ ހުއްދަ ނޯންނަކަމަށް ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އިން ބުނެފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުޙަމަދު ނަޝީދު (ކާނަލް) ވިދާޅުވެއްޖެއެވެ.
ކާނަލް "ސަން"އަށް ބުނެފައިވަނީ ޅ. ކުރެންދޫ ކައުންސިލްގެ ރައީސްގެ ބައި އިލެކްޝަން ޕީޕީއެމްއަށް ކާމިޔާބުވުމާ ގުޅިގެން އެކަން ފާހަގަކުރުމަށް ހަވާއެރުވުމަށް ސިފްކޯގައި އެދުމުން ސިޔާސީ ކަންކަމުގައި ހަވާނޭރުވޭނެކަމަށް ބުނެ ޖަވާބުދީފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ހަވާއެރުވުމަށް އެދުނު މެއިލްގެ ޖަވާބުގައި ސިޔާސީ ހަރަކާތްތަކަށް ހަވާ އަރުވަން އެ ކުންފުންޏަށް ހުއްދަ ލިބިފައި ނުވާތީ އެ ކަން ކޮށްދެވެން ނެތްކަމަށް ބުނެފައިވާ ކަމަށެވެ.
އެކަމާ ގުޅިގެން ކާނަލް ވިދާޅުވީ ހަވާއެރުވުމަކީ އެމްއެންޑީއެފްއިން އެކަނިދޭ ޚިދުމަތެއްކަމަށެވެ. އެހެންކަމުން އެފަދަ ޚިދުމަތްތައް ސިޔާސީ ހަރަކާތަކަށް ވުމުން ކޮށްނުދިނުމަކީ ކަންބޮޑުވާކަމެއް ކަމަށް ވެސް ކާނަލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މީގެ ކުރިން އެމްޑީޕީގެ ސިޔާސީ ހަރަކާތްތަކުގައި ސިފްކޯއިންއެތައް ފަހަރަކު ހަވާއަރުވާފައިވާކަމަށެވެ.
ކާނަލް ވިދާޅުވީ ހަވާއެރުވުމަކީ ކުރެންދޫގެ ރައްޔިތުންނަށް އޭނާ ވެފައިވާނެ ވައުދެއް ކަމަށެވެ.
"އަޅުގަނޑު ބުނިން ކުރެންދޫ ރައްޔިތުން ގާތު ބައި އިލެކްޝަން އަޅުގަނޑުމެންނަށް ކާމިޔާބު ވެއްޖެއްޔާ ހަވާއަރުވަދޭނަމޭ،" ކާނަލް ވިދާޅުވިއެވެ.
އެ ވަޢުދު ފުއްދުމަށް އަދިވެސް އޭނާ މަސައްކަތްކުރާކަމަށް ކާނަލް ވިދާޅުވިއެވެ.
"އަޅުގަނޑަށް މިނިސްޓާ މަރިޔާއަށް ގުޅިއްޖެ. މެސެޖު ކުރެވިއްޖެ. އަދި ޖަވާބެއް ނުލިބޭ،" ކާނަލް ވިދާޅުވިއެވެ.